ދައުލަތުގެ އިސްވެރިންތަކެއްގެ ސިއްހީ މެޑިކަލް ރިޕޯޓުތަކެއްގެ މައުލޫމާތުތައް އައިޖީއެމްއެޗް ޕޯޓަލް މެދުވެރިކޮށް ހޯދައި، އެ ލީކުކޮށްފައިވާކަމަށް ބުނެ ”ދިޔަރެސް“ ނޫސްގެ ކޯ ފައުންޑާރ އަހުމަދު އަޒާން ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.
އަޒާން ފުލުސް އޮފީހަށް ޙާޒިރުވާން އެންގިއިރު، އޭނާއަކީ ސަރުކާރުގެ އެތެރޭގެ ހުރި އެކި މައްސަލަތަކާއި ގުޅޭގޮތުންނާއި ދައުލަތުގެ އެކި އިދާރާތަކުގައި ހިނގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކުގެ މައުލޫމާތު ގެނެސްދޭ ނޫސްވެރިއެކެވެ. އަދި އޭނާ ފާހަގަ ކުރެވިފައި ވަނީ ސަރުކާރާއި، އެމްޑީޕީގެ ގިނަ ބަޔަކު ނުރުހުންވާ އެއް ނޫސްވެރިޔާގެ ގޮތުގަ އެވެ.
މަސްދަރު ހާމަނުކޮށްފި ނަމަ ނޫސްވެރިން ޖަލަށް ލެވޭ ގޮތަށް ހެއްކާއި ބެހޭ ގާނޫނުގައި ހިމަނާފައިވާ މާއްދާއާއި އެކު ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް އަޒާން ފުލުހަށް ހާޒިރުވުމަށް އެންގީ އައިޖީއެމްއެޗްގެ ޑާޓާ ބޭސް މެދުވެރިކޮށް ދައުލަތުގެ އިސްވެރިންގެ މެޑިކަލް މައުލޫމާތުތަކެއް ހޯދައި، ލީކު ކުރިކަމުގެ ތުހުމަތަށެވެ.
އައިޖީއެމްއެޗުގެ ޑޭޓާ ބޭސްއެއް އާއްމުކޮށް ފެންނަން ހުރުމުން، އެކަމުގެ މައުލޫމާތު ހެލްތް މިނިސްޓްރީ އާއި ކަމާއި ބެހޭ އިދާރާތްތަކަށް ރިޕޯޓު ކުރީ އޭނާކަމަށް އަޒާން ބުނެ އެވެ. އަދި އަޒާން ވަނީ އެކަން އައިޖީއެމްއެޗުގެ އައިޓީ ޑިޕާޓްމަންޓަށް ރިޕޯޓު ކުރާ ފޯނު ކޯލު ރިކޯޑިންއެއް ހިއްސާކޮށްފަ އެވެ. އެ ކޯލުން އެނގޭ ގޮތުން ޑިޕާޓްމެންޓުގެ އިސް މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ ހުރިހާ އެންމެންގެ މައުލޫމާތުތައް ފަސޭހަކަމާއި އެކު ބެލޭ ގޮތް ހުރިކަން އެނގުނީ އޭނާ އެކަން ރިޕޯޓު ކުރުމުންނެވެ. އަދި އެ ހަބަރު ”ދިޔަރެސް“ ގައި ގެނެސްދިނީ އޭގެ ފަހުންކަމަށް އަޒާން ވަނީ ބުނެފަ އެވެ.
After @DhiyaresNews reported about a loophole on @igmhmv 's website, which allowed anyone to access medical records, @PoliceMv started an investigation, making me the prime suspect. They have summoned me for questioning. Any good lawyers here who can represent me? pic.twitter.com/Nuo6HrGdFJ
— Ahmed Azaan (@axanner) July 19, 2022
”ދިޔަރެސް“ ނޫހުގެ ޗީފް އެޑިޓަރުކަން ވެސް ކުރަމުން ގެންދާ އަޒާން ބުނީ ފާއިތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައައި އައިޖީއެމްއެޗަށް ދެއްކި ކޮންމެ މީހެއްގެ ވެސް މެޑިކަލް ހިސްޓްރީއާއި އޭގެ ރިޕޯޓުތައް، އަދި ޓެސްޓުތަކާއި އައިޖީއެމްއެޗު މެދުވެރިކޮށް ދޫކޮށްފައިވާ ބޭސް ސިޓީ އާއި ލެބް ރިޕޯޓުތަކުގެ މައުލޫމާތުތައް އާއްމުކޮށް އެނގޭނެހެން ހުރިކަން އޭނާއާއި ހިއްސާ ކުރީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށެވެ. އަދި ހަބަރުގައި ވެސް އެ މައުލޫމާތު ހޮސްޕިޓަލުގެ ވެބްސައިޓުން ފެންނަން ހުރީ ކިހިނެއްކަން ގެނެސްދީފައި ނުވާނެކަން ފާހަގަ ކުރި އެވެ.
މައްސަލައިގައި އަޒާންގެ މައްޗަށް ތުހުމަތުތަކެއް ކުރުމަށް ފަހު ފުލުހަށް ހާޒިރު ކުރަނީ ބުރާސްފަތި ދުވަހު އެވެ. އަޒާން ވަނީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް، މިއީ އޭނާ ފުލުހަށް ހާޒިރުކުރުމަށް ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ތުހުމަތެއްގައި އެންމެ ފަހުން ފުލުހަށް ހާޒިރު ކުރަނީ، ދައުލަތުގެ ވެރިންނާއި ގުޅޭ ހަބަރުތައް ގެނެސްދޭތީކަމަށް އޭނާ ބުންޏެވެ.

