ރަށު ކައުންސިލަރުން ހުށަހަޅާފައިވާ ގޮތަށް އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އއ އުކުޅޮހުގައި މިއަދު ފެށިގެން ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަައެޅި ކަންބޮޑުވުން ތަކާއި ޝަކުވާ ހުށައެޅިއެވެ.
ކައުންސިލް ތަކުގެ ކައުންސިލަރުންގެ ޝަކުވާ އަޑުއެއްސެވުމަށްފަހު ރައީސް ސާލިހު ވަނީ ކުރިން ކައުންސިލް ތަކަށް ދެމުން އައި އަތޮޅު ފިހާރަތަކުގެ ކުލީގެ އެއްބައި އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ އެ ނިންމެވުމާ އެކު 2018 ގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 34 މިލިއަން ރުފިޔާ ލިބޭނެ އެވެ.
އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަ ތަކުގެ ކުލި ޖަމާކޮށް ނުދޭ ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި 2016 އަދި 2017 ވަނަ އަހަރު އަތޮޅު ފިހާރަ ތަކުގެ ކުލި ޖަމާކޮށްދިނުމަށް ފަހު އެކަން ހުއްޓިފައި އޮތީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށެވެ.
އެހެން ނަމަވެސް ރައީސްގެ ނިންމެވުމާއެކު 2018 ވަނަ އަހަރު އަތޮޅު ފިހާރައިން ލިބުނު 34 މިލިއަން ރުފިޔާ ކައުންސިލް ތަކަށް ދޫކުރެވޭތޯ ބަލާނެ ކަމުގައި އަމީރު ވިދާޅުވިއެވެ.
މީގެ ކުރިން ކައުންސިލް ތަކަށް ކުލީގެ އެއްބައި ލިބޭގޮތަށް އޮތުމުން ލިބޭނީ 17 މިލިއަން ކަމަށާއި ނަަމަވެސް ރައީސް މިއަދު ހުރިހާ ފައިސާ ދޭން ނިންމެވުމުން ކުލީގެ ހުރިހާ ފައިސާ ޖަމާކުރާނެ ކަމުގައި އަމީރު ވިދާޅުވިއެވެ.
މާލޭގެ ނޯތް ހާބަރ ސަރަހައްދުގައި ގާއިމްކޮށްފައިވާ އަތޮޅު ފިހާރަ ތަކުން ކައުންސިލް ތަކަށް ލިބެންޖެހޭ ކުލި ލިބެމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ބައެއް ކައުންސިލްތަކުން ވަނީ ފާޅުކޮށްފައެވެ

