ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި މަދީ ކަޅު ކޮތަޅެއްގައި މުލިޔާގެއަށް ގެންދަންޖެހޭ ފައިސާ: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި މަދުވަނީ ހަމައެކަނި މުލިޔާގެއަށް ކަޅު ކޮތަޅެއްގައި ގެންދަންޖެހޭ ފައިސާ އެކަނިކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މެމްބަރު ރޮޒެއިނާ ވިދާޅުވީ، ބަޖެޓަކީ ވަރަށް ފުރިހަމަ ރައްޔިތުންނަށް ފައިދާހުރި ބަޖެޓެއް ކަމަށެވެ. ބަޖެޓުގައި މަދުވަނީ އެންމެ ކަމެއް ކަމަށާއި އެއީ އެމްއެމްޕީއާރްސީގެ ފައިސާ އެކަނިކަމަށް ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގެ ބަޖެޓުގައި އެކަމަށް ސީދާ ކަނޑައެޅިގެން ވަކި އަދަދެއް ޖަހާފައި ނެތްނަމަވެސް، އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ނަގަމުންދާ ލޯނުތަކަށް އިދިކޮޅު މެމްބަރުން ފާޑު ވިދާޅުވާކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ ނަގާ ލޯނުތަކުން ކުރަމުން ދަނީ ކީއްކަން ފެންނަމުންދާ ކަމަށެވެ. އެހެންނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން ނެގި ލޯނުތަކުން އައްޑޫ މީދޫ ދާއިރާއަށް ކޮށްދިން އެއްވެސް ކަމެއް ފެންނަން ނެތްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، މިސަރުކާރަށް ތިން އަހަރު ފުރުމާއި ގާތްވިއިރު ކޮވިޑުގެ ހާލަތާއިއެކުވެސް އައްޑޫ މީދޫ ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްެމުންދާ ކަމަށެވެ. އެގޮތުން، މީދޫ އަދި މަރަދޫ ފޭދޫއަށް ފައިބަން މިހާރު ބޭނުންކުރަމުން މިދާ ބަނދަރަކީ ރައީސް ޔާމީންގެ ވެރިކަން ނިމުންއިރު އޮތް ބަނދަރެއް ނޫންކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު، އެވާހަކަތަކަށް އެއްވެސް އަޅާލުމެއް ދީފައިނުވާކަން މެމްބަރު ރޮޒެއިނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ބަނދަރު ބަޖެޓްކުރެވި މިހާރު ބަނދަރުތައް ނިމިފައިވާކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

“އެމްޑީޕީގެ ވައުދެއް އެއީ ވެރިކަމުގެ ފަސް އަހަރު ތެރޭ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުން. އަޅުގަނޑުމެން ލޯނު ނަގައިގެން މިކުރަނީ މުސްތަގްބަލަށް އިންވެސްޓްމަންޓްތައް. އެލޯނުގެ ތެރެއިން 100 މިލިޔަން ރުފިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެކައުންޓްގައި އޮއްވައެއް ތިބޭފުޅުންނަށް ނުފެންނާނެ” ރޮޒެއިނާ

މީގެ އިތުރަށްވެސް ރޮޒެއިނާ ނިސްބަތްވާ ދާއިރާގެ ރަށްތަކުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެދާއިރާއަށް އެއްވެސް ކަމެއްކޮށްދީފައިނުވަނީ މަޖިލީހުގައި އޭރު އެކަމަނާ އިދިކޮޅު މެމްބަރެއްގެ ގޮތުގައި އިންނެވުމުން ކަމަށާއި ރައްޔިތުންނަށް ދަތިވާފަދަ ގޮތަކަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދިޔަކަމަަށް ރޮޒެއިނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އިގްތިސާދީގޮތުން ކުރިއަރައިދާނެ ކަންކަން މިސަރުކާރުން ކުރަމުންދާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެގޮތުން މީދޫގެ ޓުއަރިޒްމް ޒޯން ތަރައްގީކޮށް، ހުޅުމީދޫ ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ނިމި، ތަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ސ އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމްގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި ފުޓްސަލް ދަނޑުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. މީގެ އިތުރަށްވެސް މިސަރުކާރުން ދާއިރާގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: