އިންޑިއާ އަށް ދާމީހުން، އެ ގައުމަށް އެތެރެވާ ތާރީހުން ފެށިގެން ހަތް ދުވަސްވަންދެން ކަރަންޓީނުވާން ޖެހޭގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފި އެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީން އަލަށް އެކުލަވާލި ގައިޑްލައިންގައިވާ ގޮތުގައި އިންޑިއާއަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމަށް ދެން 7 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަން އަދި 72 ގަޑިއިރުގެ ޕީސީއާރު ޓެސްޓް ނަތީޖާވެސް ބޭނުމެއް ނުވާނެއެވެ.
އޭގެ ބަދަލުގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ ލިޔުމެއް ނުވަތަ ސެޓްފިކެޓަކާއި އެކު އެރައިވަލް ވުމުގެ ކުރިން އޮންލައިންކޮށް ފުރާ ފޯމު ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ އެއާ ސުވިދާ ޕޯޓަލްގައި ރެޖިސްޓްރީ ކުރަން އެ ގައުމުން ވަނީ އެދިފަ އެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނީ ވެކްސިން ޖެހި ކަމުގެ ލިއުން ހުށައެޅޭނީ އިންޑިއާ ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގައި ހިމެނޭ ގައުމުތަކުން އެކަނި ކަމަށެވެ. އޭގެ ތެރޭގައި ކެނެޑާ، ހޮންކޮންގް، އެމެރިކާ، ޔޫކޭ، ބަހްރެއިން، ޤަތަރު، އޮސްޓްރޭލިއާ އާއި ނިއުޒިލެންޑް އާއި ޔޫރަޕްގެ އެހެން ބައެއް ގައުމު ހިމެނެއެވެ.
އަދި އިންޑިއާ އަށް ދަތުރުކުރާއިރު އެއަރ ލައިންތަކުން އެ ފޯމާއި އެކު ކޮވިޑް ވެކްސިން ޖެހި ލިޔުން ހިމަނާފައިވޭތޯ ޕޯޓަލް މެދުވެރިކޮށް ބަލާނެ ކަމުގައިވެސް އިންޑިއާ ހެލްތްމިނިސްޓްރީން ބުންޏެވެ.
އިންޑިއާއަކީ ދެވަނައަށް އެންމެ ގިނައިން ކޮވިޑުގެ ކޭސްތައް މިހާތަނަށް ރިޕޯޓު ކުރި ގައުމެވެ. މިވަގުތު ބަލި އެންމެ ބޮޑަށް ފެތުރެނީ މުމްބާއީ އާއި ދިއްލީގަ އެވެ.

