އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގުކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ކޮމިޝަންގެ އާ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަގައި ތަހުގީގުކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލް ދީފަ އެވެ.
އެގޮތުން އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވީ މިމައްސަލައަކީ ކޮމިޝަނުން އެންމެ އިސްކަންދީގެ ބަލާނެ އެއްމައްސަލަ ކަމަށާއި މައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ތަހުގީގް މަރުހަލާއިން ފެށިގެންވެސް ދައުލަތަށް ގެއްލިފައިވާ ފައިސާ އަބުރާ ހޯދުމަށްކަމަށެވެ.
ކޮމިޝަނުން މިތަހުގީގަށް މިހާރު 12 އިންވެސްޓިގޭޓަރުން ކަނޑައަޅައި، ފުލުހުންނާއި، ޕީޖީ އޮފީހާއި ގުޅިގެން ޚާއްސަ މަސައްކަތް ތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
”އެމްއެމްޕީއާރުސީ މައްސަލަގައި އެންމެ ބޮޑަށް ފޯކަސްކުރާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދަށް. އަޅުގަނޑުމެން ޤާނޫނުތަކައި ގަވާއިދު ތަކަށް ބަދަލު ގެނެސްގެން ވެސް، ޖިނާއީ އަދުލުގެ ނިޒާމުގައި ބުނެފައިވާ ފައިސާ ހޯދުުގެ ބަޔަށް ޚައްސަ އިސްކަން ދޭނަން.“ އަބްދުއްސަލާމް ވިދާޅުވި އެވެ.
މިހާތަނަށް މިމައްސަލަ ބަލަމުން ދިޔައީ ”ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ“ގެ ނަމުގައި އުފައްދަވާފައިވާ ކޮމިޝަނުންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް 3.4 ބިލިޔަން ރުފިޔާ އަށް އަރައެވެ.

