އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަން އޮތް މުއްދަތުގައި ދައްކާފައިވާނެކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ އަހަރީ ފީ ދައްކާފައިނުވާ 3900 އަށްވުރެ ގިނަ ކުންފުނި އުވާލަން އިއުލާނު ކޮށްފައެވެ.
އަހަރީ ފީ ނުދައްކައިގެން އުވާލަން ނިންމި ކުންފުނިތަކުގެ ލިސްޓުގައި މޯލްޑިވިއަންގެ ނަންވެސް ވަނީ ހިމެނިފައެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި ދައްކާފައިވާނެކަމަށެވެ.
މިނިސްޓްރީން ބުނީ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިމާޒްތައް ފުރިހަމަ ކުރުމަށްފަހު، 31 ޖެނުއަރީގެ ކުރިން ލިޔެކިޔުންތަކާ އެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

