ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަވެރި ތަނަކަށް އުފަންވީ ދެ ކުދިންގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ނިންމައިފި

ރެފިއުޖީ ކޭމްޕެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ގައުމެއްގެ ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ދެ ކުދިންގެ މަންމައަކީ ދިވެއްސެއްކަން ސާބިތުވާކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފި އެވެ.

އަލަށް ގެޒެޓުގައި އިއްޔެ ޝާއިއު ކުރި އުސޫލު ބުނާ ގޮތުގައި ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހިންނަށް ލިބޭ ކުދިން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ރެޖިސްޓްރީ ކުރެވޭނީ ފެމިލީ ކޯޓުގެ ހުކުމަކާއި އެކު އެވެ. އަދި ކުއްޖާގެ ރެޖިސްޓްރޭޝަނަށް ކޯޓުގެ ނިންމުން އެއްކޮޅަށް ނިމިއްޖެ ހާލަތެއްގަ އެވެ.

ފެމިލީ ކޯޓުން މިއަދު ނިންމި މި މައްސަލައަކީ ސީރިއާގައި އުޅުނު ދިވެހި އަންހެނެއް ވިހެއި ދެ އަންހެން ކުދިންނަކީ އޭނާގެ ދަރިންކަން ސާބިތު ކުރުމަށް ހުށަހެޅި މައްސަލައެކެވެ. ކޯޓުން މައްސަލައިގައި ގޮތެއް ނިންމީ  އެ ދެ ކުދިންގެ ޑީއެންއޭ އާއި އަންހެން މީހާގެ ޑީއެންއޭ އާއި ދިމާވާތީ އެވެ. މިއީ ދިވެހި ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހުލީލު ރިޕޯޓެކެވެ. މައްސަލައިގައި ރިޕޯޓު ތައްޔާރު ކުރި އޮފިސަރާއި، އިތުރު ބައެއް ހެކިތަކަށް ރިއާޔަތް ކުރި އެވެ.

މިއީ ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ކުދިންތަކެއް، ދިވެއްސެއްގެ ދަރިން ކަމަށް ފެމިލީ ކޯޓުން ސާބިތުކުރި ފުރަތަމަ މައްސަލަ އެވެ.

 ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެއްސަކަށް ލިބޭ ކުދިން ރެޖިސްޓްރީ ކުރުމުގެ އުސޫލު އިއްޔެ ގެޒެޓުގައި ޝާއިއު ކުރިއިރު އޭގައި ވާގޮތުން އެފަދަ ސަރަހައްދަކަށް އުފަންވެފައިވާ ކުއްޖެއް ރަޖިސްޓްރީ ކުރެވޭނީ, އެ ކުއްޖަކީ ދިވެއްސެއްގެ ދަރިއެއްކަން ޝަރުއީ ކޯޓަކުން ނިންމުމުންނެވެ.

މިހާރު އަމަލު ކުރަން ފަށާފައިވާ އުސޫލުގައި ވަނީ ކޯޓުން ގޮތެއް ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. އެކަމުގައި ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، ހަމައެކަނި ތަފާތަކީ ފެމިލީ ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.

އެއަށްފަހު ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓު ފޯމު ފުރިހަމަކޮށް، ބެލެނިވެރިޔާގެ ރަށްވެހިވެފައިވާ ރަށެއްގެ ކައުންސިލަށް ހުށަހަޅަން ޖެހޭނެ އެވެ.

އަލަށް އަމަލު ކުރަން ފެށި މި ގަވައިދާއި އެކު ބައެއް ކުދިންގެ ރެޖިސްޓްރޭޝަނަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. ބޭރުގެ ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ޖުމްލަ އަދަދު އަދި މިހާތަނަށް ދެނެގަނެވިފައިނުވާއިރު، އެގޮތަށް ދިޔަ ބައެއް މީހުން ހަމަލާތަކުގައި ވަނީ މަރުވެފަ އެވެ. އަދި ބައެއް މީހުން އެ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވުމުގެ ސަބަބުން ސަރުކާރުގެ އެހީއަށް އެދި ހުށަހަޅާފައިވީ ނަމަވެސް ހަނގުރާމަތަކުގައި ބައިވެރިވުމާއި، ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދިއުމަކީ ގާނޫނީ ކުށެކެވެ. މިފަދަ މީހުން އެނބުރި ގައުމަށް އައުމުން، ނުވަތަ ފުރުމަށް މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށް ޝަރީއަތް ހިންގާފައި އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: