ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާއަކީ ހިންދޫއިންގެ އަޅުކަމެއްކަން އަދާލަތުން ވެސް ރަސްމީކޮށް އެއްބަސްވެއްޖެ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ކުރުމުގެ ތެރޭގައި ހިންދޫ ދީނުގެ ހާއްސަ ކަންތައްތަކެއް އިއުތިގާދު ކުރުމާއި އެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތައް ހާއްސަ ކަލިމަތަކެއް ކިޔާކަމަށާއި، މިކަމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނެފި އެވެ.

“އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި “ޔޯގާ” ގެ ނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން މިރޭ އާންމުކުރި ތަފްސީލީ ބަޔާނެއްގައި ޔޯގާ ހުއްދަވެގެން ނުވާކަމަށް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ ޔޯގާ ދުވަހާއި ގުޅިގެން ރާއްޖޭގައި ވެސް ދައުލަތުގެ ފެންވަރުގައި ރަސްމީކޮށް އެދުވަސް ފާހަގަ ކުރުމުން އެކަމުގައި ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތަކެއް އައިކަން ފާހަގަކޮށް އަދާލަތުން ބުނީ އެ ޕާޓީން ދެކޭ ގޮތުގައި ދީނީ ގޮތުން މިފަދަ ކަންކަން އޮންނަ ގޮތާއި އޭގެ އިލްމީ ތަފްސީލުތައް އެނގުން މުހިންމެވެ.

14 ކަމެއްގެ ދަށުން ތައްޔާރުކޮށްފައިވާ ކަރުދާހުގައި އެންމެ ފުރަތަމަ ހިމަނާފައި ވަނީ ޔޯގާގެ މަހްފޫމެވެ.

މިޒަމާނުގައި ޔޯގާގެ މަފްހޫމް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ކަރުދާހުގައި ފާހަގަކޮށްފައިވާ ގޮތުގައި އިރުމަތީ އައްސޭރި ގައުމުތަކުގައި ޔޯގާ އާއި ބައެއް ބާވަތްތަކުގެ މެޑިޓޭޝަން ދެ ގޮތަކަށް މުރާދަ ކުރެ އެވެ. އެއް ގޮތަކީ ޒަމާނުއްސުރެ ޔޯގާ ކުރެވެމުން އަންނަގޮތެވެ. އެއީ ހިންދޫ ދީނުގެ ޔޯގާއެވެ. އަނެއްގޮތަކީ ހުޅަނގުގެ ގައުމުތަކުގައި މިކަން ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން މިކަން ބޭނުން ކުރަމުންދިޔަ ބޭނުމެވެ.

ހުޅަނގުގެ ގައުމުތަކުގައި ޔޯގާގެ މަފްހޫމް

މިބައިގައި ބުނެފައި ވަނީ ހުޅަނގުގެ ގައުމުތަކަށް ޔޯގާ ތައާރަފު ވެގެން އައީ 19 ވަނަ ގަރުނުގެ ފަހުކޮޅު ކަމަށެވެ. އެއަށް ފަހު 20 ވަނަ ގަރުނުގެ ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މިކަން މަޝްހޫރުވެ ފެތުރިގެން ދިޔަކަން ފާހަގަ ކުރި އެވެ.

ހުޅަގުގެ ގައުމުތަކުގައި ޔޯގާ މާނަކުރާ ގޮތް:

  1. ޔޯގާއަކީ ހަށިގަނޑު ރަގަޅުކުރުމަށާއި ވިސްނުމާއި ސަމާލުކަން އިތުރުކޮށް ރޫހު މިނިވަންކުރުމަށް އެކުލަވާލެވިފައި ޢަމަލުތަކެއްގެ ފަހުގެ ނިޒާމެކެވެ.

  2. ޔޯގާއަކީ ނަފްސު ރަގަޅު ގޮތުގައި ހިފެހެއްޓުމާއި ބާރުޖެއްސުމާއި ނަފްސުގެ މައްޗަށް ގަދަވެގަތުން ލިބިގަތުމަށް ހެދޭ ޢަމަލީ ތަމްރީނު ސިލްސިލާއެކެވެ. އަދި އޭގެސަބަބުން ހަމަޖެހުމާއި ދެނެގަތުމުގެ ބާރު އެއްވަރެއްގައި ދެމިހުރުމުގެ ކުޅަދާނަކަން ތަރައްޤީވެގެންދެއެވެ.

އަދާލަތުން ވަނީ ޔޯގާ ކުރުމުގައި ގެންގުޅޭ އުސޫލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން ރުއޮއްސޭ ގަޑި އާއި އިރުއަރާ ގަޑީގައި އެ ހަރަކާތްތައް ކުރުމާއި، ވީހާވެސް ހާމަތަނެއްގައި ކުރުމަށް ސަމާލުކަން ދިނުމާއި ހެދުން އެޅުމުގައި ވަކި ހަމަތަކެއް ގެންގުޅެ ކަލިމަތަކެއް ތަކުރާރު ކުރަމުންދާކަމަށް ވެއެވެ. އަދި އެ ކަލިމަތައް ނުވަތަ ބަސްތައް ފާހަގަކޮށް، އޭގެ މާނައަކީ ކޮބައިކަން ހިމަނާފައި ވެއެވެ.

މީގެތެރޭގައި ހިމެނޭ ބައެއް ބަސްތަކުގެ މާނައިން ދޭހަވާ ގޮތުން، އެފަދަ މީހަކު އެ އަޅުކަން ކުރަނީ އިރަށެވެ.

ޔޯޤާއަކީ އެއްވެސް ދީނަކާ ގުޅުން ހުރި ކަމެއްތަ؟

މިބައިގެ ދަށުން ކަރުދާހުގައި ބުނެފައި ވަނީ ހުޅަނގުގެ ގައުމުތަކުގައި ޔޯގާ ފެތުރި މަޝްހޫރުވީ ވަނީ ސިއްހީ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ކުރާކަމެއްގެ ގޮތުގައި ނަމަވެސް ހުޅަނގުގެ ގައުމުތަކުގެ މީހުންގެ މަގްސަދަކަށް ވީ އެބައިމީހުންގެ ދީނުގެ މި ހާއްސަ އަޅުކަން ފަތުރާ ގިނަބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ. ޔޯގާ ގުޅިފައި ވަނީ ހިންދީ އަގީދާއަށްކަމަށް ހުޅަނގުގެ މީހުންވެސް އިއުތިރާފްވާކަމަށް ވަނީ ބުނެފަ އެވެ.

އިލްމުވެރިންގެ ރައުޔުތައް ފާހަގަކޮށް އަދާލަތު ޕާޓީގެ ފަރާތުން ބުނެފައި ވަނީ، ޔޯގާގެ ހުރިހާ ކަމެއް ހަރާމް ކަމަށެވެ.

ރައުޔުތަކުގެ ހުލާސާ

“މައްސަލައިގެ ތިން ރައުޔަށް ނަޒަރު ހިންގާލާ ވިސްނާލުމުން އަންނަނިވި ނުކުތާތަކަށް ހުލާސާކޮށްލެވެ އެވެ.

  1. ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.
  2. ތިންވަނަ ރައުޔުގައިވާ ޤައިދު ނުވަތަ ޝަރުޠުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށް ވެދެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެނގިގެންދެއެވެ. މިރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުމުވެ. އެހެންކަމުން ފުރަތަމަ ރައުޔާއި ތިންވަނަ ރައުޔުގެ ނަތީޖާގައި ތަފާތެއް ނެތްކަން އެނގިގެންދެއެވެ.
  3. މައްސަލައިގެ މަޙައްލުއް ނިޒާއަކީ (އިޚްތިލާފުވާ ނުކުތާއަކީ) ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަވޭތޯ ނުވަތަ ނުވޭތޯއެވެ؟

ރާޖިހު ރައުޔު

އިސްވެ ދިޔަ ތިން ރައުޔަށް ބަލާ ނަޒަރު ހިންގާއިރު އޭގެ ތެރެއިން ދަލީލުތަކާއި ތަޢުލީލުތަކުގެ ގޮތުން ރާޖިޙު ރައުޔަކީ ފުރަތަމަ ރައުޔެވެ. އެއްވެސް މުސްލިމަކަށް ޔޯގާ ހެދުމަކީ މުޠުލަޤުކޮށް ހުއްދަ ނުވާނޭކަމަށް ބުނާ ރައުޔެވެ. ހިންދޫ ދީނުގެ މަފްހޫމުގެ ޔޯގާ ކަމަށްވިޔަސް އަދި އެއީ ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން ކަމުގައިވިޔަސްމެއެވެ. އެހެން ގޮތަކަށް ބުނާނަމަ ދީނީ ކަމެއްގެ ގޮތުގައި ބައިވެރިވިޔަސް، ނުވަތަ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ކަސްރަތު ކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސްމެއެވެ.”

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައް މި ކަރުދާހުގައި ވެއެވެ. އެއީ، ޝިރުކުގެ ޢަމަލު ޔޯގާގެ ތެރޭގައި ހިމެނުމާއި، ޔޯގާ ހެދުން އެހެން ދީނެއްގެ ތެރެއިންވާތީ ނުވަތަ އެހެންދީނަކާ ވައްތަރުވުން އަދި ޔޯގާގެ ތެރޭގައި އިސްލާމީ އަޤީދާއާ ފުށު އަރާ ކަންކަން ހިމެނުމުގެ އިތުރުން ޔޯގާގާއި ހިމެނޭ އަސާނާ (ASANA) ތަކުގައި އެކި ކަލާނގެ އަށް ކުއްތަންވުން ހިމެނުމާއި އަދި ޔޯގާގާއި ހިމެނޭ ދިހިޔާނާ (DHYANA) ގައި އިސްލާމްދީނާ ފުށު އަރާ ކަންކަން ހިމެނުމެވެ.

“ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ ތެރޭގައި އިސްލާމީ ޢަގީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ ޢަމަލު ހިމެނެއެވެ. އެހެނީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ތަޢުޡީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވެއެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ހިމެނެއެވެ. އެވެސް ޝައްކެތް ނެތްގޮތުގައި މާތްﷲ އާ އެހެން މަހުލޫގަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ އަމަލެކެވެ. އަދި ބާތިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲ އަށް ދޭ ގަދަރު ދިނުމަކީވެސް ޝިރުކެވެ. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެއެވެ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ. އަދި ޝިރުކު ކުރާ މީހާގެ އެންމެހާ ޢަމަލުތައް ބާޠިލުވާނެކަމަށް އަންގަވާފައެވެ. އަދި ޝިރުކު ކުރުންމަތީ މަރުވެއްޖެ މީހާގެ އާޚިރު މަންޒިލަކީ ގަދަފަދަ ޢަޒާބުގެ ގޯތި ކަމުގައިވާ ނަރަކަ ކަންވެސް އަންގަވާއެވެ.”

އަދާލަތު ޕާޓީން މި ބަޔާން މިރޭ ނެރުނު އިރު، ޔޯގާގެ ހަރަކާތްތައް ހުއްޓުވުމަށް އާއްމުން ގޮވާލަމުން ދަނިކޮށް ސަރުކާރުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ގަލޮޅު ދަނޑުގައި ފުލުހުންގެ އެހީތެރިކަމާއި އެކު ކުރިޔަސް ގެންދަން މަސައްކަތް ކުރީ މިދިޔަ މަހުގެ 22 ގަ އެވެ. ޔޯގާއާއި ގުޅިގެން ހަމަނުޖެހުން ހިންގިކަމަށް 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މައްސަލައިގައި ބައެއް ދީނީ އިލްމުވެރިން ވެސް ހައްޔަރު ކުރި ނަމަވެސް އަދާލަތުން އެކަމަށް ކަންބޮޑުވުން ފާޅުކޮށްފައި ނުވާތީ އާއި ރާއްޖޭގައި އެފަަދަ ކަމަކަށް ފުރުސަތު ދިން އިރު ވެސް ހަނު އޮތް މައްސަލައިގައި ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ވެސް ސަރުކާރުން ފިޔަވަޅެއް ނަޅާ މައްސަލައިގައި، ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

މި ބަޔާން އަދާލަތުން ނެރެފައި ވަނީ ޔޯގާ ހަރަކާތުގެ ކަންތައް ހިނގިތާ މަހެއް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: