މުޖުތަމަޢުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަޞްލަޙަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެމްއާރުއެމް އިން މިހެން ބުނީ މާދަމާ ރޭ އިދިކޮޅުން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން ނުބޭއްވުމަށް ފުލުހުން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. ފުލުހުން ވަނީ މި އެއްވުމުގައި އާންމުން ބައިވެރިނުވުމަށާއި އަދި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެޕާޓީން ބުނެފައިވަނީ އެފަދަ ހަރަކާތްތަކަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެއްވެއުޅުމުގެ ޤާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލު އުވާލުމަކީ ސަރުކާރު ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން އެކަން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށް ވެސް އެމްއާރުއެމްއިން ބުނެފައިވެއެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކޮށް ރައްޔިތުންނާއި ޢާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންތައްތައް ކުރުމަށް ރާވަމުންދާ ކަމަށެވެ.
އެގޮތުން މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ރާވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއް ވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް ވެސް ރާވަމުންދާ ކަމަށް ބަޔާނުގައި ވެ އެވެ.

