ހުޅުމާލެއަކީ ވަކި ސިޓީއެއް ކަމަށް ކަނޑައަޅައި، އަވަސް އިންތިޚާބެއް ބާއްވަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެޗްޑީސީ އަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ވެސް ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ.
މިކަމާ ގުޅިގެން ސައުދު ވިދާޅުވީ ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއްނޫން ކަމަށާއި ހުޅުމާލެ ވާންޖެހޭނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގާ ވަކި ސިޓީއަކަށް ކަމަށެވެ.
”ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދެއްވަންވާނީ ލާމަރުކަޒީ އުސޫލުން. ހުޅުމާލެ ވަކި ސިޓީއަކަށް ހަދާ، އަވަސް އިންތިޚާބެއް ބާއްވަންޖެހޭ.” ސައުދު ވިދާޅުވިއެވެ.
އެޗްޑީސީން ބުނަނީ ހުޅުމާލެ އަކީ އެ ކުންފުނީގެ ބިމެއް ކަމަށާއި އެތަނަށް ސިޓީ ކައުންސިލްގެ ބާރު ނުހިނގާނެ ކަމަށެވެ.
އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެ ނިންމުމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށެވެ.

