ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 11 އަތޮޅަކުން 35 ރަށަކަށް އުދައިގެ އަސަރުކޮށްފައިވޭ: ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 11 އަތޮޅަކުން 35 ރަށަކަށް އުދައިގެ ސަބަބުން އެކިއަސަރުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާޒްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ހިސާންވިދާޅުވީ ހަމައެކަނި ގޭގެއަށް ލިބުނު ގެއްލުމަށް އެކަނިވެސް 450 އަށް ވުރެ ގިނަ ކޭސްތައް ރިޕޯޓްކުރެވިފައިވާ ކަމަށާއި ސްކޫލްތަކާއި ސަރުކާރުގެ އެކި މަރުކަޒުތަކާއި އެކި ބިލްޑިންގ ތަކާއި އެނޫންވެސް އެކިތަންތަނަށް އެކި ވަރުގެ ގެއްލުން ތައް ލިބިފައިވާ ކަމަށެވެ.

އުދައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑަށް ބަލަނީ އެންމެ ބޮޑަށް ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދިނުން ކަމުގައި ކަމަށާއި އެއަށް ފަހު ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް އެހީ ވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހިސާން ވިދާޅުވިއެވެ.

އުދަ އެރުމުގެ ހާދިސާ ބޮޑަށް ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށުގައި ކަން ހިސާން ފާހަގަކުރެއްވިއެވެ. އެގޮތުން ގދ ގެ ރަށްތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި އުދައިގެ ގެއްލުމުގެ އަސަރު ވަރަށްބޮޑަށް ކޮށްފައިވެއެވެ. އެގޮތުން ގދ މަޑަވެލީގެ ގިނަ ގެތަކަށް އުދައިގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގޮތުން އެރަށުގެ 98 ޕަސެންޓް ފެން ބޮޑުވެގެން ވަނީ ގޮސްފައެވެ.

އެގޮތަށް ދިމާވެފައިވަނީ މުޅިރަށަށް އެއްކޮށް ރާޅުއަރައި ފެންގަނޑު ބަންޑުން ޖަހާލުމުން ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ދިޔަވަރު ބޮޑުއިރު ފެން ހިއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ތ އަތޮޅު ތިމަރަފުށީގައި ވެސް ލިބުނު ގެއްލުންތަކުގައި ބައެއް ސަރަހައްދުތަކުގައި ހަތަރު ފޫޓަށް ވުރެ ބޮޑުކޮށް ފެން ބޮޑުވެފައިވެއެވެ. އެކަމުގެ ސަބަބުން ގޭގައި އަތްލާ ގެންގުޅޭ ގިނަ ތަކެއްޗާއި ކަރަންޓްގެ ބައެއް ސާމާނުތައްްވަނީ އެއްކޮށް ހަލާކުވެފައެވެ.

ވުމާއެކު  މިއަހަރު އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް އެހެން އަހަރުތަކާއި އަޅާބަލާއިރު ބޮޑުކަމަށް އަންދާޒާ ކުރެވޭ ކަމުގައި ހިސާން ވިދާޅުވިއެވެ.

އުދައެރުމުގެ ސަބަބުން މިހާތަނަށް ހަތަރު ރަށަކުން 26 އާއިލާއެއް ވަނީ ހިޔާތަކަށް ބަދަލުކުރެވިފައެވެ.

ރާއްޖެއަށް ކުރިމަތިވަމުންދާ ވިއްސާރައާއި އުދައެރުމުގެ ހާދިސާތައް ދަނީ ގިނަވަމުންނެވެ. އަދި އެފަދަ ހާދިސާތަކުން ލިބޭ ގެއްލުންވެސް ވަރަށް ބޮޑެވެ. ވުމާއެކު މިކަންކަން ހައްލުކުރުމަށް ސަރުކާރުންގެންދަނީ ރަށުގެ ވެއްޓާއި ވަށައިގެން ވާ މާހައުލު ހިމާޔަތް ކުރުމަށް އެކި މަޝްރޫއުތައް ހިންގަމުންނެވެ.

ރާއްޖެއަކީ ބިންތިރި ގުދުރަތީ ވަސީލަތްތަކާއި އިންސާނީ ވަސީލަތް މަދު ގައުމަކަށް ވެފައި އުދައަރުމުގެ ސަބަބުން ދިމާވެދާނެ ގެއްލުންތަކަށް ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި މަޝްރޫއު ހިންގާ ފަރާތްތަކުން ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމުގައި ހިސާން ވިދާޅުވިއެވެ. އަދި މަޝްރޫއުތައް ކުރިއަށް ރޭވުމުގައި އެކަމުން ލިބިދާނެ ގެއްލުމަކުން ރައްޔިތުން ސަލާމަތް ކޮށް ނުވަތަ އެފަދަ ގެއްލުމެއް ނުވާނެ ގޮތަކަށް މަޝްރޫއުތައް ހިންގުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މީގެ ކުރީގެ ސަރުކާރުތަކުން މަޝްރޫއުތައް ހިންގުމުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތް ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނިފައި ނުވާ ކަމަށައި އެކަމުގެ ސަބަބުން ކާރިސާތައް ކުރިމަތިވާއިރު ގެއްލުންތަކާއި ކުރިމަތިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ރަށްރަށުގައި ހަދާފައިވާ ބަނދަރުތައް ހެދެނީ ރަށުގައި އޮންނަ ފަސްގަނޑަށް ވުރެ އުސްކޮށްނެވެ. އެހެންކަމުން ވިއްސާރަ ދުވަސްވަރު އެތަނަކީ ފެން ޖަމާވެ ފެންބޮޑުވާ ސަރަހައްދަަކަށް ވެގެންދެއެވެ. އަދި އެތަނަށް އެޅޭފެންގަނޑު ރަށުތެރެއަށް ނުގޮސް ބޭރުވާނެ ނިޒާމެއް ގާއިމްކޮށްފައި ނުވާނަމަ ތިރި ސަރަހައްދުތަކުގައި ފެންބޮޑުވުމަށް ދިމާވެއެވެ. އެގޮތުން ކުރިން ހިންގާފައިވާ ޕްރޮޖެކްޓް ތަކުގައި އެމައްސަލަ ފާހަގަވެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ރަށުގެ ބަނދަރާއިއެކު ފުރިހަމަ ފެންހިންދާ ނިޒާމެއް ގާއިމް ނުކުރެވިއްޖެ ނަމަ ރަށުތެރޭގައި ފެން ބޮޑުވުމުގެ ފުރުސަތު ބޮޑުވެ މީހުންގެ ގޭގެއަށް ފެންވަނުމަށް މެދުވެރިވެއެވެ.

މީގެ އިތުރުން އެއަރޕޯޓްތައް ތަރައްގީ ކުރުމުގައި މީގެ ކުރިން ހިންގިފައިވާ މަޝްރޫއުތަކުގައި ވެސް ފެންހިންދާނެ ރަނގަޅު ނިޒާމެއް ގާއިމްކުރެވިފައި ނެތުމުގެ ސަބަބުން އެތަނުގައި ބޮޑުވާ ފެންގަނޑު ރަށުތެރެއަށް ފެތުރިގެންދެއެވެ.

މިސާލެއްގެ ގޮތުގައި ހިސާން ވިދާޅުވީ ތ އަތޮޅު ތިމަރަފުއްޓަކީ އެއަރޕޯޓް ހެދުމުގެ ކުރިން އެއްވެސް ވަރަކަށް ފެންބޮޑުވާ ރަށެއް ނޫންކަމަށާއި ނަމަވެސް އެއަރޕޯޓަށް ފަހު  ކޮންމެ އަހަރަކު ވެސް އެރަަށަށް ދަނީ ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވަމުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: