ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ބެލެނިވެރިން ދަރިވަރުން އިއްޒުދީން ސްކޫލަށް ފޮނުވަން ބޭނުމެއް ނޫން!

އަރަބިއްޔާ ސްކޫލު/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލުގެ އެއްވެސް ދަރިވަރަކު އިއްޒުއްދީން ސްކޫލަށް ކިޔަވަން ނުދާނެ ކަމަށް އަރަބިއްޔާ ސްކޫލުގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަނުން ބުނެފިއެވެ.

ސްކޫލުގެ ޕީޓީއޭއިން އާއްމު ކުރި ނޫސް ބަޔާނުގައި ބުނެފައި ވަނީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އިމާރާތް ހަލާކުވެ، އެ އިމާރާތު ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހަށްޓަށާއި ފުރާނައަށް ނުރައްކާވާ ހިސާބަށް ތަނުގެ ހާލަތު ގޮސްދާނެ ކަމަށް ލަފާކުރެވުމާއި އެކު 2018 ވަނަ އަހަރުން ފެށިގެން ސްކޫލުން ގެންދިޔައީ އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަމުން ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް އިޖާބަ ދިނުމެއް ނެތި ސްކޫލުގެ އިމާރާތް މަރާމާތު ކުރުމަށް ބަޖެޓު ނެތް ކަމުގެ ބަހަނާ ދެއްކެވުމަށް ފަހު، މިއަދާ ހަމައަށް ވެސް އެޑިއުކޭޝަނުން އަރަބިއްޔާގެ އިމާރާތް މަރާމާތު ނުކުރައްވައި ލަސްކުރައްވަމުން ގެންދެވިކަމީ ޢަރަބިއްޔާ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ގަސްތުގައި އިހުމާލުވެލައްވާފައިވާ ކަމުގެ ސާފު ހެއްކެއްކަމަށްވެސް ޕީޓިއޭ އިން ބުނެފައިވެ އެވެ.

ހަމައެއާއެކު، ޕީޓީއޭ އިން ވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅު އަރަބިއްޔާގެ އިމާރާތާ ގުޅޭ ގޮތުން ހެދުނު ވިޝުއަލް އެސެސްމަންޓްގައި ދީފައިވާ ލަފަޔަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރެއްވުމެއް ނެތި، ދަރިވަރުން އަރަބިއްޔާގެ އިމާރާތަކަށް ބަދަލު ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކޮށް ތިބެ، އެ ކުދިންނަށް މިވަގުތު އެއްވެސް ކަހަލަ ނުރައްކަލެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގައި، ދިވެހި އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ހަމަ އެދުވަހުގެ ހަވީރު އަރަބިއްޔާގެ ޕީޓީއޭގެ އެކްސްކޯ އާ ބައްދަލު ކުރެއްވި ޖަލްސާގައި، މިހާރުން މިހާރަށް ވެސް އަރަބިއްޔާގެ ދަރިވަރުން ސްކޫލުގެ އިމާރާތުން ނުކުންނަން ޖެހިދާނެ ކަމަށާއި، އެކަމަށްޓަކައި އިއްޒުއްދީން ސްކޫލުން ޖާގަ ހައްދަވައިދެއްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް ޕީޓިއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާމެދު ވަކި ގޮތެއް ނިންމޭނީ އަރަބިއްޔާގެ ބެލެނިވެރިންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ޕީޓީއޭގެ އެކްސްކޯ އިން ދެންނެވުމުން، މިނިސްޓްރީން ނިންމަވާނީ ބެލެނިވެރިން ވެސް އެދޭ ގޮތަށް ކަމަށާއި، ބެލެނިވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވުމަށްފަހު ދިމާ އިދިކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން އަމަލު ކުރައްވާފައިވާކަމީ، އެޑިއުކޭޝަން މިނިސްޓަރު ދައްކަވާ ވާހަކަފުޅުތަކުގެ ތެދުވެރިކަމާއި އަމާނާތްތެރި ކަމެއް ނެތްކަން ސާފު ވެގެން ދިޔަ ކަމެއް ކަމުގައި ޕީޓިއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެ، އިއްޒުންދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ، ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އެކަން އެހެން ކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމާއި ސުލޫކަށް އަދި އެހެނިހެން ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫ ނުބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ބެލެނިވެރިންނަށް ޔަގީން ކޮށްފައިވެ އެވެ.

މާޒީގައި އަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިކަމަށް ވުމުން، ދަރިވަރުން އިއްޒުދީނަށ ނުފޮނުވާނެ ކަމަށް އަރަބިއްޔާގެ ޕީޓީއޭ އިން ނެރުނު ބަޔާނުގައި ސާފުކޮށް ލިޔެފައިވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: