ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުގެ އަދަދަށް ބަލައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލަށް މަޝްވަރާތައް ފަށައިފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަރަކާތްތެރިވަމުން ދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް 10،000 މެމްބަރުން ހަމަވުމަށް ފަހު އިތުރުވާ ކޮންމެ މީހެއްގެ ބޮލަކަށް ބަލައި ދައުލަތަކުގެ ބަޖެޓުން ފައިސާ ދޫކުރާ އުސޫލަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ އޮފީހާއި، ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 36 ވަނަ މާއްދާގެ ދަށުންނެވެ. ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމާއި މެދު މަޝްވަރާތައްް ކުރިއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވެސް މި މައުޟޫއަށް ބަހުސްތަކެއް ކުރި އެވެ. އޭރު ބައެއް މެމްބަރުން ހުށަހެޅި ހިޔާލަކީ މެމްބަރުންގެ އަދަދަށް ބަލައި ފައިސާ ދޫކުރުން އެއީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާތީ، ޕާޓީތަކަށް އިންތިހާބުތަކުގައި ވޯޓު ލިބޭ އަދަދަށް ބަލައި ފައިސާ ދޫކުރުމަށެވެ. އަދި އީސީން ޑްރާފްޓު ކުރާ ބިލުގައި އިސްލާހު ހިމަނާފައިވާ ގޮތަކީ އެއީ އެވެ.

މިވަގުތު ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ އަންނަ ދައުރުގެ މަސައްކަތް ފެށެންވާއިރަށް ބިލު މަޖިލީހަށް ހުށަހެޅުމަށެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނަށާއި ލާމަރުކަޒީ ޤާނޫނަށާއި އިންތިޙާބާއި ބެހޭ ޤާނޫނުތަކަށް ސަރުކާރުންވެސް އިސްލާހުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ފެށީ ކޮމިޝަނުގައި 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ވިސްނުން ހުރީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އެކި ގިންތިތަކަށް ބަހާލައިގެން ދިނުމަށެވެ. އެގޮތުން 55 އިންސައްތަ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަކަށް ލިބިފައިވާ ސައްޙައް ވޯޓުގެ ނިސްބަތުން ކަމަށް ހުށަހެޅުމަށް ފަހު، 15 އިންސައްތަ އިދާރީ ފީއެއްގެ ގޮތުގައި ހުރިހާ ޕާޓިތަކަށް ބެހުމަށްފަހު އަނެއް 30 އިންސައްތަ 10،000 މީހުން މީހުން ހަމަވާ ޕާޓީތަކަށް ބަހާލާގޮތަށް އިސްލާހު ހުށަހަޅަން މަޝްވަރާ ކުރިކަން ފާހަގަ ކުރެވެ އެވެ.

ނަމަވެސް އަނެއްކާވެސް މި މައްސަލަ ފެންމަތިވީ ސިޔާސީ ޕާޓީތަކަށް ނޭނގި މީހުން ވައްދާ މައްސަލައާއި، ވަގު ފޯމުގެ މައްސަލައިގައި އީސީން ވެސް ކަންބޮޑުވުން ފާޅު ކުރުމުންނެވެ. އެ މައްސަލައިގައި އިދިކޮޅުން ވެސް ވަނީ ސަރުކާރުން ކޯލިޝަން ޕާޓީތަކަށް ފައިސާ އިތުރަށް ދޫކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުން 32 މިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ. މިއީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ 0.1 އިންސައްތަ އެވެ.

ރާއްޖޭގެ ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން ޖެހެ އެވެ. މިހާތަނަށް އައި އިރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް ޕާޓީ އަށް 2019 ވަނަ އަހަރު އެކަނި ވެސް 12 މިލިއަން ރުފިޔާ ދޫކުރިއިރު، އިދިކޮޅު ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ލިބުނެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާ އެވެ.

ޕާޓީތަކުގެ މެމްބަރުންނަށް ބޮލަކަށް 327.29 ދޫކުރުމުން، މިދިޔަ އަހަރު އެމްޑީޕީއަށް 17 މިލިއަން ރުފިޔާ، ޕީޕީއެމްއަށް 11 މިލިއަން އަދި ޖޭޕީއަށް 03 މިލިއަން ލިބުނެވެ.

ސިޔާސީ ޕާޓީޓަކުގެ ތެރެއިން ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. މިވަގުތު 10،000 މެމްބަރުން ހަމަވެފައިވަނީ އިދިކޮޅު ޕީޕީއެމް، ވެރިކަން ކުރާ އެމްޑީޕީ އަދި ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖޭޕީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައްޔިތުންގެ ފައިސާ ކޮން ސިޔާސީ މީހުންނަށް ބަހަކަށް .. ވަގުން ތަކާ ލާދީނީ ބައިގަނޑު ހައްޔަރު ކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: