ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މައްސަލަ އަޅުގަނޑަށް ވުރެ ރަނގަޅަށް ހައްލުކުރެވޭނެ މީހަކު ނެތް:ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތިން އަހަރުދުވަހު މަސައްކަތްކުރި މިންވަރަށް މަސައްކަތްކުރެވޭނެ އެހެން ދިވެއްސަކު ނުހުންނާނެކަަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ތިން އަހަރުދުވަސްތެރޭ ބިދޭސީންގެ މައްސަލަ ހައްލުކުރި މިންވަރަށް ހައްލުކުރެވޭނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ. އަދި އެކަން ވަރަށް ރަނގަޅަށް ކުރެވިފައިވާކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިހާރަތަކާއި ކެފޭތައް ހިންގުމުގައި ދިވެހީންނަށްވުރެ ބިދޭސީންގެ ދައުރު އަދިވެސް ރާއްޖޭގައި ބޮޑުކަން ފާހަގަކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރާ ގޮތަށް ހަދާފައި ހުރުމާއި ތަން ބެލެހެއްޓުމުގެ ޒިންމާއާއި ބިދޭސީއަކު ހަވާލުވެގެން ހުރިކަމުގައިވިޔަސް، އެތަން ރަޖިސްޓްރީކޮށްފައިވާނީ ދިވެއްސެއްގެ ނަން މަތީގައިކަމަށެވެ. އެހެންކަމުން ބިދޭސީއަކު އެމަސައްކަތް ކުރަމުންދާނީ ދިވެއްސެއްގެ ނިވާފަތްގަނޑުގައި ހުރެގެންކަމަށާއި އެކަން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް މިވަގުތު ހުށައެޅިފައިވާ އިސްލާހަކީ އެކަން ހައްލުކުރުމަށް ހުށައެޅިފައިވާ އިސްލާހެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެފަދަ ތަންތަނަކީ ބިދޭސީއަކު ހިންގާ ތަންތަނުގެ ގޮތުގައި ނިންމައި އެތަންތަނަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނީ ގޮތުން ލިބިދީފައިނުވާ ކަމަށެވެ. އެގޮތަށް އަމަލުކުރެވޭނެ ފަދަ ގޮތަކަށް ގާނޫނަށް އިސްލާހު ގެނައުމަކީ އިންސާފަކަށް ނުވާނެކަމަށާއި ހުދުމުހުތާރު މީހަކަށް ގާނޫނު ތަންފީޒުކުރަން ލިބޭ ދުވަހަކުން އެކަމަކީ ނުރައްކާތެރިކަމަކަަށް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބިދޭސީން ގެނައުމަށް ކޯޓާ ވިއްކަމުންދާ ވާހަކަތައް މިހާރު އަޑު ނީވޭނެ ކަމަށެވެ. ހުއްދަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީންގެ ކަންކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ އެކަން އިއުލާންކުރުމާއެކު ގަލޮޅު ދަނޑަށް އައި މީހުންގެ އަދަދު ފެނިފައި ހުދު މިނިސްޓަރުވެސް ސޮނި ވެއްޓުނު ކަމަށެވެ. އެހެންނަމަވެސް، ރެގިޔުލަރައިޒްކުރުމަށް ކުރިއަށް ގެންދުވުނު ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި އެޕްރޮގްރާމްގެ ތެރެއިން ހުއްދަ ލިޔެކިޔުންތައް ހޯދައި ރެގިޔުލަރައިޒްވުމަށް 43،000 މީހަކު ރަޖިސްޓްރީވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮވިޑްގެ ތެރޭގައި އޭގެ ތެރެއިން 10،000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށާއި އިތުރު 15،000 މީހުން އަމިއްލައަށް ގައުމަށް ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރެޖިސްޓްރީވި 43،000 މީހުންގެ ތެރެއިން 6،000 މީހަކު ރެގިޔުލަރައިޒް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމީހުންގެ ތެރެއިން އެކި ސަބަބުތައް މެދުވެރިވެ ރެޖިސްޓްރީ ނުކުރެވުތިބީ 5،000 މީހުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ ދެން ތިބޭފުޅުން ވިދާޅުވޭ އަޅުގަނޑު އިސްތިއުފާ ދެއްވަންވީތޯ!“ މިނިސްޓަރ ފައްޔާޒް

މިނިސްޓަރ ވިދާޅުވީ މިއަދަދުތަކުގެ އިތުރަށްވެސް ނޭނގޭ އަދަދުތަކެއް އަދިވެސް އެބަަހުރި ކަމަށެވެ. ރާއްޖޭގެ އެކި އަތޮޅުތަކަށް ޓީމުތައް ފޮނުވާ ބިދޭސީން ގެންގުޅޭ ދިވެހިންނާއި ވާހަކަދައްކާ މަޝްވަރާކުރެވުނުކަމަށް ވިދާޅުވިއެވެ. މިވާހަކަތަކުގެ ތެރޭގައިވެސް ވިސާ ފީ ދައްކަންޖެހޭ ކަމަށް ބުނާ ހިސާބުން އެއީ ކުރަން ބޭނުންނުވާ ކަމެއްގެ ގޮތުގައި ދިވެހިންވެސް ސިފަކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހިސާބުން އެބިދޭސީން ރެގިޔުލަރައިޒްކުރަން ބޭނުންނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން، ރެގިޔުލަރައިޒްކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ދިވެހިންވެސް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިސިސްޓަމަށް ދިވެހި ރައްޔިތުން އެއްބާރުލުން ދިނުމަށް ވަނީ ގޮވާލާފައެވެ. މިވަގުތު އިމިގްރޭޝަންގައި ޑިޓެންޝަން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެސެންޓަރު ގާއިމްކުރެވުމާއެކު ހުއްދަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީން ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަސައްކަތް ކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ނެތްކަމަށާއި އެބާރު ލިބިފައިވަނީ އިމިގްރޭޝަނަށްވިޔަސް ހައްޔަރުކޮށްގެން ބައިތިއްބާނެ ތަނެއް އިމިގްރޭޝަންގައިވެސް ގާއިމްކުރެވިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ގާއިމްކުރަމުންދާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިމުމުން އެކަމަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުއްދަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީން މަދުކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާއިރު މިކަމަކީ ބިދޭސީން ހައްޔަރުކޮށްގެން ނުވަތަ ކަނޑު ބޯޓަކަށް މީހުން އަރުވައި، ފޮނުވާލައިގެން ކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި އެކަން އެގޮތަށް ނުވެސް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު މިކަންކަން ހައްލުވެގެންދާނެކަމަށް މިނިސްޓަރ ވަނީ މީގެކުރިންވެސް ފާހަގަކުރައްވާފައެވެ.

ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް، ރެގިޔުލަރައިޒްކުރުމުގެ ޕްރޮގްރާމެއް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މިނިސްޓްރީގެ ތެރޭގައި އެމަސައްކަތް ފެށިނަމަވެސް، މީހުން ގިނަވެ ގަލޮޅު ދަނޑަށް ވަނީ އެމަސައްކަތްކުރުން ބަދަލުކޮށްފައެވެ. ތަފާތު އެކި މަސައްކަތްތައް ކުރުވުމުގެ ނަމުގައި އެތެރެކުރާ ބިދޭސީން ހިޔުމަން ޓްރެފިކިންގެ މަޅީގައި ބެދޭއިރު، މިކަމަކީ ހިނގާ ކަމެއްކަން ސަރުކާރުންވެސް މިހާރު ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: