ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގެ މައްސަލައިގައި މަންދު ކޮލެޖުން އެދުނު އަމުރު ހައިކޯޓުން ނެރެނުދިން

ޢިއްޒުންދީން ސްކޫލު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އެމްއީއެސް ހިންގި އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭ ގޮތަށް އަމުރެއް ނެރުމަށް މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން އެދުނު ނަމަވެސް، އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މަންދު ކޮލެޖް ހިންގަމުންދާ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ގެންދިއުމަށްފަހު އެތަން ބަންދުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖްގެ އަތުން އެމްއީއެސް ހިންގި އިމާރާތް އަތުލުމުން ލިބުނު ގެެއްލުމުގެ ބަދަލުގައި 15 މިލިޔަން ރުފިޔާ އެ ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށްވަނީ ހުކުމްވެސް ކޮށްފައެވެ. މަންދު ކޮލެޖު ހިންގާ ކުންފުންޏަކީ މިހާރުގެ އިކްނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްގެ ބޭބެ އިބްރާހިމް އިސްމާއީލްގެ ކުންފުންޏެކެވެ. އަދި އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖު އަތުން ނެގުމުން ދޭން ޖެހުނު ގެއްލުމުގެ ބަދަލު އިބްރާހިމް އިސްމާއީލްއަށް ދީފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ސަރުކާރާއި ހަވާލުވެ ވަޑައިގަތުމަށް ފަހުއެވެ.

އެއިމާރާތް އަލުން ހޯދުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މިދިޔަ ފެބުރުއަރީ މަހު މާލެ ހައި ކުންފުނިން ވަނީ އެދިފައެވެ. އަދި އެތަން މާލެ ހައި ކުންފުންޏާއި ހަވާލު ކުރުމަށްވެސް ވަނީ އެދިފައެވެ. ނަމަވެސް އޭރުވެސް ސިވިލް ކޯޓުންވެސް ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ސިވިލް ކޯޓުން އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމުމުން މާލެ ހައި ކުންފުނިން ވަނީ މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ، ޝަރީޢަތުން ފައިޞަލާ ކުރަނިވި ނިހާއީ ޙުކުމެއް މި މައްސަލައިގައި ކުރުމުގެ ކުރިން ނުވަތަ އެފަދަ ޙުކުމެއް ކުރުމާ ހަމައަށް ، މި މައްސަލައިގެ މައުޟޫޢުގައި ހިމެނޭ އެމް. އީ. އެސް ކުރީގައި ހިންގި ޢިމާރާތުގެ އެއްވެސް ބޭނުމެއް ނުކުރުމަށް މިހާރުން މިހާރަށް ދައުލަތުގެ މައްޗަށް އަމުރެއްކޮށްދިނުމަށާއި، އެމް. އީ. އެސް ކުރީގައި ހިންގި ޢިމާރާތުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އިތުރުން ދަރިވަރަކު އެންރޯލް ނުކުރުމަށާއި، އެ ޢިމާރާތަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި ތިންވަނަ ފަރާތެއްގެ ޙައްޤެއް އެ ޢިމާރާތާ ގުޅިގެން އުފަންވާނޭ ފަދަ އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއެކު ނުކުރުމަށް އަންގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މި ކަމާ ގުޅުންހުރި ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ގުޅިގެން ދައުލަތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ހުކުމުގައިވާ ދަޢުވާގައި ގެއްލުމުގެ ބަދަލު ހޯދުމުގެ އިތުރުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާ ޙަވާލާދީ ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރަކަށް އެދި ހުށަހަޅާފައި ވީނަމަވެސް، މިއީ މި މައްސަލައިގައި ހިމެނޭ އެއްބަސްވުން އުވާލުމާގުޅިގެން އެކަމުގެ ފަރުވާއެއް ހޯދަން އެފަރާތުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިއުމުން ނިހާއީ ދަރަޖަ ލިބިފައިވާ މައްސަލަތަކުގައި ވެސް އެފަރާތުން އެދިފައިނުވާ އާ ކަންތައްތަކެއް ގެއްލުމުގެ ބަދަލު ހޯދުމަށް ލިބުނު ޙައްޤެއްގެ ދަށުން ނޭދެވޭނެ ކަމަށެވެ. ޢިމާރާތް އަނބުރާ އެ ފަރާތާ ޙާވާލުކުރުމުގެ އަމުރަކަށް އެދުމުގެ ޙައްޤެއް އެފަރާތަށް ނޯންނާނެ ކަމަށާ އި އެ ޙައްޤުގެ މައްޗަށް ބިނާކޮށް އެފަރާތަށް ވަގުތީ އަމުރަކަށް އެދުމުގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނޯންނާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި މައްސަލައިގައި ދައުލަތުން ފާހަގަ ކޮށްފައިވާ ގޮތުގައި ވަގުތީ އަމުރު ނެރެނުދީފިނަމަ ލިބޭނެ އިޢާދަ ނުކުރެވޭނެ ނުވަތަ ތަދާރުކު ނުކުރެވޭނެ ނުވަތަ ޙިސާބު ނުކުރެވޭނެ ގެއްލުންތަކަކީ ކޮބައިކަން މާލޭ ހައިޕްރައިވެޓް ލިމެޓެޑުން ސާފުކޮށް ބުނެދެވިފައިނުވާ ކަމަށާއި އަދި ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓަށް ޙަވާލާދީ ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، އެމް. އީ. އެސް ކުރިން ހިންގި ޢިމާރާތަކީ މިހާރު ދައުލަތުން ޕަބްލިކް ސްކޫލެއް ހިންގަމުންދާ ޢިމާރާތަކަށް ވެފައި އެ ސްކޫލަށް އިތުރު ދަރިވަރުން އެންރޯލް ނުކުރުމަށާއި އެ ސްކޫލުގެ ޢިމާރާތަށް ބަދަލެއް އަންނަފަދަ ކަމެއް ނުކުރުމަށާއި މިފަދަ މޭރުމަކުން ނެރޭ ވަގުތީ އަމުރެއް ވެގެންދާނީ އެ ސްކޫލުގައި ކިޔަވަ މުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ކިޔަވާނެ ދަރިވަރުންގެ މަޞްލަޙަތަށް ވަރަށް ބޮޑު އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ މި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރަކީ ކޯޓުން ނެރެދޭންޖެހޭ އަމުރެއް ނޫން ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

ހައިކޯޓުން މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރުގައި މިކަމުގެ ސަބަބެއްކަމަށް ހުކުމުގައި ފާހަގަކޮށްފައިވަނީ އެފަދަ އަމުރެއް ނެރެފިނަމަ އެތަން ބޭނުން ކުރަމުންދާ ދަރިވަރުންނާއި ބެލެވެރިންނަށް އެތައް ގެއްލުމަކާއި ކުރިމަތިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނުޙަޢްޤުން ނަމަވެސް 15 މިލިޔަންވެސް ހޯދީ އަދި ޢިމާރާތްވެސް އެބަ ބޭނުންވޭ، އަމިއްލަ އެދުން ބޮޑަސް މިއީ ފުކެއް ބޮޑުވަރު!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: