ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ މީހާ ރާއްޖެ ގެންނަނީ ދިވެއްސެއްކަން އެއީ ގަބޫލުކުރަންޖެހޭ ކަމެއް: އެޗްއާރްސީއެމް

ބިދޭސީން ގާނޫނަށް ފެއްތުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ މީހާ ރާއްޖެ ގެންނަނީ ދިވެއްސެއްކަން، އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ހިޔުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން އެޗްއާރްސީއެމްގެ މެމްބަރު މުއުމިނާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނާއި މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި އެމީހުންނަށް އިހްތިރާމްކުރުމުގެ ސިފަ އަށަގަންނަވަން ޖެހެއެވެ. އެހެންނަމަވެސް މިއަދުވެސް ސޯޝަލް މީޑިޔާގައި އަދި އެހެން ބައެއް ޕްލެޓްފޯމްތަކުގައިވެސް ބިދޭސީންނާއި ހަޑިކޮށް މުހާތަބުކުރާތަން ފެންނަމުންދާ ކަމަށެވެ. މިކަމަކީ ރާއްޖޭގައި ގާނޫނާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއިވެސް ހިލާފްކަމެއްކަމަށް މުއުމިނާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ހިޖްރަވެރިންގެ ދުވަހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެމްބަރު މުއުމިނާ ވިދާޅުވީ ބިދޭސީން ކުރާ މަސައްކަތްތަކަކީވެސް ގަދަރުވެރި މަސައްކަތްތަކެއްކަން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެ މަސައްކަތެއް ކުރި ބަޔަކަށްވިޔަސް، އެކުރާ މަސައްކަތް ބަލައިގަނެ އިހްތިރާމް ކުރަންޖެހޭކަމަށް މެމްބަރު މުއުމިނާ ވިދާޅުވިއެވެ. މުއުމިނާ ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނެސް މަސައްކަތްކުރުވަނީ ކޮންމެވެސް ދިވެއްސެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ތަފާތުކުރުންތައް ނައްތާލައި، އެމީހުންނާއި ރީތިކޮށް މުއާމަލާތްކުރަންޖެހޭ ކަމަށް މުުއުމިނާ ވިދާޅުވިއެވެ. އެހެންކަމުން އެމީހުންނާއިމެދު ނަފްރަތު ނުއުފެދޭނެ ފަދަ ގޮތަކަށް މުހާތަބުކުރުމަށް އިސްކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބައިނަލްއަގްވާމީ ހިޖުރަވެރިންގެ ދުވަހުގެ މިއަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ”ހާނަސިން ދަ ޕޮޓެންޝަލް އޮފް ހިޔުމަންް މޮބިލިޓީ“އެވެ. ޝިއާރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މުއުމިނާ ހިޖުރަކުރުމުގެ ފުރުސަތު އެންމެންނަށްވެސް އެބައޮންނަ ކަމަށެެވެ. އެހެންކަމުން ހިޖުރަކުރާއިރު އެމީހަކަށް ލިބިފައިވާ ހުނަރާއި ތަޖުރިބާ އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތްތައް ގައުމުތަކުން ބިދޭސީންނަށްވެސް ހާމަކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި މުއުމިނާ ވިދާޅުވިއެވެ. މިކަމަށް ބާރުދޭ ޝިއާރެއް މިއަހަރު ކަނޑައަޅާފައި އޮތުމުގެ ސަބަބުން ކުރިއަށް މިއޮތް އަހަރު މުޅި ދުނިޔެއިންވެސް މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް ގަބޫލުކުރެވޭ ކަމަށް މުއުމިނާ ވިދާޅުވިއެވެ.

މުއުމިނާ ވިދާޅުވީ ރާއްޖޭގައިވެސް ހިޖުރަކުރާ މީހުންނަށް ލިބިދީފައިވާ ހައްގުތަކެއްވާކަމަށެވެ. ރާއްޖޭގެ ގާނޫނުގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުންވެސް މިފަދަ ހައްގުތައް ފޯރުކޮށްދޭންޖެހޭ ކަމަށް މުއުމިނާ ވިދާޅުވިއެވެ. އެގޮތުން ދިވެހިރައްޔިތަކަށް ވީތީ ލިބެންޖެހޭ ހައްގުތައް ފިޔަވައި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެން ހުރިހާ ހައްގުތަކަކީވެސް ބިދޭސީންނަށް ލިބެންޖެހޭ ހައްގުތަކެއްކަމަށް މުއުމިނާ ވިދާޅުވިއެވެ. ޚާއްސަކޮށް ވަޒީފާ އާއި ބެހޭ ގާނޫނާއި، ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް މުއުމިނާ އަލިއަޅުއްވާލެއްވިއެވެ.

މިވަގުތު ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ބޮޑަށް ދިމާވާ ނުރައްކަލެއްގެ ގޮތުގައި އޮތީ ހިޔުމަން ޓްރެފިކިންގެ މައްސަލަކަމަށް މުއުމިނާ ފާހަގަކުރެއްވިއެވެ. މިވަގުތު ސީދާ މިކަމާއި ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާއެއްގައި ސޮއިކުރެވިފައި ނެތަސް ބައިވެރިވެފައިވާ އެހެން މުއާހަދާތަކުން އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ބާރުދޭކަން މުއުމިނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ދައުލަތުގެ މުއައްސަސާތަކުންވެސް ކުރިއަށްވުރެ ގިނަ މަސައްކަތްތަކެއް ހިޔުމަން ޓްރެފިކިންއާއި ދެކޮޅަށް ކުރަމުންދާކަން މުއުމިނާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ ހިޖުރަވެރިންގެ ދުވަހުގެ މުނާސަބާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ފެއަރ އޮތީ މިމަހުގެ 24 ވަނަ ދުވަހު ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައެވެ. ފެއަރ ކުރިއަށްދާނީ މެންދުރު 2:00އިން އިރުއޮއްސި 6:00އަށެވެ. ފެއަރގެ ތެރެއިން ބިދޭސީންނަށް އިންސާނީ ހައްގުތަކާއި ގުޅުންހުރި ތަފާތު މައުލޫމާތުތަކާއި ސިއްހީ މައުލޫމާތުތައް ފޯރުކޮށްދެވޭނެކަމަށް މުއުމިނާ ވިދާޅުވިއެވެ. ބައިނަލްއަގްވާމީ ހިޖްރަވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު 18 ވަނަ ދުވަހެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: