ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން މަރު ކޮމިޝަނަށް ހާޒިރުކޮށްފި

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ތިން މީހުން / ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުން ވެސް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.

ރިޟްވާން  މައްސަލައިގައި އަހަނދުގެ އިތުރުން، ހުކުރު ދުވަހު އިސްމާއިލް އިބްދުއްރަހީމް (އިސޫ) ވެސް މަރު ކޮމިޝަނަށް ހާޒިރު ކުރި އެވެ. އަދި އަހުމަދު މުއާޒު ބުރާސްފަތި ދުވަހު ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. ވަކީލުންގެ ހާޒިރުގައި އެ މީހުންނާއި ސުވާލު ކުރިއިރު، މައްސަލައިގެ އެއްވެސް ތަފްސީލެއް ކޮމިޝަނުން ހާމަކޮށްފައި ނުވެ އެވެ.

މިދިޔަ ޖޫން މަހުގެ 26 ގައި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ރިޟްވާނާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމާއި އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންގެ މައްޗަށް މީގެ ކުރިން ވެސް މައްސަލައިގައި ތުހުމަތުތަކެއް ކުރިއިރު، ރިޟްވާންގެ މައްސަލައިގައި އޭރު އިސޫއާއި ސުވާލު ކުރި އެވެ. އަދި އެކަން ފާހަގަކޮށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބައެއް ވާހަކަތައް ހިމެނި އެވެ. ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އިސޫގެ މައްޗަށް ދައުވާއެއް ނުކުރެވުނީ ބޭނުންވާ މިންވަރަށް ހެކި ނެތިގެންނެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ، ރިޟްވާން ވަގަށް ނަގައި އޭނާގެ ބޯ ބުރިކޮށް ކަނޑު ފައްތާފައިވާކަމަށެވެ. އަދި ރިޟްވާނަށް ހަމަލާ ދޭން ބަޔަކު ރޭވީ ރާއްޖޭގައި އުފެދިފައިވާ “މިނިވަން ފިކުރުގެ” ބަޔަކާއި “ހަރުކަށި ފިކުރު” ގެ ބަޔަކު ދެމެދުގައި އުފެދުނު ދެބަސްވުމަކާއި، ހަމަނުޖެހުމެއްގެ ތެރެއިންކަމަށް ރިޕޯޓުގައި ވެއެވެ.

ރިޟްވާންގެ މައްސަލައިގައި 2019 ވަނަ އަހަރު މަރު ކޮމިޝަނުން ރިޕޯޓެއް އާއްމު ކުރުން ފިޔަވައި ލިބުނު އިތުރު ކުރިއެރުމެއް ނެތެވެ. އެ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސަކަށް ހުންނެވި ހުސްނުއް ސުއޫދު ވިދާޅުވީ ރިޟްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމަށް މެދުވެރިވީ ދީނީ މިނިވަންކަމާއި އެހެން ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބަޔަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފިކުރު ގެންގުޅޭ ބައެއްގެ ދެމެދުގައި 2010 އަދި 2011 ގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ. އަދި އޭނާ މަރާލީ އެއީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމްކުރުމަށް ފަހު ކަމަށް ވެސް ބުންޏެވެ. ކޮމިޝަނުން ބުނީ، ރިޟްވާން މަރާލި ވަގުތު، އޭނާ ދިޔައީ ޝަހާދަތުގެ ދެކަލިކަ ކިޔަމުން ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް އެންމެ މުހިންމު އެއް ހެއްކެއްގެ ގޮތުގައި ކޮމިޝަނުން މިއަދާއި ހަމައަށް ވެސް ފާހަގަކުރަމުން އަންނަނީ ރިޟްވާން ރަހީނުކޮށް ގަދަކަމުން ކާރަ އެރުވުމުގެ ތެރޭގައި ގެންގުޅުނު ވަޅި އެވެ. އަދި ދާފިފަހުން ވެސް އެ ވަޅިއާއި ބެހޭ މައުލޫމާތު އެނގޭ ފަރާތެއް ވާނަމަ ފައިސާގެ އިނާމަކަށް އެކަން ހިއްސާކޮށްދޭން އެދި ކޮމިޝަނުން ހުޅުވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: