ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޮއްކޮމެން ޕްރީ ސްކޫލު” ގައި އިސްކަން ދޭނީ އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް!

ޝަހީމްގެ 'ކޮއްކޮމެންގެ ޕްރީ ސްކޫލު'ގައި ދަރިވަރުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

“ކޮއްކޮމެން ޕްރީ ސްކޫލު” ގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ކުއްޖާއަށް އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދިނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްލަވައިގެންނެވި މި ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޮއްކޮމެން ޕްރީ ސްކޫލުގެ އެންމެ މާތް މަގްސަދުގެ ތެރޭގައި ފެންވަރު ރަނގަޅު ޒަމާނީ ތައުލީމެއް ތުއްތު ކުދިންނަށް ފޯރުކޮށްދިނުމާއި އެކު، ކުއްޖާއަށް ރިވެތި އަދަބު އަހުލާގާއި ހުނަރުވެރިކަން އާލާކުރުން އަދި ރިވެތި ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ.

މި ސްކޫލުގެ ނަމަކީ “ކޮއްކޮމެން ޕްރީ ސްކޫލު” އެވެ. ސްކޫލުގެ ކަންކަން ބަލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ، ޑރ. ޝަހީމްގެ ކޮއްކޮ ޝިފާޔަތު އަލީ އެވެ. ޝިފާޔަތު މަސައްކަތް ކުރައްވާނީ ކޮއްކޮމެންގެ ޕްރީސްކޫލްގެ ޑެޕިއުޓީ ޗެއާމަންގެ ގޮތުގަ އެވެ. ޝިފާޔަތަކީ ތައުލީމީ ދާއިރާގައި ތަޖުރިބާ ގިނަ، އިސްލާމީ ތައުލީމުގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި އެއީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ޣިޔާސުއްދީން ސްކޫލާއި އެކި ތައުލީމާއި ގުޅުން ހުރި ތަންތަނުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުރި ނޭފުޅެކެެވެ.

“ސަންގު” އާއި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ 2022 ވަނަ އަހަރު ސްކޫލަށް ކުއްދިން ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަމާޒަކީ ސްކޫލަކީ ޒަމާނާއި އެއްގޮތަށް ފެންވަވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ ތަނަކަށް ހެދުން ކަމަށެވެ. އަދި ސްކޫލުގައި ކުދިންގެ ހުނަރުވެރިކަން އިތުރުކޮށް އާލާ ކުރުމާއި އެކު، ރިވެތި އާދަތައް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށަށް ވިދާޅުވި އެވެ.

ކޮއްކޮމެން ޕްރީސްކޫލްގައި އިނގިރޭސި، ދިވެހި ބަހަށް ފަރިތަ ކުރުވާ ފަދައިން ކީރިތި ގުރުއާނާއި އަރަބި ބަހަށް ވެސް ފަރިތަކުރުވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ކުދިންނަށް ފިލި ދަސްކޮށްދިނުމާއި އެކު، ބެލެނިވެރިންނަށް ފަސޭހަވާނެހެން އުމުރަށް ބޭނުންވާ ތައުލީމް ދެވޭނެކަން ޑރ. ޝަހީމް ފާހަގަ ކުރެއްވި އެވެ. ސްކޫލުގައި ކުއްޖާއަށް ކިޔަވަދޭނީ، ޓިއުޝަނަށް ނުފޮނުވައި ވެސް އިތުރު ކަންކަން ކުއްޖާއަށް ދަސްވާނެހެން އެކަމަށް ސަމާލުކަން ދީގެންކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ. ޑރ. ޝަހީމް ވިދާޅުވީ ސްކޫލުގެ ކުދިންނަށް އިލްމު އިސްންޓިއުޓްގައި ކުރިޔަށް ގެންދާ ގުރުއާނާއި އަރަބި ބަހާއި ގުޅުން ހުރި ހުރިހާ ޕްރޮގްރާމެއްގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

ޑރ. ޝަހީމްގެ އެންމެ ބޮޑު އުންމީދަކީ އެކަނިވެރި މައިންގެ ކުދިންނަށް ސްކޫލުން ހިލޭ ތައުލީމް ފޯރުކޮށްދިނުމެވެ.

ކޮންމެ ކުލާހެއްގައި ވެސް ތިބޭނީ ގިނަ ވެގެން 15 ކުދިންނެވެ. ސްކޫލުގައި ކިޔަވަދޭނީ ތަޖުރިބާ ހުރި، ރަނގަޅު ޓީޗަރުންކަމަށް ޑރ. ޝަހީމް މައުލޫމާތު ދެއްވި އެވެ. ސްކޫލުގައި ހާއްސަ އިސްކަމެއް ދޭނެ ކަންތަކުގެ ތެރޭގައި އިތުރު ހަރަކާތްތައް ހިމެނެ އެވެ. އެގޮތުން ތަނުގައި ޕްލޭ ގްރައުންޑެއް އޮންނައިރު، ކޮންމެ ކްލާހެއްގައި ވެސް ޓީވީތައް ހުންނާނެ އެވެ. އަދި ހުރިހާ ކްލާހެއް ވެސް ހުންނާނީ އޭސީކޮށްފަ އެވެ.

ޕްރީސްކޫލު މަރުހަލާގެ ތައުލީމު ފުރިހަމަކުރުމަށް ގާއިމު ކުރި މި ސްކޫލުގައި، އެންމެ މުހިންމުކަމެއް ދެނީ އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ކުއްޖާއަށް ދިނުންކަން ޑރ. ޝަހީމް ފާހަގަ ކުރެއްވި އެވެ. ރާއްޖޭގެ ގައުމީ ކަރިކިއުލަމްއަށް ކިޔަވައިދޭއިރު، ކުއްޖާއަށް ކީރިތި ގުރުއާން އުނގަންނައިދިނުމަށް ހާއްސަ މަސައްކަތެއް ކުރެވޭނެކަމަށް ވިދާޅުވި އެވެ.

އިނގިރޭސި ބަހެކޭ އެއްގޮތަށް، ކުދިންނަށް އަރަބި ބަހަށް ވެސް އަހުލުވެރިކުރުމުގެ މަސައްކަތް ކޮއްކޮމެން ޕްރީ ސްކޫލުގައި ކުރިޔަށްދާނެ އެވެ. އެހެން ކަމުން ބޭބީ ނާސަރީން ފެށިގެން ހުރިހާ ކުލާހަކަށް ވެސް އަރަބި މާއްދާއެއްގެ ގޮތުގައި ހިމަނާފައިވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ކުދިންގެ ސްކޫލުގެ ވަގުތުތައް ނިންމައި، އާއްމުކޮށް ބެލެނިވެރިން އެ ކުދިން ޓިއުޝަން ކުލާސްތަކަށް ގެންދާކަން ފާހަގަކޮށް ޑރ. ޝަހީމް ވިދާޅުވީ، ކޮއްކޮމެން ޕްރީސްކޫލުގައި ކުދިންނަށް ހުރިހާ ކަމެއް ދަސްކޮށްދޭން ކަމަށެވެ. އެހެންކަމުން އެހެން ތަނަކަށް ކުއްޖާ ޓިއުޝަނަށް ގެންދާން ނުޖެހޭވަރަށް އުނގަންނައިދިނުން ކުރިޔަށް ގެންދާނެކަމަށް ވިދާޅުވި އެވެ.

“އެހެން ތަންތަނަށް ކޮންމެހެން ޓިއުޝަނަށް ދާން ނުޖެހޭވަރަށް އަޅުގަނޑުމެން މި ސްކޫލުގައި ކުދިންނަށް އުނގަންނައިދިނުމުގެ ކަންކަން ކުރިޔަށް ގެންދާނަން… ސްކޫލުގެ ވަގުތުގެ ތެރޭގައި ވަކި ހާއްސަ ވަގުތަކެއް އެކަމަށް ކަނޑައަޅައިގެން… ގުރުއާން ކިޔަވައިދިނުމާއި، ފިލި ދަސްކޮށްދިނުން، އަދި އަކުރު ދަސްކޮށްދިނުން.. އެކުއްޖަކާއި ގުޅޭ ގޮތަށް ކިޔަވައިދެވޭނެ މިތަނުން… އޭގެ އިތުރުން ދީނީ އެހެން ކަންކަން ދަސްކޮށްދިނުން… ނަމާދު ކުރުން… އަދި އެފަދަ ހުރިހާ ކަމެއް ދަރިވަރުންނަށް ސްކޫލުގެ ތެރެއިން ދަސްކޮށްދެވޭނެ” ޑރ. ޝަހީމް

އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ބެލެނިވެރިން ވެސް ވަޒީފާގެ މާހައުލު އޮންނަ ގޮތުން، ދިމާވާ ދަތިތައް ފަސޭހައިން ހައްލު ކުރުންކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ކުދިންނަށް ހާއްސަ ޕްލޭގްރައުންޑެއް ވެސް ސްކޫލުގައި ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ކިޔަވައިދިނުމުގައި، ޓެކްނޮލޮޖީ ބޭނުން ކުރާކަން ފާހަގަ ކުރެއްވި އެވެ.

ކޮއްކޮމެން ޕްރީ ސްކޫލުގައި ކުދިން ގަޔަވާ ގޮތަށް ހުންނަ ވާހަކަ ފޮތްތައް ހުރެ އެވެ. އިނގިރޭސި އަދި ދިވެހި ބަހުން ހުންނަ މި ފޮތްތަކަކީ ކުދިން ގަޔާވާ ގޮތަށް ފަރުމާ ކުރެވިފައިވާ ފޮތްތަކެކެވެ.

ސްކޫލުގައި ހިލޭ ތައުލީމާ އެކު އިނާޔަތްތަކެއް:

ޑރ. ޝަހީމް ވިދާޅުވިގޮތުގައި ސްކޫލް ހިންގަވާނީ ހިލޭ ތައުލީމް ލިބޭ ފަދަ ހާއްސަ ޕްރޮގްރާމްތަކަކާ އެކު އެވެ. އެގޮތުން ޔަތީމު ކުދިންނަށް ހިލޭ ކިޔަވައިދިނުމާއި، އެކަނިވެރި މައިންގެ ކުދިންނަށް ހިލޭ ތައުލީމު ފޯރުކޮށްދެވޭނެކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. 

މީގެ އިތުރުން އެ ކުދިންނަށް އިސްލާމީ ތައުލީމަށް ހާއްސަކޮށް ޑރ. ޝަހީމް ކުރިއަށް ގެންދަވާ “އިލްމް އިންސްޓިޓިއުޓް” ގެ ގުރުއާނާއި އަރަބި ބަހާ ގުޅޭ ހުރިހާ ޕްރޮގްރާމެއްގައި ސްކޫލުގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: