ސިޔާސީ ގޮތުން ފޯރުވޭނެ އެއްވެސް ނުފޫޒެއް ނޯންނާނެކަމާއި، އަންގާ ކޮންމެ އެންގުމަކަށް އަމަލު ނުކުރާނެކަން ފަހުރުވެރިކަމާއި އެކު ސާބިތުކޮށްދީފައިވާނެކަމަށް ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ފާސްކޮށް ތަޅުމަށް ފޮނުވަށް ތައްޔާރުވެފައި ވަނިކޮށް ހުރިހާ މެމްބަރުން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ފަސް އަހަރު ދުވަހުގެ ޕާފޯމަންސް އޮޑިޓަކަށް ރިއާޔަތްކޮށް މެމްބަރުން މަގާމުން ވަކި ކުރުމަށް ނިންމިއިރު، އޭގައި ހިމެނެނީ އިސްތިއުފާ ދެއްވި މެމްބަރުންގެ އެންމެ 10 މަހުގެ މަސައްކަތެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ބަހުސްތައް ކުރިއިރު، މަޖިލީހުގެ މެމްބަރުން ވަނީ ސަރުކާރުން ބޭނުންވާ ސްޕީޑެއްގައި ކޮރަޕްޝަނުގެ މައްސަލަތައް ނުބެލޭކަމަށް ބުނެފަ އެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ވެސް ބައެއް މެމްބަރުން ފާހަގަ ކުރި އެއް ނުކުތާއަކީ މަޖިލީހަށް މިނިވަން މުވައްސަސާއަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމެވެ. އަދި ވަކި މައްސަލައެއް އެއީ އުސޫލާއި ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި އަންގައި، ވަޒީރުން ކޮމިޝަނަށް ހާޒިރު ނުކުރުމަށް ނޭންގޭނެކަން ފާހަގަ ކުރި އެވެ. އެއީ ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގައި ވަޒީރުންތަކެއް ހާޒިރު ކުރާކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އެކަން ހުއްޓަން އަންގައި ސިޓީ ފޮނުވަން ކޮމިޓީއަށް ހުށަހެޅުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުވި 22 ސޮފުހާގެ ސިޓީގައި ޝިއުނާ ވިދާޅުވީ އޭސީސީއަކީ އެއްވެސް ފަރާތަކަށް ބުރަ ނުވެ، މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު މަސައްކަތް ކުރަންޖެހޭ މުވައްސަސާއެއް ކަމަށެވެ. އަދި ކޮމިޝަނުން މަސައްކަތް ކުރަންޖެހޭނީ އެއްވެސް ޖެހިލުމެއް ނެތި ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލުމަށް ކަމަށެވެ. ގާނޫނު އަސާސީގައި އެހެން ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު މިނިވަން މުސްތަގިއްލު އެހެން ކޮމިޝަންތަކާ ހިލާފަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖެހިލުންވުމެއް ނެތި މަސައްކަތް ކުރަންވާނެކަމަށް ކަނޑައަޅާފައި އޮތް އޮތުމާއި މެދު ތައައްސުބުން އެއްކިބާވެފައިވާ ވިސްނުމަކުން މިއަދު ވިސްނާލަން ޖެހޭކަމަށް ޝިއުނާ ވިދިދާޅުވި އެވެ.
އޭގެ ސަބަބެއްކަމަށް ޝިއުނާ ވިދާޅުވީ ކޮރަޕްޝަނާއި ދެެކޮޅަށް މަސަައްކަތް ކުރާނެކަމަށް ބުނެ ދެކެވޭ ވާހަކަތައް އަަމާލާއި ބަހުން ދެއްކުމަށެވެ. ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރި ދެ އަހަރުގެ ތެރޭގައި އެންމެ ބޮޑު އަމާޒަކަށްވީ ޖެހިލުމެއް ނެތި މަސައްކަތް ކުރުންކަން ފާހަގަކޮށް ޝިއުނާ ވިދާޅުވީ މަގާމުން ވަކިވުމާއި ހަމައަށް މަސައްކަތް ކުރީ ވެސް އެ ވިސްނުމާއި އެކު ކަމާށެވެ.
”ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ނިޒާމު ގާނޫނީ އޮނިގަނޑުގެ ތެރޭގައި ތަރުތީބުވެފައިވާ ގޮތާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އޮތް ގައުމީ ރޫހު އަދި މިއަދުގެ ހާލަތާމެދު ޖެހިލުންވުމެއް ނެތި ވިސްނާލަން ޖެހެއެވެ. އަމަލާއި ބަހުން އެކަން ސާބިތުކޮށްދޭންޖެހެއެވެ. މިއަދު އަޅުގަނޑުމެން މި މަސައްކަތުގައި ހޭދަކުރި މުއްދަތުގައި އެންމެ އިސް ވާޖިބަކަށްވީ ޖެހިލުންވުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމެވެ. އަދި މި މަޤާމުގައި ދެމިތިބިހާ ދުވަހެއްގައި މަސައްކަތް ކުރަނީވެސް މިވިސްނުމުގައެވެ.“ ޝިއުނާ
މަސައްކަތް ކުރީ ސިޔާސީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކަށް އައިސްދާނެ ނުފޫޒަކަށް ބެލުމެއް އަދި ބާރު ހުރި މީހަކަށް ވެސް ބެލުމެއް ނެތިކަން ޝިއުނާ ފާހަގަކުރެއްވި އެވެ.
މިދިޔަ ސަރުކާރުގައި ހިނގައިދިޔަ ކަންތަކަށް ފަހު މަގާމާއި ހަވާލުވީއިރު، އޭސީސީއާއި މެދު ރަައްޔިތުން ދެކެމުން އައީ ވަރަށް ތަފާތު ގޮތަކަކަށްކަމަށް ޝިއުނާ ވިދާޅުވި އެވެ. ސިޔާސީ ވިސްނުންތަކާއި ބާރުވެރި ނުފޫޒު ގަދަ މީހުންގެ މަސްލަހަތުގައި ކަންކަން ނިންމާކަމުގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތުމާއި އެކު އެ ދައުރުގެ މެމްބަރުންނާ މެދު އެތައް ތުހުމަތުތަކެއް ކުރެވިގެންދިޔަކަމަށް ޝިއުނާ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ މި ދައުރު ފެށިގެން އައީ މި ދުވަސްވަރުގެ ތެރެއިންކަމަށްވުމާއި އެކު އޭރުގެ މެމްބަރުންނަށް އިތުރުބާރު ނެތްކަމަށް ބުނެ، ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ބަލައި ތަހުގީގުކުރުމަށް މި ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފެއްދެވިކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ކުރީގެ ދައުރުގެ މެމްބަރުން ޖަވާބުދާރީކުރުވަން އެކަށީގެންވާ މަސައްކަތްތެއް ކުރިތަން ނުފެންނަކަމަށް ޝިއުނާގެ ސިޓީގައި ވެއެވެ.
”ހިތާމައަކީ، ކޮމިޝަނުގެ ކުރީގެ ދައުރުތަކުގައި ކޮށްފައިވާ މަސައްކަތްތަކަށް ނުވަތަ އެ ދުވަސްތަކުގެ ޕަފޮމަންސަށް ބަލައި އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި ޕަފޮމަންސް ނުކުރެވޭކަމަށް ތިޔަ އިއްޒަތްތެރި މެމްބަރުން ގަބޫލުކުރާ ކުރުމެވެ.“
ކުރީގެ މެމްބަރުންގެ މަސައްކަތުގެ 04 އަހަރަށް ވުރެ ބޮޑު މުއްދަތެއް ހިމެނޭ އޮޑިޓު ރިޕޯޓަކަށް ރިއާޔަތްކޮށް މެމްބަރުން ވަކި ކުރުމަށް ނިންމީތީ ޝިއުނާ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
ޝިއުނާ ވިދާޅުވީ އެއްވެސް ފަރާތަކަށް ބުރަނުވެ، މަސްއޫލިއްޔަތު އަދާކުރިކަން އޭނާ ސާބިތުކޮށްދީފައިވާކަމަށެވެ. އަދި އޭނާ މިހާތަނަށް ކުރި މަސައްކަތް ވަޒަން ކުރުމުން ވެސް އެކަން ވަރަށް ރަނގަޅަށް ސާފުވާނެކަމަށް ވިދާޅުވި އެވެ.
”ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި، މިހާރުގެ މެމްބަރުންގެ މައްޗަށް ނުފޫޒު ނުފޯރުވޭނެކަން ފަހުރުވެރިކަމާއެކު ވާނީ ސާބިތުކޮށްދީފައެވެ.“ ޝިއުނާ
މީގެ އިތުރުން ޝިއުނާ ވިދާޅުވީ މައްސަލައެއް ބަލައި ނިންމާއިރު، ނުވަތަ ބަލަމުންދާއިރު އެކަމުގެ މަސްލަހަތު ހިމެނޭ މީހުންގެ ފާޑުކިއުން ހުއްޓުމެއް ނެތި އޭނާއަށް އަމާޒުވަމުންދާ ކަމަށެވެ. އަދި އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި މެމްބަރުންނާއި ދެކޮޅަށް އަމާޒުކުރާކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އެކި ލެވެލްތަކުގައި ތިން ފަހަރެއްގެ މަތީން މަގާމުން ވަކި ކުރުމަށް މަސައްކަތް ކުރުންކަމަށް ޝިއުނާ ވިދާޅުވި އެވެ.
ދެ އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށީ ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައައި ގުޅުވައިކަން ފާހަގަ ކުރައްވައި ޝިއުނާ ވިދާޅުވީ، ދެވަނަ ފަހަރަށް އެ މަސައްކަތް ކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގޮވާލެއްވުމަކަށް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ މެމްބަރުން ކަމަށެވެ. މަގާމާއި ހަވާލުވިތާ މިހާ ކުރު މުއްދަތެއްގައި ތަކުރާރުކޮށް މަގާމުން ވަކި ކުރަން މަސައްކަތް ކުރުމަކީ ބިރުދެއްކުމަށްޓަކާ ނޫނީ މިނިވަންކަމާއެކީ މަސައްކަތް ކުރާތީ އެސީސީ ކޮންޓްރޯލްކުރުމަށް ހިންގި އަމަލެއްގެ ގޮތުގައި ޝިއުނާ ސިފަ ކުރެއްވި އެވެ.

