ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން ފެންނަ ސިޔާސީ އެކު އަމަލުތަކާއި، ބައިވެރިވާ ސިޔާސީ ހަރަކާތެއްގެ ސަބަބުން އެއްވެސް އިންޒާރަކާ ނުލައި ވަޒީފާއިން ވަކި ކުރެވޭ އިސްލާހު ގެޒެޓުކޮށްފި އެވެ.
2014 ވަނަ އަހަރުގެ އެ ގާނޫނަށް އެކި ފަހަރު މަތީން އިސްލާހުތަކެއް ގެނައި ނަމަވެސް، ސިވިލް ސާވިސް މުވައްޒަފުންނަށް ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭ އުސޫލެއް އެކުލަވާލި މިއީ ފުރަތަމަ ފަހަރެވެ. މި އިސްލާހަށް އަމަލު ކުރަން ފަށާނީ ދެ މަސް ފަހުންނެވެ.
މި ގާނޫނުގެ 272 ވަނަ މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައި ވެއެވެ. އެ މާއްދާގެ (ހ) ގައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގެ ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި މުވައްޒަފަކު ބައިވެރިވެގެން ނުވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މުވައްޒަފުގެ މަގާމުގެ މަސްއޫލިއްތު އަދާ ކުރުމުގައި، ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަކަށް ނުވަތަ އޭނަގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެ މާއްދާގެ (ނ) ގެ ދަށުން މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތު ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން އެއީ ކުށެކެވެ.
އިސްލާހުގައި ސިވިލް ސާވިސް މުވައްޒަފެއްގެ ފަރާތުން ފެނިގެން ނުވާނެ ތިން ދަރަޖައެއްގެ ކުށްތައް ބަޔާންކޮށްފައި ވެއެވެ. އެއީ އެ މުވައްޒަފެއްގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވިޔަސް، ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމާއި، ސިޔާސީ ބަހުސް ކުރުން އަދި ރިޝްވަތު ދިނުމެވެ. ތިން ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިތުރު ބައެއް އަމަލުތަކުގެ ތެރޭގައި ރިޝްވަތު ގަބޫލު ކުރުމާއި، ރިޝްވަތު ހިފުން އަދި ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރު ދިނުން ހިމެނެ އެވެ. މިއީ އިންޒާރަކައި ނުލައި ވަޒީފާއިން ވަކި ކުރެވޭނެ ހާލަތްތައް ބަޔާންކުރާ ކުށްތަކެކެވެ.
ވަޒީފާއިން ވަކި ކުރެވޭނެ އިތުރު ހާލަތްތަކުގެ ތެރޭގައި، އިދާރާގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގުމާއި އޮރިޔާން ކާޑު ގެންގުޅުން އަދި މުވައްޒަފެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ އިންޒާރު ދިނުމާއި، ޖިންސީ ގޯނާގެ މައްސަލަތަކާއި، ދައުލަތުގެ މުދަލުން ވައްކަން ކުރުން އަދި ގާނޫނާއި ގަވައިދާ ހިލާފަށް ދައުލަތުގެ ސިއްރު މައުލޫމަތެއް ހާމަ ކުރުމެ އިތުރުން ރަސްމީ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ފަދަ ކުށްތައް ވަނީ ހިމަނާފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މުވައްޒަފަކާއި މެދު މައްސަލައެއް ބަލައި އަޅާ ފިޔަވަޅަކާއި މެދު ހިތްހަމަ ނުޖެހޭނަމަ އެކަން އިސްތިއުނާފު ކުރުމަށް މީގެ ކުރިން ގާނޫނުން ތިން މަސް ދުވަސް ލިބުނު ނަމަވެސް އިސްލާހު ކުރި ގާނޫނުގެ ދަށުން ލިބޭނީ ދެ މަސް ދުވަހެވެ. އޭގެ ފަހުން އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއް ބެލުމުގެ ގާނޫނީ ބާރެއް ކޮމިޝަނަށް ލިބިގެން ނުވެ އެވެ.
އަލަށް ގެނައި އިސްލާހުގައި މުވައްޒަފުންނާއި މެދު އަޅާނެ އެކި ފިޔަވަޅުތަކުގެ ތަފްސީލު ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި މުވައްޒަފު ސަސްޕެންޑު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާއި އޭގެ ފަހުން އަމަލު ކުރަން ޖެހޭ ގޮތް ހިމަނާފައި ވެއެވެ.

