ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ”އިންޑިއާ އައުޓް“އަށް ގޮވިއަސް ރައްޔިތުންނަށް އަޑު ނީވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ ގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަމުން ބޮންޑެ ވިދާޅުވީ ”އިންޑިއާ އައުޓް“އަށް ގޮވައި، ހިންގާ ހަރަކާތްތަކަކީ ރައްޔިތުންގެ ސަމާލުކަން ލިބޭ ހަރަކާތްތަކަށް ނުވާކަމަށެވެ. ފަހި އާއިލާއެއް ބިނާކުރުމަށް އަވަދިނެތި އުޅޭ ރައްޔިތުންނަށް އެއަޑު ނީވޭނެކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ’އިންޑިއާ އައުޓް‘ ޖަހާފައިވާ ޓީޝާޓެއްގައި ނިކުމެ ވަޑައިގެން ހަރަކާތްތަކުގައި ބައިވެރި ވުމަކީ ދުނިޔޭގެ ހިސާބުތަކުން ރާއްޖެއާއި މެދު ސުވާލު އުފައްދާނެ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި އިންޑިއާ އައުޓުގެ ނަމުގައި ހިންގޭ މި ހަރަކާތްތައް ރާއްޖޭގެ މީޑިއާ ތަކުން ދެއްކުމުގެ ބަދަލުގައި އިގްތިސޯދު ކުރިއެރުވުމުގެ ގޮތުން އެކި ހިސާބުތަކުގައި ހިންގޭ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތާއި ހަރާކާތްތައް ދެއްކުން މާ ރަނގަޅުވާނެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރައްޔިތުންގެ ޖީބަށް އެންމެ ގިނަ ފައިސާ ވަންނަނީ އެމްޑީޕީގެ ވެރިކަމެއްގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުންތޯ ނުވަތަ ރައީސް ޔާމީން ޓްރޭޑް މިނިސްޓަރަކަށް ހުންނަވައި ކުރި މަސައްކަތުގެ ސަބަބުންތޯ ބޮންޑެ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި ގާއިމުކުރެވުނު 7000 ހައުސިން ޔުނިޓަކީ ބޯހިޔާވަހި ކަމަށް އޮތް ވަގުތީ ހައްލެއް ކަން ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތަނުގައި ދިރިއުޅޭ މީހުން ދިރިއުޅެނީ ހިތްހަމަޖެހިގެން ނޫން ކަމަށާއި ލިބެން ޖެހޭ ހިދުމަތްތަކުގައި ދަތިތަކެއް ވުމާއި އެކު މިއީ ރައްޔިތުންނަށް ދޭންޖެހޭ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލުކަމުގައި ދެކިނުލައްވާކަމަށް ބޮންޑޭ ވިދާޅުވިއެވެ.
އެމްޑީޕީގެ އުއްމީދަކީ ރައްޔިތުންނަށް ފައިދާހުރި ކަންތައް ކޮށްދިނުން ކަމަށާއި ޖަޒީރާ ރާއްޖޭގެ ގޮތުގައި ރާއްޖެ ލޭބަލް ކުރަމުންދާ އިރު ރައްޔިތުންނަށް ދީފައިވާ ވަގުތީ ބޯހިޔާވަހިކަމުގެ ހައްލު ދާއިމީ ހައްލަކަށް ބަދަލު ކުރަން ޖެހޭކަމަށް ބޮންޑެ ވިދާޅުވިއެވެ. ހަމައެއާއި އެކު އޭނާ ވަނީ މާލެ އަކީ ރާއްޖޭގައި އެންމެ އަބާދީ ބޮޑު ސިޓީ ކަމަށް ވުމާއި އެކު މާލޭގައި ދިމާވާ ބޯހިޔާ ވަހިކަމުގެ މައްސަލަތަަކަށް ހައްލު ގެނެވޭނީ ރައްޔިތުންނަށް ދާއިމީ ހައްލު ތަކެއް ދީގެން ކަމަށް ވިދާޅުވެފައެވެ. މާލޭގެ އާބާދީ ބޮޑުވެ ތޮއް ޖެހިފައިވުމަކީ ކެޕިޓަލް ސިޓީގެ ގޮތުގައި މާލެ ސިޓީ ކަނޑައަޅަން ލަދު ގަންނަން ޖެހޭ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވަރަށް މަގު ފުޅާކޮށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފެށި ’ވެށިފަހި މާލެ‘ ޕްރޮޖެކްޓް ހިންގައި ކަން ފަސޭހަ ކޮށްދިނުމުގެ އިތުރުން ރައްޔިތުންނަށް ބިން ކޮޅެއް ދިނުމަކީ އެމްޑީޕީގެ މަގްސަދުކަމަށް ބޮންޑޭ ފާހަގަކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އޭނާގެ ވިސްނުން ނޫންކަމަށާއި އެމްޑީޕީ ގެ ކޮންމެ މެމްބަރެއްގެ ވިސްނުން ވެސް ހުންނާނީ މިހެންކަމަށް ވިދާޅުވިއެވެ.
“ އިންދާލެވޭ އޮށެއްގެ ސަބަބުން ގަހެއް ފަޅާ ފަދައިން، މެމްބަރުންގެ ހިތުގައި އޮތް އުއްމީދުގެ ހުޅުކޮޅުގެ ސަބަބުން މާލޭ ގެ ރައްޔިތުންގެ މި މައްސަލަަ ހައްލު ވެގެންދާނެ“ ބޮންޑެ
ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ ޑީމޮކްރަސީ އަކީ ހަރަކާތެއްކަމަށެވެ. ޑިމޮކްރަސީ އަކި ކުޅި ބަލަން ތިބި ބައެއްގެ ކުޅިވަރެއް ނޫންކަމަށާއި، ޑިމޮކްރަސީގެ 65 މެމްބަރުން އައްޔަން ކުރުމަކުން އަދި ގައުމުގެ ހާލު ރަނގަޅުވީ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީގެ އާއްމު މެމްބަރުންގެ ބައިވެރިކަން އިންތިހާއަށް މިއަދު މުހިންމު ވެފައިވާއިރު، ބައިވެރިވުން މުހިންމު ވަނީ ކުރެވޭ މަސައްކަތަކީ ހަމައެކަނި ނަފްސަށް ކުރާ މަސައްކަތަކަށް ނުވުމުން ކަމަށް ބޮންޑެ ވިދާޅުވިއެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ކޮށްދޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. 3000 އަހަރުގެ މުއްސަނދި ތާރީހެއް އޮތް ގައުމެއްގައި މިހާރު ކުރެވޭ މަސައްކަތަކުން ރާއްޖޭގެ ފަހި މުސްތަގުބަލް ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

