ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ބޭރު ކުރިޔަސް އޭސީސީއަށް ވަޒީރަކު ހާޒިރު ކުރާނެ!

މަޖިލީހަށް އޭސީސީ ހާޒިރުކޮށް މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުސޫލާއި ހިލާފަށް ވަޒީރުންތަކެއްގެ މައްސަލަ ބަލަމުންދާކަމަށް ބުނެ، އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިޓީއެއް ފޮނުވަން ހުށަހެޅި ހުށަހެޅުން ބޭރުކޮށްލާފައި ވަނިކޮށް ކޮމިޝަނަށް ވަޒީރަކު ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު “ސަންގު” އަށް ލިބިއްޖެ އެވެ.

ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ވަޒީރަކު ހާޒިރު ކުރުމަށް ހަމަޖެހިފައިވޭތޯ ސުވާލު ކުރުމުން، އޭސީސީގެ މީޑިއާ އޮފިޝަލް ސީދާ އެކަން ދޮގު ނުކުރައްވަ އެވެ. ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ސުވާލު ކުރުމަށް އެކި ބޭފުޅުން ހާޒިރު ކުރުން އެއީ އާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަޒީރަކު ނުވަތަ އެހެން މީހަކު ވެސް މައްސަލައެއްގައި ސުވާލު ކުރަން ހާޒިރު ކުރަނީ ސީދާ ވަކި ދުވަސްވަރަކާއި ގުޅުވައި ނޫންކަމަށް އޭނާ ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަށް ސުވާލު ކުރަންޖެހޭ މީހުންނާއި ސުވާލުކޮށް، ހާޒިރު ކުރާނެ ކަމަށެވެ.

އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެތީ ކަމަށް ބުނެ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށާފައިވަނިކޮށް، އުސޫލާއި ހިލާފު އަމަލުތަކެއް ހިންގާ މައްސަލައެއް މަޖިލީހުގެ މިނިވަންމުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައި ވަނީ، ތިން މެމްބަރެއްގެ ސޮޔާއި އެކު އެވެ. އޭސީސީގެ މެމްބަރުންގެ މައްޗަށް ތުހުމަތުތަކެއްކޮށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން އުސޫލާއި ހިލާފަށް، ވަޒީރުންގެ ބައެއް މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ދައުލަތުގެ ގިނަ ބޭފުޅުންގެ ބަޔާންތަކެއް ނެގުމުގެ މަސައްކަތްތަކެއް އޭސީސީން ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ އުސޫލާއި ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ކޮމިޝަނަށް އަންގަން އޭނާ ހުށަހެޅުއްވި އެވެ.

އޭސީސީގެ މެމްބަރުންގެ މައްޗަށް އެ ތުހުމަތުތައް ކުރަންވީ ސަބަބު ސާފުނުވާކަން ފާހަގަކޮށް، ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ފުރުސަތު ދޭންވާނެ ކަމަށެވެ. އުޝާމް ވިދާޅުވީ ދައުލަތުގެ ކިތަންމެ ބޮޑު މަގާމެއް އަދާ ކުރަމުން ދިޔަސް، ތަހުގީގީ އިދާރާއަކުން އެ މީހަކު ހާޒިރުވާން އަންގައި ޗިޓު ފޮނުވުމުން އެއަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އޭސީސީގެ ޒިންމާ އަދާކުރުމަށް ކުރަމުންދާ އެއްވެސް، މަސައްކަތަކަށް މަޖިލީހުގެ ތެރެެއިން ނުފޫޒު ފޯރުވުން އެއީ ރަނގަޅު ގޮތެއް ނޫންކަން އުޝާމް ފާހަގަ ކުރެއްވި އެވެ.

އުޝާމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވީ އެ މައްސަލަ ކުރިޔަށް ނުގެންދިއުމަށެވެ. މެމްބަރުންގެ މެދުގައި ނެގި ވޯޓު އެއްވަރުވުމުން، ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވޯޓު ދެއްވީ ސަނީފްގެ ހުށަހެޅުމަށެވެ.

މީޑިއާތަކުން މިކަން ރިޕޯޓު ކުރުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އުސޫލާއި ހިލާފަށް އެއްވެސް މައްސަލައެއް ބެލުމުގެ މަސައްކަތް ކޮމިޝަނުން ނުކުރާ ކަމަށެވެ. އޭގެ ކުރިން ވެސް މީޑިއާތަކަށް މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭކަން ފާހަގަކޮށް ޝިއުނާ ވާހަކަ ދެއްކެވި އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމީ އެ ކޮމިޝަނުގެ މިދިޔަ ފަސް އަހަރުގެ އޮޑިޓެއް ހެދުމަށްފަހު މެމްބަރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.

ކޮމިޓީން މިގޮތަށް ނިންމިއިރު، މަގާމުން ވަކި ކުރާ މައްސަލައިގައި ޖަވާބުދާރީވުމަށް ދިން މުއްދަތު މިއަދަށް ހަމަވާނެ އެވެ. އޮޑިޓު ރިޕޯޓަަކަށް ރިއާޔަތްކޮށް އޭސީސީގެ މެމްބަރުން ވަކި ކުރާއިރު އޭގެ ކުރިން ވެސް ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތައް ދިގުލައިގެންދާ ޝަކުވާތައް އޮތީ އިތުރުވެފަ އެވެ. 2015، ޖެނުއަރީ 01 އިން ފެށިގެން 2020 ޖުލައި 31 ގެ ނިޔަލަށް އޭސީސީން ކުރި މަސައްކަތުގެ އޮޑިޓުގައި މި ސަރުކާރުން އައްޔަނު ކުރި މެމްބަރުންގެ އެއް އަހަރު ދުވަހުގެ މަސައްކަތް ވެސް ނުހިމެނެ އެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޭސީސީގައި ރެޖިސްޓްރީ ކުރި 7،113 މައްސަލައެއްގެ ތެރެއިން 5،476 މައްސަލައެއް ނިންމައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރެ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ މީގެ ތެރެއިން އެންމެ އިންސައްތަ އެކެވެ.  އޮޑިޓުން ފާހަގަކޮށްފައިވާ ގޮތުގައި 2019 އަދި 2020 ގައި އޭސީސީން ނިންމި މައްސަލަތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. ރެޖިސްޓްރީކުރި މައްސަލައިގެ ތެރެއިން 329 މައްސަލައެއް އެއްވެސް މިންވަރަކަށް ވަޒަން ކުރެވިފައި ނުވާއިރު، ކޮންމެ މުވަޒަފަކު އެވްރެޖުކޮށް 110 ކޭސް އިވެލުއޭޓު ކުރަން ޖެހެ އެެވެ.

އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ، ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމެޓީން ނިންމި ފަހުން މެމްބަރު އިބްރާހިމް ޝަކީލް އާއި މެމްބަރު އަޝްރަފު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: