އަންނަ މަހުގެ 14 ގައި ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ދައްކަމުން ދަނީ ސިޔާސީ އެކި ވާހަކަތަކާއި ތުހުމަތުތަކެއް ކަމަށާއި ނަމަވެސް އެއީ އެކުގައި 2023 އަަށް މަސައްކަތް ނުކުރެވޭނެ ސަބަބެއް ނޫންކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިންތިހާބުގެ ފޯރި ގަދަވެ ޕާޓީގެ އެތެރޭގައި ބޮޑެތި ކޯޅުންތަކެއް ދަނީ ކުރިޔަށެވެ. އެތެރޭގެ އިންތިހާބަކާއި ގުޅުވައި އެއް މެމްބަރަށް އަނެއް މެމްބަރަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ބޮލުގައި އެޅުވުމާއި އެކު މަޖިލީހުގައި އާއި ސޯޝަލް މީޑިއާ އަދި ޓީވީ ޕްރޮގްރާމުތަކުގައި ވެސް މެމްބަރުން ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. މީގެ ސަބަބުން ޕާޓީ ދެބައިވެ، މާޒީގައި އެހެން ބައެއް ޕާޓީތަކަށް ދިމާވި ހާލަތު އެމްޑީޕީއަށް ދިމާވެދާނެކަމަށް ބުނެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރި އެވެ.
އެކަކު އަނެއްކަކަށް މައާފު ނުކުރެވޭ އަދި އެކުގައި ނުވެސް އުޅެވޭނެ ފަދަ އިލްޒާމުތަކެއް އަޅުވައި ކުރިޔަށް ދާނެ ގޮތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ނިހާދު ވިދާޅުވީ ވާދަވެރިކަމުގެ ތެރެއިން ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށާއި އަދި މިއީ ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި ދެކެވޭ ވާހަކަތަކެއް ކަމުގަ އެވެ. އެހެންކަމުން އިންތިހާބު ނިމި ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބުވާ ބޭފުޅަކާއި އެކުގައި ޕާޓީ ކުރިޔަށް ދާނެކަމަށް ނިހާދު ވިދާޅުވި އެވެ.
އެއަށްފަހު ނިހާދު މިސާލު ނެންގެވީ ޕާޓީގައި މީގެ ކުރިން ވެސް މިފަދަ ދެބަސްވުންތަކެއް ދިޔަ ނަމަވެސް އެކުގައި މަސައްކަތް ކުރި ކުރުމާއި ގުޅޭ ގޮތުންނެވެ.
މިނިސްޓާ ފައްޔާޒްގެ ބޮލުގައި ރިޝްވަތާއި ހިޔާނާތުގެ އެތަކެއް ތުހުމަތުތަކެއް އެޅުވިފައިވާއިރު، ނިހާދު ސުވާލު އުފެއްދެވީ މަޖިލީހުން މިކަންކަމާމެދު ޖަވާބުދާރީ ކުރުމަށް އެއްވެސް ކޮމިޓީއަކުން ފައްޔާޒް ހާޒިރު ނުކުރައްވަނީ ކީއްވެގެން ކަމާއިމެދުގައެވެ. އަދި އޭނާ ފާހަގަ ކުރެއްވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި އޮންނަ މުއައްސަސާއެކަމުގައެވެ. ދެން މި އިންތިހާބުގައި ވާދަ ކުރައްވާ ކެޑިޑޭޓު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި އިންނަވާ ޖުޑިޝަރީ ކޮމިޓީ ފާހަގަކޮށް މިގޮތަށް މިނިސްޓާ ފައްޔާޒްގެ ބޮލުގައި އެތަކެއް ތުހުމަތުތަކެއް އަޅުއްވަމުން ގެންދާއިރުވެސް ޖަވާުބުދާރީ ކުރައްވަން ކުރީ ކޮން މަސައްކަތެއްކަމާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
މިކަންތައްތަކުން އެގިގެން ދަނީ މިއީ ސިޔާސީ ބޭނުމެއްގައި ދެކެވޭ ވާހަކަތަކެއްގައި ކަމަށާއި އަދި މިއީ ވޯޓު ހޯދުމަށްޓަކައި ދައްކާ ވާހަކައެއް ކަމުގައި ފާހަގަ ކުރައްވާ ނިހާދު ވިދާޅުވީ މިގޮތަށް ވޯޓު ހޯއްދުމަށްޓަކައި ކިތައްމެ ހަޑިކޮށްވެސް ވާހަކަތަކެއް ދައްްކަވާފާނެކަމުގައެވެ. އަދި މިހެންް ކަންތައްތައް ހިގި ކަމުގައި ވީނަމަވެސް އަދިވެސް އެކުގައި ތިބެވޭނެކަމުގެ ޔަގީކަން އޭނާ ދެއްވިއެވެ.
މިނިސްޓާ ފައްޔާޒް މަގާމުގެ ޒިންމާ ރަނގަޅަށް އަދާ ނުކުރައްވާ ކަމުގައި ބުނެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާއިރު މިކަމާއިމެދުވެސް ޖަވާބުދާރީ ކުރެވިފައި ނެތުމުން ދޭހަވަނީ ވަޒީރުކަމުގެ މަގާމުވެސް އެބޭފުޅާ ވަރަށް ރަނގަޅަށް އަދާކުރެއްވުން ކަމުގައި ނިހާދު ވިދާޅުވިއެވެ.
”ބޮރޯ“ އެއްގެ ޓެގު ފައްޔާޒްގެ ބޮލުގައި އަޅުވާ މިހުރިހާ ކަމެއްގެ ބޭނުމަކީ ސިޔާސީ ބޭނުމެއް ނޫންކަމުގައި ވަނީނަމަ އަދާއި ހަމައަށް އައި އިރު މިކަންތައްތައް ވާނީ ތަހުގީގު ކުރެވިފައިކަމަށް ނިހާދު ވިދާޅުވިއެވެ.
މީގެ އިތުރަށް އޭނާ ފާހަގަ ކުރެއްވީ މިނިސްޓާ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯޓުނަގައި ސޮއި ހަމަކުރަން މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރެވިގެން ދިޔައީ އެބޭފުޅާ ކީއްކުރައްވައިގެން ކަމާއިމެދުގައެވެ.
ބްރޯ އަކަށް މިނިސްޓާ ފައްޔާޒް ވެގެން ދިޔައީ އެހެން ވަޒީރުންނާއި ހިލާފަށް މަޖިލީހުގެ މެންބަރުންނާއި ގާތް މުއާމަލާތު ކުރުމަށް ފަސޭހަ ބޭފުޅެއްކަމުން ކަމުގައިވުމުން ކަމުގައި ނިހާދު ހާމަ ކުރެއްވިއެވެ. އަދި އެބޭފުޅުން ބަކީކޮށް ނުލައި އެޖެންޑާ 19 ވެގެން އައި ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ ތެރެއިން އެހީތެވެދީ މަގު ދައްކައިދެއްވި ބޭފުޅަކީ ފައްޔާޒް ކަމުގައި ނިހާދު ފާހަގަކުރައްވާ ވިދާޅުވީ އެއީ ހަގީގަތުގައިވެސް ބްރޯއެއްކަމުގައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ 80% އިލެކްޓެޑް ކައުސިލަރުން ފައްޔާޒް އާއިއެކު ތިބުގެ ސަބަބަކީ މިއީ ކަމުގައެވެ. އަދި މިއީ ރިޝްވަތު ދީގެން ނުފޫޒުގެ ބޭނުންކުރައްވައިގެން ހޯއްދެވި ތާއީދު ނޫންކަމުގައި ނިހާދު ވިދާޅުވިއެވެ.

