ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ބޮޑު – އުންމީދުތަކަށް ނާއުންމީދު!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ބަޖެޓުގެ އިން 40 ބިލިއަން ރުފިޔާ ފަހަނައަޅައި ދަނީއެވެ. ނަމަވެސް އަދިވެސް ލޮނު ފެނުން ފެން ވަރައިގެން ދިރިއުޅެން ޖެހިފައި ތިބި މީހުންގެ ހާލަތައް އަންނަ ބަދަލެއް ނެތެވެ. މަންމަ އާއި ބައްޕަ އާއިއެކު ދަރިން އެއްކޮޓަރީގައި ނިދަން ޖެހިފައި ތިބި ތިބުމަށް ހައްލެއް ނެތެވެ. ވަޒީފާއެއް ނެތިގެން މަގުމަތީގައި ކާންބޯން ޖެހިފައި ތިބި މީހުންގެ މައްސަލައަށް ހައްލެއް ނެތެވެ. ދައުލަތައް ލިބޭ ފައިސާގެ ބޮޑުބައެއް މާލެއަށް ހަރަދުކޮށްކޮށް ގަރުނެއް ފާއިތުވެ ދަނީއެވެ. މިހާރު ލިބޭ ފައިސާތައް މާލެއަށް އެޅެން ނެތިގެން މާލޭ ސަރަހައްދުގެ ކަނޑަށް ވެސް އަޅަން ފަށައިފިއެވެ. މާލެއަށް ބުރިޖަކަށް ފަހު ބުރިޖެކެވެ. ރާއްޖެތެރޭގެ ނިކަމެތި ރައްޔިތު މީހާގެ ހާލަތު އިއްޔެ އާއި މިއަދާއި އަދި މާދަމާގައި ވެސް ތަފާތެއް ނެތެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ބަޖެޓު ކުރި އަދަދަށް ވުރެ ބޮޑު އަދަދެއް ކެޕިޓަލް ކޮންޓްރިބިއުޝަންސްގެ ގޮތުގައި ކުންފުނިތަކަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އެކުންފުނިތަކުން އާއްމު ރައްޔިތު މީހާއަށް ލިބުނު ފައިދާއެއް ބެލުމެއް ނެތި އަނެއްކާވެސް މިވަނީ ކުރިއަށް އޮތް އަހަރު ވެސް ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ފައިސާ ދޭން ޖެހިފައެވެ. ކުންފުނިތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ސަރުކާރަށް ކޮށްދެވޭ ކަމެއް ފެންނާކަށް ނެތެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މައުލޫމާތަށް ބަލާއިރު ސަރުކާރު ހިއްސާވާ ޖުމުލަ 32 ކުންފުނި އޮންނައިރު އެއީ ސަރުކާރު ސައްތައިންސައްތަ ހިއްސާވާ 22 ކުންފުންޏާއި، ޕަބްލިކް ހަ ކުންފުންޏާއި ޕްރައިވެޓް ސެކްޓާ ބައިވެރިވެގެން ހިންގާ ހަތަރު ކުންފުންޏެވެ. ކުންފުނިތަކުގެ ވެރިން ކުންފުނިތައް ހިންގަން ބޭނުން ގޮތަކަށް ހިންގާ، ބަހަން ބޭނުން ގޮތަކަށް ފައިސާތައް ބަހަމުން ދާއިރު ވެސް ސަރުކާރުން ކަހާ ކަންފަތް ހިރުވާލާ މަންޒަރެއް ވެސް ނުފެނެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހުށަހެޅި ބަޖެޓުގައި ފިނޭންސުން ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ކުރާ ހޭދައަށް ވުރެ ކުންފުނިތަކުން ލިބޭ އާމްދަނީ ކުޑައެވެ. އެގޮތުން ގިނަ ކުންފުނިތައް ހިންގޭ ވަރަށް އާމްދަނީ ނުލިބޭތީ ކޮންމެ އަހަރަކު ކެޕިޓަލް ކޮންޓްރިބިއުޝަންސްގެ ގޮތުގައި ބަޖެޓުން ބޮޑު ހޭދައެއް ހިނގާކަމުގައި ފިނޭންސުން ބުނެފައިވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް އަލަށް ތާރަފުކުރާ ޓެކުހެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނެގުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ސައިޒެއްގެ ކޮތަޅެއް ގަތް ނަމަވެސް އެ ކޮތަޅުން 2 ރުފިޔާ ޓެކުހުގެ ގޮތުގައި ނެގުމަށްވަނީ ނިންމާފައެވެ. މި ޓެކުސް ނަގަން ފަށާނެ ތާރީޚެއް ކަމަށް ބަޖެޓު ބަޔާނުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހެވެ. މި ޓެކުސް ނަގާނީ ވިޔަފާރިކުރާ ފަރާތްތައް (ކަސްޓަމަރުން) އަތުންނެވެ. އަދި މި ސިޔާސަތު ތަންފީޒުކުރުން ލަސްވެއްޖެނަމަ އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އަސަރުކުރާނެ ކަމަށްވެސް ބަޖެޓު ބަޔާނުގައި ލަފާކޮށްފައިވެއެވެ.

އަދި މި ފައިސާ ނެގުން އަންނަ އަހަރުގެ ކުރީކޮޅުގައި ފަށައިފިނަމަ ޖުމްލަ 47.7 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި ދެވަނަ ކުއާޓާގައި އެ ފައިސާ ނަގަން ފަށައިފިނަމަ 35.3 މިލިއަން ރުފިޔާ އަދި 3 ވަނަ ކުއާޓާގައި ނަގަން ފަށައިފިނަމަ 23.5 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި އެ ޓެކުސް ނަގަން ފަށައިފިނަމަ 10 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ދައުލަތައް އާމްދަނީ ހޯދަން އޮތް މަގަކީ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށްވުރެ މާބޮޑަށް ހަރުދަނާ ކަމާއިއެކު ކުރަން ޖެހޭ ކަމެކެވެ. އެއީ އިޤުތިޞާދީ ހަރަކާތް ފުޅާކޮށް، ވަޒީފާތައް އިތުރުކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ދީނީ ޚިދުމަތްތަކަށް ހޭދަކުރުމަށް ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ބަޖެޓުން ދީނީ ޚިދުމަތްތަކަށް ހޭދަކުރި މިންވަރަށްވުރެ 258.7 މިލިއަން ރުފިޔާ މަދުންކަން ވެސް މިއަދު ހުށަހެޅި ބަޖެޓުން ފެންނަން އެބައޮތެވެ.

ބަޖެޓުގެ ތަފުސީލުތަކަށް ބަލާއިރު ދީނީ ޚިދުމަތްތަކަށް ހޭދަކުރުމަށް 2022 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގައި ހިމަނާފައިވަނީ 281.0 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ 0.8 އިންސައްތައެވެ.
ރާއްޖޭގައި އިސްލާމްދީނަށް މީހުންގެ ހިތްތަކުގައި ލޯބި ޖެއްސުން ވަނީ އިތުރު ކުރަން ޖެހިފައެވެ. ރާއްޖޭގެ އަމާންކަމާއި އެއްބައިވަންތަކަން ގުޅިފައި ވަނީ ރާއްޖޭގައި މިއޮތް އިސްލާމްދީނާއި އަހުވަންތަކަމާއިއެވެ. މިއަދު އިސްލާމްދީނުގެ ކަންކަން ބަލިކަށިވަމުންދާ މިދަނޑިވަޅުގައި ދީނީ ކަންކަމަށް ކުރާ ހޭދަ ދަށަށް ދިއުން އެއީ އިންތިހާ ދަރަޖައަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ޖުމްލަކޮށް ބަޖެޓުން ފެންނަނީ ބޮޑެތި އަދަދުތަކެކެވެ. ނަމަވެސް އެހެން އަހަރުތަކެކޭ އެއްފަދައިން އެއީ ހަމައެކނި ހިސާބު އަދަދުތަކަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސަބަބަކީ ބަޖެޓް ތަންފީޒު ކުރުމާއި ބަޖެޓަށް ފައިސާ ހޯދަން ހިމަނާފައިވާ ދޯހަޅި ސިޔާސަތުތަކެވެ. އެސިޔާސަތުތަކަށް ބަލާއިރު މިއަހަރުގެ ބަޖެޓަކީ ވެސް އަވާމެންދުރެއް ކަމަށް ބުނުމުގެ ޖާގަ ވަރަށް ފުރިހަމައަށް މިއޮތީ ފަހިވެފައެވެ.

ރައްޔިތުން މަޖިލީހުގެ ޒިންމާ އަކީ ހަމައެކަނި ބަޖެޓް ފާސްކޮށްލުން ކަމަށް ވެގެން ނުވާނެއެވެ. ކޮންމެ އަހަރަކު ބަޖެޓްކޮށް، ނަމަވެސް މަޝްރޫއުތައް ކުރިއަށް ނުދާ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުން އެއީ ވެސް ރައްޔިތުން މަޖިލީހުން ކުރަން ޖެހޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: