ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް ސަމިޓުން އުންމީދުތަކެއް އާވެއްޖެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 26) ސަމިޓުން އުންމީދުތަކެއް އާވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް 26 ސަމިޓުގެ ތެރެއިން ޕާލިމަންޓް ލީޑަރުންނަށް ޚާއްސަކޮށް ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ދުނިޔޭގެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ. އަދި ކޮޕް26 ސަމިޓަކީ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް މަސައްކަތްކުރަން ލިބޭ ފަހު ފުރުސަތަށްކަމަށްވުން އެކަށީގެންވާކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުންވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެންމެ ފާހަގަކޮށްލެވެނީ އިންޑިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަަކަފުޅު ކަމަށެވެ. އެގޮތުން އިންޑިޔާއިން ނެޓް ޒީރޯއަށް އަމާޒު ހިފާފައިވާ ކަމަށާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ފަންސާސް އިންސައްތައާއި ހަމައަށް އިތުރުކުރާނެކަން ފާހަގަކުރައްވާ މޯދީ ދެއްކެވި ވާހަކައަށް ރައީސް ނަޝީދު ތާއީދުކުރެއްވިއެވެ. އިންޑިޔާއިން ފާހަގަކުރާ ކަންކަމަކީ ހުސް ވާހަކަތަކެއް ނޫންކަން އެނގޭކަމަށާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭވަރުގެ މަސައްކަތްތަކެއް އިންޑިޔާއިން ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓެކްނޮލޮޖީއާއެކު އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ގައުމުތަކުގެ ލީޑަރުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އިސްނަގައި ރައްޔިތުންނާއިއެކު މިކަމާއި ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ވޯލްޑް ބޭންކް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އަދި އެހެނިހެން އޯގަނައިޒޭޝަންތަކުންވެސް ޖައްވަށް ވިހަ ގޭސް ދޫކުރާނެ ފަދަ މަޝްރޫއުތަކަށް ފަންޑްކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިފަދަ މަޝްރުއޫތަކެއްގެ ޕްލޭންތަކަކާއިއެކު ރާއްޖެއަށް ނައުމަށްވެސް ބޭންކްތަކަށް ރައީސް ނަޝީދަށް ގޮވާލެއްވިއެވެ. ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު އެއްކޮށް ހުއްޓާލާނެ ދުވަހެއް އަންނާނެކަމަށާއި އެހެންނަމަވެސް ދުނިޔެ ސަލާމަތްކުރުމަށް ވަގުތު ކުޑަތަންވަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިވަގުތު އަޅާ ފިޔަވަޅަކުން މެނުވީ ވާނެ ފައިދާއެއް ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއިއެކު ކުރިމަތިވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތެރެއިން ކްލައިމެޓް އިމަޖެންސީ ބިލުގެ މަސައްކަތް އަވަސްކުރުމަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. މިބިލާއިއެކު ކޮންމެ އަހަރަކަށް ކާބަން ބަޖެޓެއް ކަނޑައެޅި 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މިހާރުވެސް މަސައްކަތްތަެއް ކުރަމުންދާކަން ފާހަގަކުރައްވާ އެކަންކަމަށް ރައީސް ނަޝީދު އަލިއަޅުއްވާލެއްވިއެވެ.

މަޖިލީހުގެ ތެރޭގައި ހުރި ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކުވެސް މިފަދަ މައްސަލަތަކުގައި ވަރަށް ގުޅިގެން މަސައްކަތްކުރެވޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސުއިސައިޑް ނޯޓެއްގައި ސޮއިނުކުރައްވާނެކަމަށާއި ގައުމުތަކުގެ މަޖިލީހުގެ ރައީސުން ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: