ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް މީހުން ހިންގާ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ހަޑިވަނީ އެމްޑީޕީގެ ނަން: ވައްޑެ

ލ. ގަން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް މީހުން ހިންގާ ނޭއްގާނީ އަމަލުތަކުގެ ސަބަބުން، ހަޑިވަނީ ޕާޓީގެ ނަމާއި ކުރިމަގުކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ފޯރިގަދަވެފައިވާ ޗެއާޕާސަންކަމުގެ މަގާމާއި އެކު ޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ. ވެރިކަމުގައި އޮވެމެ، ޕާޓީގެ އެއްވެސް އުސޫލެއް ދަމަހްޓަމުން ނުދާކަމަށް ބުނެ ވެސް ފާޑުކިއުންތައް އަމާޒުވެފައިވާއިރު، މިއީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާ ޖެއްސުމެއްގެ ގޮތުގައި ވެސް ބައެއް މެމްބަރުން ސިފަ ކުރި އެވެ.

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒަ ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އަދި ދެ ބޭފުޅުން ވެސް ގެންދަނީ ރަށްތަކަށް ދަތުރު ކުރައްވައި، ތައީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިވަގުތު ކެމްޕެއިނަށް ލ. ގަމުގައި ހުންނެވި އިންތިގެ ކެމްޕެއިން ތަރުޖަމާނުކަން ވެސް ކުރައްވާ ވަހީދު ވިދާޅުވީ ކޮންމެ ރަށަކުން ވެސް ދިމާވާ މޫނެއްގެ ފަހަތުގައި އިތުރު އެތައް ވޯޓެއް ހިމެނޭ ކަމަށެވެ. އެ މީހެއްގެ މުޅި އާއިލާގެ ތާއީދު ވެސް ހަގީގަތުގައި އޮންނަނީ އިންތިއަށް ކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ތިލަފަތުގެ ރަމްޒަށް އެންމެން ވެސް ވޯޓު ދޭން އެދޭ ކަމަށެވެ.

އެތައް ރަށަކަށް ކުރެވުނު ކެމްޕެއިން ދަތުރުތަކާއި، ކުރިޔަށް ގެންދިޔަ ކެމްޕެއިން ބައްދަލުވުންތަކަށް ފަހު މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި ވަހީދު ވިދާޅުވި އެވެ. އިންތިގެ ޓީމާއި އެކު ތިބި މެމްބަރުންނަކީ ތަޖުރިބާގެ އަލީގައި ހިސާބު ޖަހާ ބައެއްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އިންތިހާބުތަކުގައި މަސައްކަތް ކުރަންވީ ގޮތަށް ވަރަށް ރަނގަޅަށް ޓީމަށް އެނގޭ ކަމަށެވެ.

އެމްޑީޕީގެ 17 އަހަރުގެ ކާމިޔާބީގެ ފަހަތުގައި އެތައް މަސައްކަތްތަކެއް ވާއިރު އުސޫލުތަކެއް އެކުލަވާލައި މެނިފެސްޓޯއަކާއި އަމާޒެއްގެ ދަށުން މަސައްކަތް ކުރުމުގެ ނަތީޖާއަކީ ދިވެހި ރާއްޖެ، އަނެއް ރާއްޖެއަށް ބަދަލު ކުރެވުންކަމަށް އޭނާ ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ އެމްޑީޕީއަކީ ޒަމާނުއްސުރެން ފެށިގެން ބަޔަކު ދިވެހީންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އަލުން އަނބުރައި ހޯދުމަށް ގުރުބާނީތަކެއް ވީ ޕާޓީއެއް ކަމަށެވެ.

ރައްޔިތުންގެ ހައްގުތަކަކީ ކޮބައިކަމާއި، އަދި އެންމެ އަސާސީ މިންވަރު ދިވެހި ރައްޔިތު މީހާއަށް ބުނެ ދިނީ އެމްޑީޕީކަން ފާހަގަކޮށް ވަހީދު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ހައްގުތައް ފުރިހަމައަށް ތަންފީޒު ކުރަން އެމްޑީޕީން ނުހަނު މަސައްކަތްތަކެއް ކުރި ކަމަށެވެ. މި ބަދަލުތައް ދެމެހެއްޓޭނީ ހުއްޓުމެއް ނެތި ކުރާ މަސައްކަތްތަކުން ކަމުގައި ވަހީދު ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީ ވުޖޫދު ކުރުމަށް ކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ އެއީ ޖަލުގެ އަނިޔާ އާއި ޖައްވާއި ފަޒާއަށް ބަޑި ޖެހުމާއި ދެކޮށް ކުރި މަސައްކަތުގެ އެއް ނަތީޖާ ކަމަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުމެން ފަދަ ބޭފުޅުންތައް އެތަށް ގުރުބާނީއެއް ވީ ދިވެހި ރައްޔިތުންނަށްޓަކައި ނޫންތޯ ވަހީދު ސުވާލު ކުރެއްވި އެވެ.

ވަހީދު ވިދާޅުވީ ކޮންމެ ރަށެއްގައި އެކަށީގެންވާ ފެނާއި ނަރުދަމާ ގާއިމްކުރުމާއި ކޮންމެ ރަށެއްގައި ބޯފެނާއި ކަރަންޓާއި އެކަށީގެންވާ ބޭސްފަރުވާ ގާއިމް ކުރަންޖެހޭ ކަމަށާއި ލަފާ ފުރޭނެ ގޮތާއި ބޯހިޔާވަހިކަން ގާނޫނު އަސާސީ އަކުން ރައްްޔިތުންގެ އަސާސީ ހައްގުތަކެއް ކަމުގައި އަލަށް ގާނޫނު އަސާސީގައި 2007 ވަނަ އަހަރު ހިމެނީ އެމްޑީޕީން ކަމުގައެވެ. އެއަށް ފަހު އެކަމަށް ޖާގަ ދިނުމަށްޓަކައި އެމްޑީޕީ އިން އަލަށް އުފެދުނު 2008 ވަނަ އަހަރުގެ ސަރުކާރުކަމުގައި ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގެންދެވުނީ ދައުލަތުގެ މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުންކަމަށް ވީތީ އެމްޑީޕީން އެކަމަށް ގެނައި ހައްލަކީ ޓެކުހުގެ ނިޒާމުކަމަށް ވަހީދު ވިދާޅުވި އެވެ. އެކަމާއި ދެކޮޅަށް ވިޔަފާރިވެރިން ކޯޓަށް ދާން މަސައްކަތް ކުރިޔަސް، އެމްޑީޕީ ބޭނުންވީ ދިވެހި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްކަން ވަހީދު ފާހަގަ ކުރެއްވި އެވެ.

ވަހީދު ވިދާޅުވީ ޓެކުހުގެ ނިޒާމު ތައާރަފްކޮށް އޭގެ ބޭނުމަކީ ކޮބައިކަން ރައްޔިތު މީހާއަށް ބުނެދޭން ލުއި ފޮތްތަކާއި އެކު ރައީސް ނަޝީދު ރައްޔިތުންގެ ގެތަކަށް ވަޑައިގެންނެވި ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ވިޔަފާރިވެރިޔާގެ ޖީބަށް ވަންނަ ލާރިއެއް ނޫންކަމާއި އެ ފައިސާ ބޭނުން ކުރާނީ ރައްޔިތު މީހާގެ އަސާސީ ބޭނުންތަކަށް ކަމުގައި ރައްޔިތުންނަށް ވިސްނައިދިނީ ރައީސް ނަޝީދުކަމަށް ވަހީދު ވިދާޅުވި އެވެ.

އެނާ ވިދާޅުވީ މިއަދު ދައުލަތުގެ އާމްދަނީ ތިރީސް އެތައް ބިލިއަނަކަށް ބޮޑުކުރެވުނީ އެދުވަހު ވަރަށް ހިތްވަރުކޮށްގެން ޓެކްސްގެ ނިޒާމް ގާއިމް ކުރެވުނީމަ ކަމުގައެވެ.

މިއަދު ނަރުދަމާ އާއި ބަނދަރު ހެދުމާއި ފެނުގެ ނިޒާމު ގާއިމް ކުރުމާއި އިންޖީނުތައް ގެންނާނެ  ލާރި އެބަހުރި ކަމުގައި ވައްޑެ ވިދާޅުވިއެވެ. އެއީ ބައެއްގެ ވަރަށް މަސައްކަތުން ހާސިލް ކުރެވުނު ވަރެއް ކަމުގައި ވަހީދު ވިދާޅުވިއެވެ. އެމްޑީޕީ އިން އަބަދުވެސް ގަބޫލު ކުރަނީ ތަރައްގީވެދަނީ ދޫކޮށްލުމަށް ފަހު ތަރައްގީ ވާން ޖާގަ ހަދައިދިނުމުން ކަމުގައި ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: