ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޑިއޯ މައްސަލައިގައި ޖޭއެސްސީގެ ނިންމުމަށް އިދިކޮޅުގެ ނުރުހުން!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިކަމަށް ބުނާ ތިން ފަނޑިޔާރުން (ކ-ވ) އަލީ އާދަމް، މުހައްމަދު ސަމީރު އަދި ހުސައިން ފާއިޒް ރަޝާދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްގޫމްގެ ޝަރީއަތް ކުރިޔަށް ގެންދިއުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ ވާހަކަތައް ދައްކާފައިވާ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފަ އެވެ. އޯޑިއޯތަކުގެ މައްސަލައިގައި ފާއިޒް ސަސްޕެންޑު ކުރީ، ދެ މަސް ދުވަހަށެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވީ “ރަހީނުކޮށްގެން” ކަމަށް ބުނެ ވާހަކަ ފާއިޒް ވަހަކަ ދައްކަވާ އޯޑިއޯ އާއި އެކު، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ހުއްކުމް އިއްވި ފަސް ފަނޑިޔާރުންގެ ތެރެއިން އިތުރު ދެ ފަނޑިޔާރުންކަމަށް ބުނާ އޯޑިއޯތަކެއް ވެސް މީޑިއާގައި ދައުރުވި އެވެ. މި އޯޑިއޯތަށް ލީކުކޮށްލާފައި ވަނީ ގާޒީ އަލީ އާދަމާއި ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަށް ބުނެ އެވެ. މައްސަލަ ބެލުމަށް ޖޭއެސްސީން ތިން ފަނޑިޔާރުންގެ ވެސް ސާމްޕަލް ނެގި އެވެ. އަދި އޭގެ ދެ މަސް ފަހުން އެ ކޮމިޝަނުން ބަޔާނެއް އާއްމުކޮށް ބުނީ، އޯޑިއޯ އެނަލިސިސްއިން ދިމާވަނީ ގާޒީ ފާއިޒްގެ އަޑު އެކަނި ކަމަށެވެ.

ލީކު ކުރި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް، ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކިވަކި ކްލިޕްތަކަކުން ގުޅުވައިގެން އެޑިޓް ކޮށްފައިވާ އޯޑިއޯތަކެއްކަން އެނަލިސިސް އިން ފާހަގަކުރެވޭކަމަށް ޖޭއެސްސީން ބުނެ އެވެ. އޭގެ ތެރެއިން ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަ ދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާ ކަމަށާއި އެހެންކަމުން އެއީ ދޮގު ތުހުމަތެއް ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުންގެ މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމީ އެވެ.

ޖޭއެސްސީގެ ބަޔާނުގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒު ހިންގުމަށް އެއްވެސް މަސައްކަތެއް ކުރި ކަމަށް އޭނާ ވިދާޅުވެފައި ނުވާކަމަށް ވަނީ ބުނެފަ އެވެ. ރެކޯޑިންގައި ވަނީ ފާއިޒްގެ އަޑު ކަމަށް އޭނާ އިންކާރު ކުރި ނަމަވެސް، އޯޑިއޯގައި ހިމެނޭ ބައެއް ވާހަކަތަކާއި ފާއިޒްގެ އަޑާއި ދިމާވާތީ، ފާއިޒްގެ މައްސަލަ ބަލަން ނިންމައި އޭނާ ސަސްޕެންޑު ކުރީ އެވެ.

މައްސަލަ ބަލަން ނިންމައި ޖޭއެސްސީން ބުނީ، ފާއިޒުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، 05 ނޮވެންބަރު 2021 އިން ފެށިގެން ވަގުތީ ގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އޭނާއަށް އަންގާފައިވާ ކަމަށެވެ.

މިދިޔަ އޮގަސްޓު މަހުގެ 29 ގައި ލީކުވި އެ އޯޑިއޯގައި ފާއިޒް ބުނާ ގޮތުން ރައީސް ޔާމީނަށް ހުކުމް އިއްވުމަށް އޭނާ އެއްވެސް ރިޝްވަތެއް ނަގާފައި ނުވާނެ އެވެ. ސިޔާސީ މީހުންގެ މައްސަލަ ބެލުން އެއީ “ވަރަށް ފާޑެއްގެ” ކަމެއްގެ ގޮތުގައި ބުނެ ފާއިޒް ވާހަކަ ދައްކާކަމަށް ބެލެވެވެނީ އޭނާގެ ރަހުމަތްތެރިއަކާއި އެވެ. ފާއިޒް ވިދާޅުވާ ގޮތުން މައްސަލައެއްގެ ތެރެއަށް ނުފޫޒެއް ފޯރުވުމަށް ބައެއް ފަހަރު، ރަހީނު ކުރެ އެވެ. އަދި ރަހީނު ކުރުމަކީ ސީދާ އޭނާ ރަހީނު ކުރުން ނޫން ނަމަވެސް އަނބިމީހާ ނުވަތަ ގާތް އެހެން މީހަކު ވެސް ރަހީނުކޮށްގެން އެފަދަ އަމަލެއް ހިންގިދާނެ ކަމަށް ވިދާޅުވެ އެވެ.

ރައީސް ޔާމީނަށް ހުކުމް ކުރީ އެމަނިކުފާނުގެ ކުށެއް އޮވެގެން ނޫންކަމަށް ބުނެ ދައްކަވާ ވާހަކައިގައި ފާއިޒް ވިދާޅުވީ އެ ހުކުމުގެ ފަހަތުގައި ބައިވަރު ސަބަބުތައް އެބައޮތް ކަމަށެވެ. އޭގެ ތަފްސީލެއް ދެވެން ނެތްކަން ފާހަގަކޮށް، ފާއިޒް ވިދާޅުވީ އެއީ ރައީސް ޔާމީނަށް ފައިދާ ވާނެ ހުކުމެއް ކަމަށެވެ. އޭގެ ސަބަބެއްކަމަށް ފާއިޒް ވިދާޅުވަނީ އެއީ ނުހައްގު ހުކުމަކަށް ވުމާއި އެކު އެމަނިކުފާނަށް އޮތް ތާއީދު އިތުރުވުމެވެ. އެކަން 2023 ގައި ވަރަށް ރަނގަޅަށް އެނގިގެން ދާނެކަމަށް ފާއިޒް ވިދާޅުވެ އެވެ.

ލީކުކޮށްލި އަނެއް ދެ އޯޑިއޯގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއަށް ތުހުމަތުތައް ކުރެ އެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވުމުން، ދޭނެކަމަށް ބުނި މަގާމުގެ ކުރިއެރުން ނުދޭ ވާހަކަތަކާއި، ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމުން އެކަމުގެ ޝަކުވާތައް ވެސް ކުރެ އެވެ. އިދިކޮޅުގެ އެންމެ ބޮޑު ޝަކުވާއަކީ އެއީ އެވެ. އެ ކޯލިޝަނުން ގަބޫލު ކުރާ ގޮތުން އަނެއް ދެ އޯޑިއޯ ވެސް ސައްހަ އެވެ.

މި މައްސަލައިގައި މިވަގުތު އިދިކޮޅު ހިންގެވުމާއި ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖޭއެސްސީން އޯޑީއޯތަކުގެ ސައްހަކަން ބެލުމަށް އިހުލާސްތެރި މަސައްކަތެއް ކުރިކަން ގަބޫލެއް ނުކުރާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ފުލުހުންނާއި، އެ ކޮމިޝަންގެ އެފަދަ އޯޑިއޯ އެނަލިސިސްއެއް ތައްޔާރު ކުރުމުގެ ގާބިލިކަން ނެތުމެވެ. އަދި ފުލުހުން ވެސް ޖިނާއީ ތަހުގީގުތައް ހިންގާއިރު، ކޮންޓްރެކްޓު އުސޫލުން އެ މަސައްކަތް އެހެން ބަޔަކާއި ހަވަލު ކުރުމެވެ.

ފަނޑިޔާރުންތަކަކާއި ގުޅުން ހުރި އޯޑިއޯތަކެއް ލީކުވުން އެއީ އާދައިގެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ތަކުރާރުކޮށް އެކި ފަހަރު މަތީން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަށާއި، ފުލުހުންނަށް ޝަކުވާތައް ހުށަހެޅި ކަމަށެވެ. އަދި ޕީޖީ އާއި ބައްދަލުކޮށް ވެސް މި މައްސަލަ ކުރިޔަށް ގެންދަން ބޭނުންވަނީ ބޭރުގެ ބަޔަކާއި ހަވާލުކޮށްގެންކަން ފާހަގަކުރެއްވިކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ލީޑާޝިޕްއިން ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފާއި ބައްދަލުކޮށް ސާމްޕަލްތައް ބޭރަށް ފޮނުވުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ލިބެންޖެހޭ ބައެއް ހުއްދަތަކެއްގެ ވާހަކަ ވިދާޅުވި ކަމަށެވެ. ޓިކެޓުތައް ވެސް ހަމަނުޖެހޭތީ އާއި އެކު އޭނާ އެދުނީ، 10 ދުވަހުގެ މުއްދަތު ދެއްވުމަށް ނަމަވެސް، ދެ ހަފްތާ ފާއިތުވެގެން ދިޔައިރު ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުއްލި ގޮތަކަށް، ރަސްމީ ގަޑިން ބޭރުން އެފަދަ ބަޔާނެއް އާއްމު ކުރުމުން ސުވާލުތަކެއް އުފެދޭކަމަށް އޭނާ ވިދާޅުވި އެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ހަވާލު ކުރީ އަމިއްލަ ބަޔަކާއި ކަމަށެވެ. މިއީ ނުފޫޒު ފޯރުވުމަށް ހުޅުވާލެވޭ ދޮރެއްގެ ގޮތުގައި ފާހަގަކޮށް ސައީދު ވެސް ގޮވާލީ އޯޑިއޯތަކުގެ ތަހުގީގު މިނިވަން އިންސާފުވެރި ތަހުގީގެއްގެ ގޮތުގައި ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ. އެއީ މަސްލަހަތު ފުށު އެރުންކަމަށާއި، ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމި އޯޑިއޯތަކެއް ރާއްޖޭގައި ތަހުލީލު ކުރުމަކީ ޖުޑިޝަރީގެ ތެރެއަށް އަތް ބޭނުންގެ ގޮތުގައި ސައީދު ސިފަ ކުރެއްވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ޖޭއެސްސީން ދެ ފަނޑިޔާރެއްގެ މައްސަލައެއް ނެތްކަމަށް ނިންމި ނަމަވެސް އޯޑިއޯތަކާއި ފާއިޒްގެ އަޑާއި ދިމާވާކަން ހާމަކުރުމަކީ ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ކަމަށެވެ. އޯޑިއޯތަކުގައި ފާއިޒް ދައްކަވަނީ ސީރިއަސް އަދި ޖިނާއީ ވާހަކަތަކެއްކަން ފާހަގަކޮށް ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި މެދު ގާނޫނީ ގޮތުން މިހާރު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގެ އަމިއްލަ އިސް ނެގުމުގެ މައްޗަށް ވެސް މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ފެށުނީއްސުރެ ސަރުކާރުން އައީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. ރައީސް ޔާމީނަށް ކުރީ ސިޔާސީ ހުކުމެއްކަން މިއަދު ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާކަމަށާއި، އެމަނިކުފާނަށް ހުކުމް ކުރީ ކާނިވާ ސަރަހައްދުގައި އިދިކޮޅުން ބޭއްވި ބޮޑު ދެ ޖަލްސާއަށް ފަހު އިދިކޮޅަށް އޮތް ތާއީދު އިތުރުވަމުންދާތަން ފެނުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝިޔާމް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ތިއްބެވީ “ގަން ޕޮއިންޓުގައި” ކަމަށާއި އެ ބޭފުޅުންގެ އޯޑިއޯތަކުން އެކަން ސާފުކޮށް އެނގޭ ކަމަށެވެ. އެބޭފުޅުން އާއިލާ ރަހީނުކޮށްގެން ރައީސް ޔާމީންއަށް ހުކުމްކޮށްފައިވާކަމަށް ވިދާޅުވާ މައްސަލަ ރަނގަޅަށް ތަހްގީގު ކުރަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިއީ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައްގެ ގޮތުގައި ހުށަހަޅަން މަސައްކަތް ކުރުނުް އެ ވަނީ ބޭރުކޮށްލާފަ އެވެ. މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައާ އެއްކޮޅަށް އެއްކޮޅަށް ވޯޓްދެއްވީ އެންމެ ހަތް މެމްބަރުންނެވެ. މަޖިލީހަށް އެ މައްސަލަ ބަލައިގަންނަން ފެނިވަަޑައިނުގަންނަވާ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވި އެވެ. ވޯޓްގައި ބައިވެރިވެވަޑައިގެންނެވީ 27 މެމްބަރުންނެވެ.

މައްސަލަ ބަލައިނުގަތުމަށް ވޯޓު ދިނުމަށް ފަހު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ މިއީ އިދިކޮޅުން އަމިއްލައަށް ތައްޔާރު ކުރި އޯޑިއޯއެއްކަމަށް ބުނެފަ އެވެ. އަދި ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރި އެވެ.

އިދިކޮޅުން މި މައްސަލައިގައި ޕީޖީ އަދި ފުލުހުންނާއި ވެސް ބައްދަލު ކުރި/ ފޮޓޯ: ޕީޕީއެމް

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ގޮވާލައި، މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަންނަކަމަށް ބުނާ އެތައް މައްސަލައެއް ދާދި ފަހުން ފެންމަތިވި އެވެ. ޖޭއެސްސީގައި ސިޔާސީ ބައެއް ތިބުމުގެ ސަބަބުން ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުގައި ސިޔާސީވާކަމަށް ބައެއް ބޭފުޅުން ތުހުމަތުތައް ކުރެ އެވެ.

އޯޑިއޯތަކުގެ މައްސަލައިގައި، އިދިކޮޅުން އެކި ފަހަރު މަތިން އަޑުއުފުލާފައިވާއިރު ސުޕްރީމް ކޯޓުގައި މިހާރު ކުރިޔަށް ދާ ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތަކުގެ މަރުހަލާ ނިމި ދެން އޮތީ ހުކުމް އިއްވުމެވެ. ސުޕްރީމް ކޯޓުން ވަނީ، ނޮވެމްބަރު މަހުގެ ކުރިން ހުކުމް އިއްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

ކޯޓުގައި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް އިދިކޮޅުން ގަބޫލު ކުރެ އެވެ. ސަބަބަކީ، ފާއިޒްގެ އޯޑިއޯ ސައްހަކަމަށް ނިންމި ހިސާބަކީ މުޅި މައްސަލައިގެ ގާނޫނީ ހައިސިއްޔަތު އެކީ ގެއްލުންކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: