ޒަމާނުއްސުރެން ފެށިގެން މާލެ ކައިރި ތިލަފުށީގައި ކުނި އެންދުމުގެ ސަގާފަތަށް ނިމުމެއް ގެނެވުމަކީ ސިއްހަތަށް ލިބުނު ކާމިޔާބެއްކަމަށް އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ޝައުނާ ވިދާޅުވީ މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރު ގުޅިފައި ވަނީ ތިމާވެށި ރައްކާތެރި ކުުރުމާއި ހަކަތަ ބަދަލު ކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި ކަމަށެވެ. މިކަން ގުޅިފައި ވަނީ އަމިއްލަ ސިއްހަތު ރައްކާތެރި ކުރުމާއިކަން ފާހަގަކުރައްވައި، ޝައުނާ ވިދާޅުވީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެ ކުރުން މަނާކުރުމާއި މިއަހަރުގެ މެދެއްހާ ހިސާބުގައި އެ ބޭނުން ކުރުން މަނާވާނެކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާ ގާއިމުކޮށް، އަތޮޅުތަކަށް ސާފު ބޯފެން ރައްކާތެރި ގޮތެއްގައި ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ވައުދަށް ވާއިރު ރާއްޖޭގައި ރަށްތަކުން ފެނާއި ނަރުދަމާ ގާއިމު ނުކުރެވި ހުރިހާ ރަށެއްގައި އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ކޮންޓްރެކްޓު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ކުނި މެނޭޖު ކުރުމުގެ އުސޫލުތަކެއް އެކުލަވާލި ނަމަވެސް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޝައުނާ ވިދާޅުވީ ކުނި މެނޭޖު ކުރުމުގެ ހަރުދަނާ އިންފްރާސްޓްރަކްޗާއެއް ނެތުމެވެ. އަދި ވިދާޅުވީ މިވަގުތު އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ތިލަފުށިން ކުނި އެންދުން ހުއްޓާލައި ވިހަ ދުރުން އެރުން ނިމުމަކަށް ގެނައުމަކީ ސިއްހީ ގޮތުން ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޝައުނާ ވިދާޅުވީ އިގްތިސާދު ޑީކާބަންޑިޒް ކުރަމުން ގެންދާކަމަށާއި، ރާއްޖޭގެ 7 ސަރަހައްދެއްގައި ވައިގެ ކޮލިޓީ މޮނިޓަރިން ސިސްޓަމް ހަރުކޮށް، އެ އިތުރު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާކަމަށެވެ.
The theme of World Health Day this year touches the most important issue of our times – I strongly believe environmental conservation, energy transition and our work to combat climate change is most closely linked to safeguarding our own health. https://t.co/KMbJmlkDLE
— Shauna Aminath ????❓ (@anuahsa) April 9, 2022
ޝައުނާ ވިދާޅުވީ ތިމާވެށި ރައްކާތެރި ގޮތެއްގައި ދެމެހެއްޓުމުން ވެސް ލިބޭ ކުރިއެރުންތަކެއް ވާކަމަށެވެ. އަދި ރާއްޖޭގެ 79 ސަރަހައްދެއް ހިމާޔަތްކޮށް، އޭގެ ތެރެއިން ފަސް ސަރަހައްދެއްގެ މެނޭޖްމަންޓު ޕްލޭން އެކުލަވާލާފައިވާކަމަށް ޝައުނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝައުނާ ވިދާޅުވީ މި މަސައްކަތް ފުޅާ ކުރުމަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި، ގުދުރަތީ ވަސީލަތްތަކުގެ އަގު، މިހާރަށްވުރެ ބޮޑަށް ސްޓޭކް ހޯލްޑަރުންނަށް އެނގިގެން ދިއުމަކީ ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތޯބުގައި ވެސް ވިދާޅުވީ ސިއްހަތަށް ރައްކާތެރިވާ ގޮތަށް ގުދުރަތީ ވެއްޓަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި ރައީސް ވިދާޅުވީ، އިންސާނުންގެ ސިއްހަތަށް ގެއްލުންދެނިވި އެތައް ކަމަކުން، އިންސާނީ މުޖްތަމައު މިއަދު އޮތީ ވަށައިގެން ބެދިފައި ކަމަށެވެ.

