ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ލަސްވާ މައްސަލަ މަޖިލީހުން ބަލަނީ!

ޖިނާޢީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ އެއްގޮތަށް ކުރިއަށްނުދާ މައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން މަޝްވަރާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލަތައް ކޯޓުގެ ތާވަލާއި އެއްގޮތަށް ކުރިޔަށް ނުދާތީ، ކަމާއި ބެހޭ މުވައްސަސާތަކާއި ބައްދަލުކޮށް ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީސް ޗުއްޓީގައި އޮއްވައި މިއަދު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައި ވަނީ، ކޯޓުގެ ތާވަލާއި އެއްގޮތަށް ޝަރީއަތްތައް ކުރިޔަށް ނުދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ބުނެ އެވެ. ބައްދަލުވުން ފައްޓަވައި ދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ބައްދަލުވުމެއް ބޭއްވުމަށް ނިންމީ މެމްބަރުންގެ ފަރާތުން ވެސް އެ ޝަކުވާ ހުށަހަޅާފައިވާތީ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަހުމަދު ސިރާޖު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތްތައް ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ ވަކި އުސޫލަކާއި މުއްދަތުތަކެއް ދީފައިވީނަމަވެސް އެ މުއްދަތަށް އަމަލު ނުކުރުން އެއީ ކަންބޮޑުވުމެއް ކަމަށެވެ. ކޯޓުތަކުގައި އަހަރުތަކެއް ވެފައިވާ މައްސަލަތައް ހުރިއިރު، ބައެއް މައްސަލަތަކުގެ ހުކުމަކާއި ހަމައަށް ވާސިލުވުމަށް ހަތަރު އަހަރު ނަގާފައި އެބަހުރިކަމަށް ސިރާޖު ވިދާޅުވި އެވެ. މިއީ ކޯޓުތަކުގެ މައްސަލައެއްތޯ، ނުވަތަ އިދާރީ މައްސަލައެއްތޯ ބެލުން މުހިންމުކަން ސިރާޖު ފާހަގަ ކުރެއްވި އެވެ.

ޖިނާއީ މައްސަލަތައް ތާވަލާއި އެއްގޮތަށް ކުރިޔަށް ނުދާތީ، މުވައްސަސާތައް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒެވެ.

ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމި މުވައްސަސާތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީސް، އަދި ފުލުސް ބޯޑާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ޑިޕާޓަމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި އެވެ.

މައްސަލައިގައި ފުލުހުންނާއި ސުވާލު ކުރަނީ، ކުށެއްގެ އުފެދޭ ހިސާބުން ދެން އެކަމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކާއި އެއްގޮތަށް ފުލުހުން އަމަލު ކުރޭތޯ ބެލުމަށެވެ. އަދި މައްސަލައެއްގައި އަމަލު ކުރަން އޮންނަ އިޖުރާއަތްތަކާއި އެއްގޮތަށް އަމަލު ނުކުރެވޭނަމަ އޭގެ ސަބަބު ހޯދުމަށް ހަސަން ލަތީފްގެ ހުށަހެޅުމުގައި ވެއެވެ. މީގެ އިތުރުން ޕީޖީ އާއި ސުވާލު ކުރަންޖެހޭ ސަބަބެއްކަމަށް ކޮމިޓީން ނިންމީ ދައުވާ ކުރުމާއި، އަދި މައްސަލައެއް ފޮނުވުމަށް ފަހު އެ ދިރާސާ ކުރުމަށް ނަމާ ވަގުތުތައް އަދި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމުގައި ދިމާވާ ދަތިތައް އޮޅުންފިލުވައި، ލަސްވާ ސަބަބުތައް ހޯދުމަށެވެ.

ޖޭއެސްސީ އަދި ޑީޖޭއޭ އާއި ސުވާލުކުރަނީ ޖުމްލަ ގޮތެއްގައި ކޯޓުތަކުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށެވެ. އަދި އެ ކޮމިޝަނަށް އެއްވެސް މައްސަލަތަކެއް ފާހަގަވެފައިވޭތޯ ބެލުމަށެވެ. މިގޮތަށް ހުށަހެޅުއްވީ ހަސަން ލަތީފެވެ.

މީގެ އިތުރުން ކޮމިޓީގައި ހަސަން ލަތީފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. ހަސަން ލަތީފް ވިދާޅުވީ ކްރިމިނަލް ކޯޓުގައި އޮތް އާރަށުގެ މައްސަލަ އާއި ފުއްގިރީގެ މައްސަލަ ކުރިޔަށް ދާ ގޮތް ސާފު ކުރުމަށް މެމްބަރުންނާއި ރައްޔިތުން ބޭނުންވެ އެވެ. އެހެންކަމުން އެ މައްސަލަ ގޮސްފައިވާ ހިސާބު އޮޅުންފިލުފައި، މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރޭތޯ ބެލުމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ގޮސްފައި އޮތީ ކޮން ހިސާބަކަށް ތޯ އާއި އެ މައްސަލައާ ގުޅޭ ކަންކަމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އުސޫލުތަކާ އެއްގޮތަށް ކޯޓުން އަމަލުކުރަމުންދޭތޯ ބަަލަން ވެސް މީހުން އޭނާ އަރިހު އެދޭ ކަމަށެވެ.

ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުން ހަދާފައިވާ ބޮޑެތި ގޯސްތަކާއި މެދު ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. މިފަދަ އިހުމާލުތައް ނުވަތަ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ބޮޑެތި ކުށްވެރިން ދޫވެފައި އެބަހުރިކަން މެމްބަރުން ފާހަގަ ކުރެއްވި އެވެ. މީގެ ތެރެއިން ބައެއް މައްސަލަތަކުގެ ގޮތުގައި ރައީސް ޔާމީނާއި، ބްލޮގާރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އެންމެ ފަހުން ނިމިގެން ދިޔަ ގޮތް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށް، މުއައްސަސާތައް ކޮމިޓީ އަށް ހާޒިރު ކުރަން ނިންމި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: