ގުރްއާން އަދި އިސްލާމް ފޮތްތަކުން ގުރްއާންގެ އާޔަތްތަކާއި ސޫރަތްތައް އުނިކުރުމަށް ނިންމާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެޑިޔުކޭޝަން މިނިސްޓްރީއިން ދޮގުކޮށްފިއެވެ.
އަންނަ ދިރާސީ އާއަހަރާއި ދިމާކޮށް ޗާޕްކުރާ ފޮތްތަކުގެ ތެރެއިން ގްރޭޑް 1 އާއި 12 އާއި ދެމެދުގެ ދަރިވަރުންގެ އިސްލާމް އަދި ގުރްއާން މާއްދާގެ ފޮތްތައް ޗާޕްކުރާއިރު އެފޮތްތަކުން ގުރްއާންގެ އާޔަތްތަކާއި ސޫރަތްތައް އުނިކުރުމަށް ނިންމައި އެޑީޔުކޭޝަން މިނިސްޓްރީއިން އެކަން އަންގާފައިވާކަމަށް ބުނެ އެންމެ ފުރަތަމަ ޓުވީޓުކުރެއްވީ ޖަމިއްޔަތުއް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބްއެވެ. އޭނާގް ޓުވީޓުގައި އެޑިޔުކޭޝަނުން އަންގާފައިވާ އެންގުމަކީ ގުރްއާނާއި އިސްލާމަށް ދޭ އަހަންމިއްޔަތުކަން ކުޑަކޮށް ދުރުމުސްތަޤްބަލެއްގައި އިސްލާމްދީނާއި ދިވެހި ދަރީން ދުރުކޮށް، ބީރައްޓެހިކުރުމުގެ އަމާޒުގައި ކުރާކަމެއްކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއިން ބުނީ އެފަދަ އެއްވެސް ކަމެއް ކުރަމުންނުދާ ކަމަށެވެ. ކުރަމުންދާ ހަމައެކަނި މަސައްކަތަކީ ކުށްހުރިކަން ފާހަގަކުރެވިފައިވާ އާޔަތްތަކާއި ސޫރަތްތައް ރަނގަޅުކޮށް އަލުން ޗާޕްކުރުމުގެ މަސައްކަތްކަމަށް އެޑިޔުކޭޝަންއިން ބުނެއެވެ.
ބައެއް ފޮތްތަކުގެ ގުރްއާންގެ އާޔަތްތަކުގައި ކުުށްހުރިކަމާއި ސޫރަތްތައް އެކުވެފައިހުރުމުގެ މައްސަލަތައް ފެންމަތިވެފައިވަނީ މީގެ ދެތިން މަހެއްހާ ދުވަސް ކުރިންނެވެ. ގިނަ ކުށްތަކެއް ފެނަމްތިވުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ އައިޗަތު އަލީ އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކުށް ފެނުނު ގިނަ ފޮތްތައް ފާސްކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށެވެ. އަދި ކުށް ފެނުނު ފޮތްތަކުގެ ތެރެއިން މިސަރުކާރު އައިފަހުން ފާސްކޮށް ޗާޕްކޮށްފައިވަނީ ގްރޭޑް 1ގެ ފޮތްތައް އެކަނިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭރު މިނިސްޓަރ ވިދާޅުވީ ކުށް ފެނުނު ފޮތްތަކުގެ ތެރެއިން ގްރޭޑް 2ގެ ފޮތްތަކަކީ 2015 ވަނަ އަހަރު ފާސްކުރެވި ބޭނުން ކުރަން ފެށި ފޮތްތަކެއް ކަމަށެވެ. އަދި ގްރޭޑް 12ގެ ފޮތްތަކަކީ އޮކްޓޫބަރު 2018ގައި ބޭނުން ކުރަންފެށި ފޮތްތަކެއް ކަމަށެެވެ. މުޅިން އަލަށް ޗާޕްކޮށްގެން ބޭނުންކުރަން ފެށީ ގްރޭޑް 1ގެ ފޮތްތައް ކަމަށް ވިދާޅުވިއެވެ.
ފޮތްތަކުގެ ކަންކަމާއި ކަރިކިޔުލަމްގެ ކަންކަމަކީ އެއްވެސް އިރެއްގައި ސިޔާސީ ބޭފުޅުން ކުރައްވާ މަސައްކަތެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި އަބަދުވެސް މާއްދާތަކުގެ ކަރިކިޔުލަމްގެ ކަންކަން ބަލަހައްޓަމުން ގެންދަވަނީ އެމާއްދާއެއްގެ ފަންނީ ބޭފުޅުން ކަމަށާއި އެގޮތުން އިސްލާމް މާއްދާގެ ކަންކަން ބައްލަވަމުން ގެންދަވަނީ އިސްލާމިކް ޔުނިވަރސިޓީގެ ބޭފުުޅުން ކަމަށެވެ.
ގިނަ ކުށްތަކެއް ފާހަގަވާން ފެށުމުން ބެލެނިވެރިންގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ގިނަ ފާޑުކިޔުންތަކެއްވެސް އޭރު ވަނީ އަމާޒުވެފައެވެ. ފާޑުކިޔުންތަކަށް ރައްދުދެއްވައި މިނިސްޓަރ ވަނީ މިކަމަކީ ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ދެއްކުމަށް އިދިކޮޅުން މަސައްކަތް ކުރިނަމަވެސް، މިކަމަކީ މިސަރުކާރުން ކޮށްފައިވާ ކަމެއް ނޫންކަން ހާމަވެފައިވާ ކަމަށާއި ގުރްއާންގެ އެއްވެސް މިންވަރެއް ނުބައިކޮށް ޗާޕްކުރުމަކީ ކުށެއް ކަމަށެވެ. އަދި މިހާރު މިކަމުގައި އިހުމާލުވި މީހުންނަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފޮތްތައް ރިވިއުކުރުމަށްވެސް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި މައްސަލައިގެ ރިޕޯޓެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭރު ވަނީ ވިދާޅުވެފައެވެ.
އޭގެ ފަހުންވެސް ސްކޫލްތަކުން ދީނާއި ޚިލާފު ނުވަތަ ދަރިވަރުން ދީނާއި ދުރުކުރުވުމަށްޓަކައި ކުރުވަމުންދާ ކަންކަމުގެ ގޮތުގައި ފާހަގަކުރާ ކަންކަން ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން ބޭރު އެކި މުދައްރިސުން ދައްކާފައިވާ ވާހަކަތަކާއި މުދައްރިސުންގެ ހަރަކާތްތަކާއި ދަރިވަރުން ލައްވާ ކުރުވާ މަސައްކަތްތަކުގައިވެސް އިސްލާމްދީނާއި ބީރައްޓެހި ކިތަންމެ ކަމެއް ފާހަގަވަމުންދާކަމަށްބުނެ އެފަދަ ތަފާތު އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

