ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ވީޑިއޯ މެސެޖު: މައުސޫމަށް ލިބުނު ނަފްސާނީ އެހީ، ކުރިޔަށް ދާން ލިބުނު އަސްލު ހިތްވަރު!

އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދެ ދުވަހު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދައުރުވެ އާއްމުންގެ އެތައް ބައެއްގެ ސަމާލުކަން ދަމައިގަތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ވަރުގަދަ މެސެޖެއް ފޯރުކޮށް ދޭ ވީޑިއޯ އެކެވެ.

އާއްމު މުޖްތަމައުގެ ތެރޭގައި ހުރި، އެތައް އިޖްތިމައީ މައްސަލައެއްގެ ތެރެއިން ނިއުޝާދު ޝަރީފް މިފަހަރު ހޮވައި ނެގީ މަސްތުވާތަކެތީގެ ކަނޑެއްގައި އަރަގުވި ޒުވާނެއްގެ ވާހަކަ އެވެ. ނިއުޝާދަކީ މީގެ ކުރިން ވެސް މިފަދަ އެތައް މެސެޖެއް މުޖްތަމައުއަށް ފޯރުކޮށްދިން ހުނަރުވެރި ޒުވާނެކެވެ.

ވީޑިއޯގައި ފެނިގެން ދާ މަންޒަރުތަކާއި، އަދި އޭގެއިން ފޯރުކޮށް ދިން އަސަރުގަދަ މެސެޖު ނުފެންނަ މީހެއް މަދުވާނެ އެވެ.

މައުސޫމްގެ ނަމުގައި އެ ފެންނަ ޒުވާނާ މަސްތުވާތަކެތީގެ މައްސަލައެގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު ނިކުތުމުން ވެސް މުޖްތަމައު އޭނާ ބަލައިގެންފައި ނުވެ އެވެ. ސަރުކާރުން ކުރިޔަށް ގެންދާ ހާއްސަ ޕްރޮގްރާމުތަކުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދާ ގައިދީންނަށް ތަފާތު އެކި ހުނަރުތައް ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދެ އެވެ. އޭގެ ތެރޭގައި އިންޖީނިއަރިންނާއި، ފެހުމުގެ ކުރު ކޯސްތަކާއި، އިމާމުކަމުގެ ކުރު ކޯސްތައް ހިމެނެ އެވެ. އަދި އެމީހުންނަށް ޕެރޯލްގެ ދަށުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަޒީފާތައް ދީފައި އެބަހުއްޓެވެ. ނަމަވެސް އެ ފުރުސަތު އެންމެނަކަށް ނުލިބެ އެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ކޯސްތައް ފުރިހަމަ ކުރިޔަސް މައުސޫމަށް ކުންފުންޏަކުން ވަޒީފާއެއް ދޭން ބޭނުން ނުވަނީ ކުށުގެ ރެކޯޑަށް ބަލަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ގެން ފުލުހުން ގެންދަނީ އޭނާގެ ބައްޕަގެ ހިތާމައަށް ކެތް ނުވެގެން ބިންމައްޗަށް ވެއްޓި އޮއްވަ އެވެ. އޭރު ވިހަން ކައިރިވެފައި ހުރި މައުސޫމްގެ އަންހެނުން ބައްޕައާއި ޖެހިގެން ހުރެ އެވެ. ބައްޕަ ނިޔާވެގެން ދިޔައިރު މައުސޫމް އޮންނަން ޖެހުނީ ޖަލު ގޮޅީގަ އެވެ.

މި ހާދިސާ އަކީ މައުސޫމަށް އެންމެ އަސަރު ކުރުވި، އަދި ނަފްސާނީ ގޮތުން ވެސް މީހާ ބަލިކަށިކޮށްލި ހާދިސާއަކަށެވެ. ސައިކަލުތައް ދޮވެ ސާފު ކުރުމަށް ފަހު ލިބޭ ކުޑަ އެއްޗަކުން ކާނިވާގެ ބިއްދޮށުގައި ހުސް ފޮށިގަނޑު އަޅައި ނިދަން މަސައްކަތް ކުރިޔަސް ކުއްލި ގޮތަކަށް އޭނާ ހޭލައްވާލަނީ އެ ހަނދާންތަކާއި އެ މަންޒަރުތަކެވެ. އުމުރުން ހަތަރު އަހަރު ވެފައި ހުރި ދަރިފުޅު ދެކެން ބޭނުންވުމުން އެކަމަށް އަންހެނުން ގާތު އާދޭސް ކުރި ނަމަވެސް މާޒީގައި ހަދާފައި ހުރި ގޯސްތަކާއި، ކުރެވިފައި ހުރި ކަންތަކުން އަންހެނުން މައުސޫމްގެ ވާހަކަތައް އަޑުއަހަން ބޭނުން ނުވި އެވެ.

ސައިކަލު ސާފުކޮށް ދިނުމުގެ ތެރޭގައި އުޅެނިކޮށް، އޭނާއާއި އެމްޓީސީސީގެ އިސް މީހަކާއި ދިމާވަނީ އޭނާގެ ސައިކަލު ނުޖެއްސިގެން އުޅެނިކޮށެވެ. ސައިކަލު ސްޓާޓުކޮށް ދިނުމަށް ފަހު ކުރިން މިފަދަ މަސައްކަތް ކުރިންތޯ ސުވާލު ކުރުމުން ޖަލުގައި ކުރު ކޯހެއް ހެދިކަމަށް މައުސޫމް ބުންޏެވެ. އެހެންވެ އެމްޓީސީސީގެ އެ މީހާ އެދުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އޮތް ވޯކް އިން އިންޓަވިއުއަކަށް އައުމަށެވެ. އޭނާ ބުނި ގޮތަށް އިންޓަވިއުއަށް ގޮސް ވެސް މައުސޫމް ބުނީ އޭނާއަށް ބަޔަކު ފުރުސަތެއް ނުދޭ ވާހަކައެވެ.

މީހާ އިސްލާހު ވެ ކުރިޔަށް ދާން ހުރި ނަމަ އެމްޓީސީސީން އެ ފުރުސަތު އެބައޮތްކަން ފާހަގަކޮށް މައުސޫމަށް ވަޒީފާ ލިބެ އެވެ. ގަޔާވެ، ކުރާ ހިތުން އަދާ ކުރަމުން ދިޔަ ވަޒީފާގައި ހުއްޓާ އަންހެނުން ގުޅައި ދަރިފުޅުގެ ބެލެނިވެރިކަން ބަދަލު ކުރަން ބޭނުންވާ ވާހަކަ ބުނެ އެވެ. މިހާރު އުޅެނީ ވަޒީފާއެއްގައިކަމާއި ދަރިފުޅުގެ ހުރިހާ ހަރަދެއް ނަގާނެކަމަށް ބުނުމުން ވެސް އަންހެނުން ފޯމުގައި ސޮއި ކުރަން އަންނަން ބުނެ ފޯނު ބާއްވަ އެވެ.

އެ ހިތާމައިގެ ތެރޭގައި މީހާ ހުއްޓައި، އަނެއްކާވެސް އެހީގެ އަތެއް ދިކޮށްލީ އޭނާއާއި އެންމެ ފުރަތަމަ ވެސް ދިމާވި އެމްޓީސީސީގެ އޮފިސަރު މަނިކު އާއި އެވެ. ދިރިއުޅުމުގައި މިފަދަ އެތަށް ކަމަކާއި ދިމާވާނެކަމާއި ބޭނުން ވަނީ އެކަންކަމާއި ކުރިމަތިލައި ކުރިޔަށް ދިއުންކަން ފާހަގަކޮށް މީހާގެ ސިކުނޑި ތެރޭގައި ހުރި ކަންކަން ބޭރު ކުރަން ޖެހޭކަމަށް ބުނެ އެވެ.

ދެން މައުސޫމާއި ދިމާވަނީ ސައިކޭޓްރިސްޓަކާއި އެވެ. ނަފްސާނީ ގޮތުން ވެސް ބަލިކަށިވެފައި ހުރި މައުސޫމް އަސަރާއި އެކު އޭނާގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދީ ބައްޕަ ނިޔާވެގެން ދިޔަ ގޮތާއި މެދު ދެރަވާކަމާއި އެކަމާއި އަބަދުވެސް ވިސްނޭކަމަށް ބުންޏެވެ. މައުސޫމަށް ކުރިޔަށް ދިނުމުގައި އޭނާ އެހީތެރިވެ ދިނެވެ.

ވީޑިއޯ ނިމިގެން ދާއިރު ފެންނަނީ، މައުސޫމަށް އިންޖީނިއަރިން ކޯހެއް އެމްޓީސީސީން ލިބޭކަން އިއުލާނު ކުރާ ހިސާބުންނެވެ. ފަހުރުވެރިކަމާއި އެކު ސެޓްފިކެޓާއި ހަވާލުވުމަށް ފަހު ދެން މަނިކު އައިސް ވަދެ އޭނާއަށް އަންހެނުންނާއި ދަރިފުޅު ދައްކާލަ އެވެ. ތިމާގެ އަމިއްލަ ދަރިފުޅު އެއްވެސް މިންވަރަކަށް ނުފެނި ހުރި މައުސޫމް ކަކޫ މައްޗަށް ތިރިވެ ދަރިފުޅުގެ ގައިގައި ބައްދާލަ އެވެ. މައުސޫމް ރޮމުން ދިޔައިރު ދަރިފުޅު އަތުން ބައްޕަގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ފޮހެލަ އެވެ.

ހޯލުގައި އެވަގުތު ތިބި އެންމެނަށް ދައްކާލުމަށް ފަހު، އަތުގެ އިޝާރާތުން މިއީ ތިމާންނާގެ ދަރިފުޅޭ މައުސޫމް ބުނެލަ އެވެ. ދަރިފުޅު އެންމެން ކައިރިޔަށް ގެންގޮސް ސަލާމް ކުރަމުން ދިޔަ އިރު ފެންކަޅިވެފައި އެ މަންޒަރު ބަލަން އަންހެނުން ވެސް ހުއްޓެވެ. އަންހެނުން ވެސް ބޭނުންވީ ދަރިފުޅުގެ ހުރިހާ ކަމެއްގައި ދެ މީހުން އެކުގައި ޝާމިލުވެ ކުރިޔަށް ދިއުމަށެވެ.

އޭގެ ފަހުން އަނެއްކާ ވެސް މައުސޫމް އޭނާގެ ކައުންސިލަރާއި ވާހަކަ ދައްކާތަން ފެނެ އެވެ. ހިތްވަރުގެ ބަސްތަ ދީ، ކައުންސިލަރު ވެސް ބުނީ އޭނާ މައުސޫމާއި މެދު ފަހުރުވެރިވާކަމަށެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކާއި ވެސް ކެރިގެން ކުރިމަތިލުމަށެވެ.

އަސަރުން ފުރިގެންވާ، އެހާމެ އިބުރަތްތެރި މި ވީޑިއޯއިން އަޅުގަނޑުގެ ސަމާލުކަން ދަމައިގަތީ ނަފްސާނީ ގޮތުން އެހީތެރިކަމަށް ބޭނުންވެފައި ހުރި މައުސޫމަށް އެ މަގު ހުޅުވުމުން ސިކުނޑީގައި އެއްކޮށްފައިވާ އެތައް ވާހަކައެއް އޭނާ ބޭރު ކުރާ ހިސާބުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހި. ރަނގަޅުވެ މުޖްތަމައުއަށް އެ ނިކުންނަ މީހާއަށް ހަގީގަތުގައި ނަފްސާނީ އެހީ ވަރަށް ބޮޑަށް ބޭނުންވެ އެވެ. ސަބަބަކީ ގޯސް ދިރިއުޅުމުގެ ތެރެއިން ކުރެވުނު ހުރިހާ ގޯސް ކަމަކާއި މައިންބަފައިންނާއި މުޅި އައިލާ ރުއިރުއިމާއި މެދު މީހާ ވިސްނަން ފަށާނީ މިހާ ހިސާބުން ކަމަށް ވީތީ އެވެ. ދިރުއުޅުމުގައި މައިންބަފައިން ލައްކަ ހިތުގައި ޖެއްސުނުކަމާއި، ހަނދާންކޮށް ހިތާމަ ކުރާނީ މީހާ ރަނގަޅުވާން ކުރާ މަސައްކަތުގަ އެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ހުކުމް ތަންފީޒުކޮށް މީހާ ނިކުންނަށް ހިސާބުން އަޅާލުމާއި ލޯބި ބޭނުންވާ ކަމެވެ. ވަޒީފާގެ ފުރުސަތު ބޭނުންވާ ކަމެވެ.

އެމްޓީސީސީގެ އެހީތެރިކަމާއެކު މި ވީޑިއޯއިން މައުސޫމުގެ ބަނަވި ދިރިއުޅުން އާރާސްތުކޮށް، އުޖާލާ ކުރުވާގޮތް ވީޑިއޯއިން ދައްކުވައިދެއެވެ. ޔަގީނަށް ވެސް މިއީ އެތައް ޒުވާނަކަށް ލިބިފައި ހުރި ފުރުސަތުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: