އިދިކޮޅު ޕީޕީއެމް ޕީއެންސީން، އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
އަންނަ ހުކުރު ދުވަހު ބޭއްވުމަށް އިދިކޮޅުން ނިންމި ހަރަކާތް ކުރިޔަށް ނުގެންދެވޭނެކަމަށް، ފުލުހުން ބަޔާނެއް އާއްމު ކުރިއިރު މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ޣައިރު ގާނޫނީ އެއްވުންތަކަށް ފުރުސަތު ނުދޭނެކަމަށް ވިދާޅުވެފަ އެވެ.
ހަރަކާތް ހުއްޓާނުލާނެކަމަށާއި، ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ނިކުތުން ހުއްޓުވާނުލެވޭނެކަމަށް ބުނެ އިދިކޮޅުން ރައްދު ދީފައިވަނިކޮށް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ”އިންޑިއާ އައުޓް“ ގެ އެއްވުން ކުރިޔަށް ނުގެންދެވޭނެކަމަށް އެއީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތެއް ނޫންކަން ބެލެވޭ ސަބަބުތައް ފެންނަން ހުރުމުން ކަމަށެވެ. އަދި އިންޑިއާ އައުޓްގެ ހަރަކާތަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑު އެއްވުމެއްގެ ގޮތުގައި ފުލުހުން ސިފަ ކުރި އެވެ.
ރާއްޖޭގެ ރަށްތަކުން މި އެއްވުމަށް މީހުން މާލެ އައުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތުތައް ލިބެމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ، ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުންކޮށް މާލޭގެ މަގުތަކުގައި ދުއްވާ އުޅަނގުތަކާއި ހިނގާފައި އުޅޭ އާއްމުންނަށް އުނދަގޫ ވާނެހެން މަގުތައް ބްލޮކުކޮށް އެއްވުން ކުރިޔަށް ގެންދަން މަސައްކަތް ކުރާ ކަމުގެ މައުލޫމާރު ވެސް ލިބިފައިވާ ކަމަށެވެ. އަދި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތަށް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއް ވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ދަނީ ރާވަމުންދާ ކަމަށެވެ.
އެހެން ކަމުން އެއްވުމުގައި ބައިވެރިވާ އުޅަނދަތަކުގެ އިތުރުން، މާލެއަށް އެއްވުމުގައި ބައިވެރިވާން އަންނަ އުޅަނދުތައް ބަލައި ފާސް ކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އެއްވުން ކުރިޔަށް ނުގެންދެވޭނެކަމަށް އަންގާފައި ވަނިކޮށް، އާއްމުންނަށް ދަތިވާހެން މި ހަރަކާތް ކުރިޔަށް ގެންގޮސްފި ނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަަމަވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

