އަމާޒަކީ ކޮންމެ އަހަރަކު 20 ޕްރިންސިޕަލުން ތަމްރީންކުރުންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރ މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތި ކިޔަވައިދެމުންދާ މައްސަލައަށް ހައްލެއް ހޯދައިދެވޭނީ ކޮން ދުވަހަކުންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މަޑުއްވަރީ ސްކޫލްގެ ޕްރިންސިޕަލް މަގާމުން ވަކިވެފައިވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި ޕްރިންސިޕަލަކު ހޯދުމަށް މަސައްކަތް ފަށައި އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އިއުލާންކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް، ފުރަތަމަ ފަހަރު އިއުލާންކުރުމުން ޝަރުތުހަމަވާ މީހަކު ކުރިމަތިލާފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސެޕްޓެމްބަރު މަހު ދެވަނަ ފަހަރަށް އިއުލާންކުރިކަމަށާއި ޝަރުތު ހަމަވާ މީހަކު މިމަގާމަށް ކުރިމަތިލާފައިވަނީ ތިންވަނަ ފަހަރަށް އެކަމަށް އިއުލާންކުރުމުންކަމަށެވެ. މިހާރު އެމަގާމަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހަކާއި އިންޓަވިއު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިވަގުތު ޕްރިންސިޕަލަކު ފޮނުވުން ލަސްވެފައިވަނީ އޭނާ މެލޭޝިޔާގައި ހުރުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭނާ ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ އިއްޔެ ނޫނީ މިއަދު ކަމަށާއި ރާއްޖެ އައުމާއެކު ހަފްތާއެއްގެ ތެރޭ ސްކޫލަށް ފޮނުވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބައެއް ރަށްތަކަށް ޕްރިންސިޕަލުން ހޯދުމަށް ވަރަށް ދަތިވާ ކަމަށެވެ. ސިސްޓަމްތެރޭ ތިބި މީހުންގެ ތެރެއިން ޕްރިންސިޕަލްކަން ކުރަން ބޭނުންވާ މީހުންގެ ތެރެއިން އެކަން ކުރުމަށް ޝައުގުވެރިވާ މީހަކު ހުރިނަމަ މަޑުއްވަރިއަށް ފޮނުވުމަށް މަސައްކަތްކުރި ކަމަށާއި އެހެންނަމަވެސް އެކަން ކާމިޔާބުވެފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލްތައް ހިންގަން ރަނގަޅު ގާބިލް ބޭފުޅުން ލިބުން މިހާރަކަށް އައިސް ވަރަށް ދަތިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ތައުލިމީ ދާއިރާގެ މުސާރަ ކުޑަވުން ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާ ނުވަތަ ހެޑް މާސްޓަރކަން ހަދާފައިވާ ބޭފުޅުން ކައުންސިލްތަކަށާއި މަޖިލީހަށް ކުރިމަތިލާކަމަށާއި މިކަމުގެ ސަބަބުން ސްކޫލްތަކުން ރަނގަޅު މުދައްރިސުން ގެއްލެމުންދާކަމަށް މިނސިްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމަށް ޓަކަށް ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އެހެން ރަށަކަށް ވަޒީފާއަށް ދާނަމަ އިތުރަށް 3000 ރުފިޔާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޕްރިންސިޕަލުން ޓްރެއިން ކުރުމަށް އެންމެ ފަހުން ފޮނުވާފައިވަނީ 2011 ވަނަ އަހަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު 2020 ވަނަ އަހަރު ޕްރިންސިޕަލްކަން ކިޔަވަން މެލޭޝިޔާއަށް ފޮނުވުމަށް މަސައްކަތް ފެށި ކަމަށާއި ހޖުސްވި އަހަރު އެކަން ނުވީ މެލޭޝިޔާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ތަމްރީން ފުރިހަމަކުރުމަށް މީހުން ފޮނުވުމަށް އިއުލާންކުރެވި މީހުން ހޯދަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ޑިގްރީ ޓީޗިން ހަދާފައިވާ ބޭފުޅުންގެ ތެރެއިން ސްކޫލް ލީޑަރޝިޕް ނުވަތަ އެޑިޔުކޭޝަނަލް މެނޭޖްމަންޓްއިން މާސްޓާޒް ހެދުމުގެ ފުރުސަތު އެބަ ފޯރުކޮށްދެން. އެއް އަހަރުގެ ތަމްރީނެއް މިއީ. އެއް އަހަރު ފަހުން 20 ގާބިލް އާ ޕްރިންސިޕަލުން ލިބިގެންދާނެ“ މިނިސްޓަރ
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު ތިބި ލީޑިން ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްކޫލްވެހި ޕްރޮގްރާމްގެ ދަށުން ގިނަ ސްކޫލްތަކެއްގެ ސީނިއަ މެނޭޖްމަންޓް ޓީމް ތަމްރީން ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިޕްރޮގްރާމްގެ ދަށުން ލީޑިން ޓީޗަރުންނާއި އެއަށްވުރެ މަތީ މަގާމްތަކުގައި ސްކޫލްތަކުގައި ތިއްބެވި ބޭފުޅުންގެ ލީޑަރޝިޕް އަދި ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

