ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު އެއްވުމާއި ދިމާކޮށް އީސީން ގޮވާލީ ހާރިޖީ ގުޅުންތަކަށް އިހްތިރާމު ކުރަން!

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދުގެ ހަވީރު ”ނޭވާ ހޮޅިއަށް“ ގެ ނަމުގައި މުޒާހަރާއެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާތީ ފުލުހުން ވެސް ވަނީ ޣައިރު ގާނޫނީ އެއްވުންތަކަށް ޖާގަ ނުދޭނެކަމަށް ބުނެފަ އެވެ. މިއީ މަސްލަހަތު ނަގާލައި، ރައްޔިތުންނަށް އުނދަގޫ ވާ ގޮތަށް މާލޭގެ ކުށް ކުރާ ގްރޫޕުތަކުގެ އެހީގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ތުހުމަތުކޮށް ފުލުހުން ބުނީ، މާލެއިން ބޭރުން ވެސް މި ހަރަކާތަށް މީހުން އައުމަށް ނިންމާފައިވާތީ ކަނޑުމަތީ އުޅަނދުތަކާއި އެއްވުމުގައި ބައިވެރިވާ ވެހިކަލްތައް ވެސް ބަލައި ފާސް ކުރާނެ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަށް ހުރަސް އަޅާ ބަޔަކާއި މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

އަވައްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ މިހަރަކާތަކީ، ކުރީގެ ރައޫސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފެއްޓެވި މޫވްމަންޓެކެވެ. މި ސަރުކާރާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުންތަކެއްގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށާއި، އޭގެ ދަށުން ހަތިޔާރާއި އެކު އިންޑިއާ ސިފައިން ތިބުމުގެ އިތުރުން އެ މީހުންގެ ބާރު ސަރުކާރާއި އިސްވެރިންގެ މައްޗަށް ހިންގަމުން ދާކަމުގެ ތުހުމަތު އިދިކޮޅުން ދަނީ ކުރަމުންނެވެ. އެކަމަކު ސަރުކާރާއި، އެ ތުހުމަތުތައް އެންމެ ބޮޑަށް ކުރާ ގައުމީ ދިފާއީ ބާރުން ބުނީ ރާއްޖޭގައި ހަތިޔާރު އެޅި ސިފައިންގެ އިންޑިއާ އޮފިސަރުން ނުވަތަ އުތުރު ތިލަފަޅުގައި ވެސް އެފަފަ އެއްވެސް ބައެއް އޯޑަރު ދިނުމުގައި ނެތް ކަމަށެވެ.

ސިޔާސީ މަންފާތައް ހޯދުމަށް، އެމްއެންޑީއެފްގެ ނަން ބޭނުން ނުކުރުމަށް ވެސް ދާދި ފަހުން އާއްމު ކުރި ބަޔާނެއްގައި އެ އިދާރާއިން ގޮވާލި އެވެ.

”އިންޑިއާ އައުޓް“ ހަރަކާތަށް ޖާގަ ނުދޭނެކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވާހަކަ ދައްކަވާފައި ވަނިކޮށް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް އީސީން ރޭ އާއްމު ކުރި ބަޔާނުގައި ބުނީ ސިޔާސީ ޕާޓީތަކަށް ހަރަކާތް ހިންގުމުގެ މަގު ފަހިކޮށްދީފައި ވަނީ، ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި، ދިވެހި ރާއްޖޭގައި އަމަލުކުރަމުން ގެންދާ ކަމާއި ބެހޭ އެހެނިހެން ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އެހެންވެ ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގުމުގައި ގާނޫނާއި ގަވައިދުތަކަށް ބޯލަނބައި ހުރުމަތްތެރިކޮށް ހިތުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް އަމާޒުކޮށް އާއްމު ކުރި ބަޔާނުގައި އީސީން ގޮވާލި އެވެ.

މީގެއިތުރުން ކޮމިޝަނުން ވަނީ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތާއި ހާރިޖީ ގުޅުންތަކަށް އިިހްތިރާމް ކުރުމާއި އެކު އެ ގުޅުންތަކަށް ބުރޫ ނާރާނެހެން ކަމުގައި އަންގައި އެ އެންގުމަށް ޕާޓީ ތަކުން ކިޔަމަންވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

މިއަދުގެ ހަވީރުގެ އެއްވުން ކުރިޔަށް ނުގެންދެވޭނެކަމަށް ފުލުހުންނާއި ކަމާއި ބެހޭ އެހެން އިދާރާތްތަކުން އެނގި ނަމަވެސް އިދިކޮޅުން ވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ހަރަކާތް ކުރިޔަށް ގެންދެވޭނެކަމަށް ބުނެފަ އެވެ. އެކަން ފާހަގަކޮށް ނޫސްވެރިންނާއި ބައްދަލުކޮށް އިދިކޮޅުގެ ހަަރަކާތް ކޮމިޓީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ފުލުހުން ބަޔާން ނެރުނު ނަމަވެސް އެއްވުން ބާއްވާނެ ކަމަށާއި އެއީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގެއް ކަމަށެވެ. އޭނާ ވަނީ އެ ހަރަކާތުގައި އިސްލާހަށް ލޯބިކުރާ ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލަށްވާފައެވެ.

ރައީސް ޔާމީން ވެސް ގެންދަވަނީ އިންޑިއާ އައުޓްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ރަށްތަޖަށް ދަތުރު ކުރަމުންނެވެ. މިއަދުގެ ހަވީރުގެ ހަރަކާތުގައި އެމަނިކުފާނު ބައިވެރިވާކަން އިދިކޮޅު ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ބެލެވޭ ގޮތުގައި އެއްވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: