ސްކޫލު ދައުރުން ފެށިގެން ވެސް އަބަދުވެސް އަޑުއިވެމުން އައީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރުކަމެވެ. މަސް އޮޑިތައް މަހުން ލެފުމާއި އެކު، ރަށްތަކުން އަވަސް ވެގެންނަނީ އެކަށީގެންވާ މިންވަރެއްގެ މަސްކޮޅެއް ބޭނުނުތޯ އެވެ. އެންމެ ކުރީގެ ދުވަސްތަކުން ވެސް ފެށިގެން އައިސް މިއަދާއި ހަމައަށް ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ، މަސްވެރިކަން ރަނގަޅުވާ ދުވަސްތަކުގައި އޭގެއިން މަންފާއެއް ނެގޭނެ ގޮތެއް ނެތުމެވެ.
ދުވަސްވެ ހާލުގައި ޖެހިފައި އޮތް މިފްކޯގެ ކުރިއެރުމަށް އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހުރި މަސް ފެކްޓްރީތައް އަޕްގްރޭޓު ކުރުމަށް ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތެވެ. މިއީ ވަކި ވެރިއެއް، ވަކި ސަރުކާރެއް ނެތި އެންމެން ވެސް ޒިންމާ ނަގަން ޖެހޭނެ މައްސަލައެކެވެ.
އެތައް އަހަރެއްވީއިރު ވެސް ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރެވިފައި ނެތްކަމުގެ އެންމެ ބޮޑު މިސާލެއް ފެންނާނީ ފެލިވަރުއިންނެވެ. 1986 ވަނަ އަހަރު ހަދާފައިވާ އެ ކޭނަރީއަށް ބަދަލުތަކެއް ބޭނުންވާކަން ސަރުކާރުން ވެސް ގަބޫލު ކުރެ އެވެ. ތަން އުފެދި މިއަދާއި ހަމައަށް އެތައް އަހަރެއް ވެގެން އައިއިރުވެސް ޕްރޮސެސްކުރަނީ 50 ޓަނުގެ މަހެވެ. އަދި އޭގެ 30 އަހަރު ފަހުން ވެސް ކެޕޭސިޓީއަށް ބަދަލު ގެނެވިފައި ނެތެވެ. އެކަމަކު ދައްކާ ވާހަކައަކުން ކަން ނިންމާލަނީ އެވެ. ތަނުގައި މީގެ ކުރިން، މަސް ފިނި ކުރުމަށް ބޭނުން ކުރި ސްޓޯރޭޖް ބޭނުން ނުކުރެވި، އެންމެ ފަހުން އައިސް އުފައްދާ ތަނަށް ވަނީ ބަދަލުކޮށްފަ އެވެ.
މިދުވަސް ވަރު އަނެއްކާވެސް ދެކުނަށް މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސްބާނަމުން ދިއުމާ ގުޅިގެން މިފްކޯއިން މަސް ގަތުން ކޮންޓްރޯލްކޮށް ދޯންޏަކުން ފަސް ޓަނު ނަގަން ވަނީ ނިންމާފަ އެވެ. ދެކުނަށް މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުން ދާކަން މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް، މިފްކޯއިން ބުނީ ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން ދޯންޏަކުން ކިރަމުން ދާނީ ދުވާލަކަށް ފަސް ޓަނު ކަމަށެވެ.
ކޯލްޑު ސްޓޯރޭޖުތައް ވެސް ފުރުމާއި އެކު ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއް ނެތި ކެރިއާ ބޯޓުތައް ގެނެސްގެން ލޯޑުކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް މިފްކޯއިން ބުނީ މަސް ގަންނަ ފްލީޓާ ގުޅުމަށް 100 ޓަނުގެ މަސް ގަނެވޭ ”ޖަޒީރާ 102“ ބޯޓު ކޫއްޑޫއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ޑީސަލް ނުލިބުމުގެ ސަބަބުން މަސްވެރިން މަހަށް ނުފުރިފައިވާއިރު ބާނާ މަސް ކިރޭނެ ގޮތެއްވެސް ނެތްކަމުގައި މަސްވެރިން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ބާނާ މަސް ނުކިރި ގިނަ ދުވަސްތަކެއް ވެގެންދާއިރު އެ މަސްތައް ރައްކާތެރިކަމާއިއެކު ބެހެއްޓުމަށް ބޭނުންވާ އައިސް ލިބުމުގައިވެސް ވަނީ ދަތިތަކާއި ކުރިމަތިފައެވެ.
މަސްވެރިން ބާނާ މަހުގެ ހަމަ އަގު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއް ނަމަވެސް ކަންތައްތައް މިގޮތަށް ދިޔުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔުން އަމާޒު ކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހުވަދު އަތޮޅުގެ ގިނަ އައިސް ޕްލާންޓުތައް ހުރީ އައިސް ލިބުނުކަމުގައިވީ ނަމަވެސް ހަލާކުވެފައެވެ. މިފަދަ ކަންކަމުގެ ސަބަބުން މަސްވެރިން ބޭނުންވާ މިންވަރަށް އައިސް ލިބުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތި ވާކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން މަސްވެރިން ފާހަގަ ކުރަމުން އައި އެނެއް ކަންބޮޑުވުމަކީ މަސްކިރާ ކިރުމަށް ގެނައި ލިމިޓެވެ. އާމްދަނީ އެންމެ ބޮޑަށް ބޭނުންވާނެ މިދަނޑިވަޅުގައި މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާހަގަ ކުރަމުންނެވެ. އަދި ރަނގަޅަށް މަސް ބޭނޭ ކޮންމެ ފަހަރަކު މަސް ގަންނަ މިންވަރު ހިފަހައްޓަމުންކަމުގައި ވެސް މަސްވެރިނަގެ ތެރޭގައި ވާހަކަތައް ދަނީ ދެކެވެމުންނެވެ.
މިގޮތަށް ކަންތައްތައް ދާއިރު ކެޕޭސިޓީ އިތުރު ކުރާނެކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ. އަދި މިއީ މިގޮތަށް ދާނޭ ފަހު އަހަރުކަމުގައި ބުނަމުން އައި ނަމަވެސް މިކަމަށް ހައްލެއް ލިބިފައި ނުވާތީ ގިނަ މަސްވެރިންތަކެއް އަންނަނީ މިއީ ކީއްވެގެން ކަމާއިމެދު ސުވާލު އުފައްދަވަމުންނެވެ.
ފަރެސްމާތޮޑާގެ އައިސް ޕްލާންޓްއިން އެއްވެސް ވަރަކަށް އައިސް ނުލިބޭކަމުގައި އެރަށުގެ މަސްވެރިއަކު ވަނީ ބުނެފައެވެ. އަދި ވަނީ މިކަމުގެ އިތުރަށް ޑިސަލް ލިބުމުގައި ދަތިތަކާއި ދިމާވާއިރު ޑީސަލްގެ އަގު ބޮޑުތަނުން އުފުލިގެން ދިޔުމުގެ ސަބަބުންވެސް ކަންބޮޑުވުން ފާޅު ކޮށްފައެވެ.
މަހަށް ފުރަން މަސްވެރިން ކުރަންޖެހޭ ހަރަދު ކޮށްފައިވާއިރު މީގެ އަގު އަބުރާ ނުލިބޭ ހިސާބަށް ކަންތައްތައް ގޮސްފައިވާއިރު ބައެއް އޮޑިފަހަރުތައް މިހާރު ވަނީ މިފަދަ ދަތިތަކުގެ ސަބަބުން މަހަށް ނުގޮސް ފަޅުގައި އަޅާފައިކަން ފާހަގަ ކުރެވެއެވެ. އަދި މިއީ މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު ކަމުގައި ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ މިއީ ލިބޭ ވަރަށް ބޮޑު ދެރައެއްކަމުގައި ފާހަގަކުރަމުންނެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމަކީ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑއަޅާފައިވާ ވައުދެކެވެ. ނަމަވެސް މި ވައުދު ނުފުއްދިފައިވާއިރު މިކަން ފުރިހަމަ ކުރުމަށް އެއްވެސް މަސައްކަތެއްވެސް ކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އައްޑޫ ހުޅުމީދޫގައި ހެދި ފްކްޓްރީއަސް ބަލާއިރު އެތަނަށް ދޯޯނި ފަހަރުރުތަކަށް ވަދެވޭހެން ފުންކޮށްފައި ނުވާކަމަށް ހާމަކޮށް ސަރުކާރުން ނުރުހުން ފާޅު ކުރި އެވެ. އަދި އެތަނަށް ބޯޓު ފަހަރުތަކަށް ވަދެވޭނެ ގޮތް ހަމަޖެހޭނެކަމަށް ވިދާޅުވިތީ ދެ އަހަރު ވީއިރު ވެސް ކުރިއެރުމެއް ނެތެވެ.
މިފްކޯ އިން ބުނީ އެ ދުވަހަކު ބޭނޭ މަސް އެ ދުވަހަކު ނުކިރޭތީ ޖެހިގެން އަންނަ ދުވަހަށް ކިއު ނަމްބަރެއް ދޫކޮށްގެން މަސް ކިރަމުން އަންނަ ކަމަށެވެ. އެގޮތަށް މަސް ކިރާއިރު ފެލިވަރުން ދޫކުރާ އައިސް ބޭނުން ކޮށްގެން މަހުގެ ތާޒާކަން ނުހިފެހެއްޓޭނަމަ އެންމެ ކައިރީގައި ހުންނަ އައިސް ޕްލާންޓަކަށް ގޮސް އައިސް އެޅުމަށް އެދޭ ކަމަށާއި، އެކަމަށްޓަކައި މަސްވެރިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް އެ ބަޔާނުގައިވެ ބުނެފައިވެއެވެ.
ރާއްޖޭގެ މަސްވެރިކަން ކުރިއަރައި ދާއިރުގައި، މަސް ގަނެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެނީ ސަރުކާރުން ކަމަށާއި، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން އެސްއެމްއީ ކުންފުނިތަކުން މަސްގަނެވޭގޮތަށް ވަގުތީ ހުއްދަ ދޭގޮތަށް ސަރުކާރުން ނިންމި އެވެ.
މި ދަނޑިވަޅުގައި ކުޜީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިކަމާއިމެދު އޮތް ރައްޔިތުންގެ ފަރާތުން އޮތް ކަންބޮޑުވުން ހާމަކޮށްފައެވެ. އެމަނިކުފާނު މި ބަޔާން އާއްމު ކުރެއްވީ ”ކެޔޮޅާ މީ އަހަރެމެން ބުނިގޮތެއް ނޫން“ މިނަމުގައެވެ. އަދި ފާހަގަ ކޯށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު އައުމަށްފަހު ބައެއް ހިދުމަތްތަށް ފުޅާކުރެއްވިކަމަށް ބަޔާނެއްގެ ސިފައަށް ނެރެފައިވާ އެ ލިޔުމުގައިވެއެވެ.
މިގޮތުން ރޯމަސް ގަތުމުގެ ހުއްދަ އާންމު ފަރާތްތަކަށް 2003 ވަނަ އަހަރު ހުޅުވާާލިއިރު މިކަންތައް 2008 ވަނަ އަހަރު އައި އެމްޑީޕީގެ ސަރުކާރުގައި ފުޅާކުރެވިގެން ދިޔަކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ. އަދި 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވައްޓާލެއްވިކަމުގައި ފާހަގަކޮށް ބުނެފައިވަނީ މިއަށްފަހު މަހުގެ އަގު އެނެއްކާވެސް ވަރަށް ދަށްވެގެން ދިޔަކަމުގައެެވެ.

