ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ދައުލަތަށް: ފިލައިގެން ދާން އުޅޭނަމަ ހެކި ދައްކަވާ!

އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައީސް ޔާމީން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ބޮޑެތި ތުހުމަތުތަކެއްކޮށް ފިލައިގެން ގޮސްފާނެކަމަށް ބުނެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ ކޮން ހެކިތަކެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލު ކުރައްވައި އެ ހެކިތައް ދެއްކެވުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކިޔާ އެކައުންޓަކުން ޖަމާކޮށް އެ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކުރައްވާފަ އެވެ.

ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީކަމަށް ދައުލަތުން ބުނާއިރު މައްސަލައިގެ ހުކުމް ބާތިލުކޮށް އިއްވި ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ވަނީ އެ އެއް މިލިއަން ޑޮލަރުގެ ހަގީގަތް އެނގެން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ.

ހުކުމުގައި ބުނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވީ ކޮން ގޮތަކުންކަން ހޯދިފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރީ ކޮން ބޭނުމެއްގައި ކަން ބެލުމަށް ވެސް ތަހުގީގެއް ނުކުރެވޭ ކަމަށެވެ. އެހެން ކަމުން އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެކަން ބެލުމުގެ ފުރުސަތު އެބައޮތްކަމަށް ހުކުމުގައި ވެއެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީންގެ ހުކުމް ބާތިލު ކުރުމާއި އެކު، ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ އެދުމަށް ރައީސް ޔާމީން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ވަނީ ނެރެފައެވެ. އަދި އެ މުއްދަތު މާދަމާއަށް ހަމަވާއިރު ދައުލަތުން އޮތީ އަނެއްކާވެސް ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާފަ އެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު އަޑުއެހުމެއް ތާވަލު ކުރުމުން ދައުލަތުން ބުނީ ރައީސް ޔާމީން ފިލައިގެން ދާން އުޅޭކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ހިޔަނާތުގެ ތުހުމަތުތަކެއް ކުރެވުނު މީހުން ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ވެސް އެފަދަ ތުހުމަތުތަކެއް ކުރެވޭކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ހިޔާނާތުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ދާން މަސައްކަތް ކުރިކަން ފާހަގަކޮށްފަ އެވެ.

ދެ ފަރާތުގެ ވެސް ވާހަކަތަކަށް ފަހު ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖެ ދޫކޮށް ފިލާނެ މީހެއް ނޫން ކަމަށެވެ. އަދި ފިލައިގެން ދާން އުޅޭކަމުގެ ހެކިތައް އެބަހުރިކަމަށް ދައުލަތުން ބުނާއިރު އެ ހެކިތައް ދައްކައި ސާބިތު ކުރުމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފިލައިގެން ދާން އެމަނިކުފާނު ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. އަދި އެކަމާއި ބެހޭ އެއްވެސް ވާހަކައެއް ފޯމުގައި ނެތްއިރު ފުލުހުންނަށް ލިބިފައި ހުރި ހެކިތައް އެނގެން ބޭނުންވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ދައުލަތުން އެފަދަ ބޮޑު ތުހުމަތެއް އަޅުގަނޑުއާ މެދު ކުރާނަމަ، އެފަދަ ތުހުމަތެއް ބިނާ ކުރާ ހެކިތަކެއް ދައްކަން ވާނެ، ކޮބައިތޯ އެ ހެކިތަކަކީ” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރާއްޖެ ދޫކޮށް ދިއުމުގެ އެއްވެސް ހިޔާލެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ އެފަދަ ފުރުސަތެއް އެބައޮތް ކަމަށާއި މީހަކު ފިލައިގެން ގޮސްފާނެކަމަށް ބެލެވޭ ހާލަތްތައް ހުރިނަމަ އަމުރަކަށް އެދެވޭނެ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ޝަކީލް ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓުމާއި މެދު ގޮތެއް ނިންމަވާނީ މިއަދުގެ 16:00 ގައި ބާއްވާ އަޑުއެހުމެއްގައި ކަމަށެވެ.

ރައީސް ޔާމީން މީގެ ކުރިން ޖަލުގައި ހުންނެވިއިރު ވެސް އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރުވާލުމަށް ސަރުކާރުން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް އިދިކޮޅުން ކުރެ އެވެ. އަދި އެ ވާހަކަތައް މިދިޔަ ހުކުރު ދުވަހު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ފާހަގަ ކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔަމީން ފުރުވާލުން އެއީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔަމީނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރެއްވި ގޮތަށް ބޭސްފަރުވާއަށްކަމަށް ބުނެ ފިލައިގެން ރާއްޖެ ދޫކޮށް ދާނެ ބޭފުޅެއް ނޫންކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނުއިރު، ރައީސް ޔާމީންގެ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ ރ. ފުއްގިރީގެ މައްސަލަ އާއި ވ. އާރަށުގެ މައްސަލަ އެވެ.

މީގެ ތެރެއިން ފުއްގިރީގެ މައްސަލަ އޮތީ ހެކިންނާއި މެދު ގޮތެއް ނިންމުމުގެ މަރުހަލާގަ އެވެ. އަދި ފުއްގިރީގެ މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްވަރު 24 ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: