ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ދޫކޮށްލަން ބޭނުން ނުވާ ވަރުގަދަ ބާރެއް!

ރައީސް ސާލިހުގެ އަރިހުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ހަގީގީ މާނަ އަކީ ދިރާސާކުރިކަމުގައިވީ ނަމަވެސް ކޮޅުންނުލާނެ މާނަފުން ބަހުސެކެވެ. ކުރުގޮތަކަށް ބުނާނަމަ ވެރިކަމަކީ ނުފޫޒުގަދަ ކަމާއި އާރާއި ބާރެވެ.

ގިނަފަހަރު ވެރިކަމުގައި ހުންނަ މީހަކު ގޯސްވެއެވެ. ރައްޔިތުން އެމީހަކަށް މާފު ވެސް ކުރެއެވެ. އެމީހަކަށް މައާފް ކުރަނީ އެމީހަކު ވެރިކަމަށް އައިސް އެމީހެއްގެ ކިބައިގައި ހުންނަ ވެރިކަމުގެ ހުނަރާއި ސިފަތަކާއެކުގައެވެ. އެމީހެއްގެ ސަބަބުން ގައުމަށް މަންފާތަކެއް ކުރާކަމުގައިވާނަމަ އެމީހަކީ ޝުކުރާއި ތައުރީފް ހައްގު މީހެކެވެ. އެމީހަކު އެހީތެރިވެފައިވާނަމަ އެމީހަކަށް ޝުކުރުވެސް ހައްގެވެ.

ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިނަމަވެސް އަޅަންޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުށްވެރިވަނީ މަދުފަހަރަކު ނޫނެވެ. ކިތަންމެ ހުނަރަކާއި ތަޖުރިބާއެއް ލިބިފައި ހުރި ނަމަވެސް ހެދޭ ދެތިން ގޯހަކުން ވެރިމީހާގެ ބާރުވެރިކަން ނެތި ހިނގައިދެއެވެ. މިހެން ވުމުގެ ސަބަބުން އިތުބާރު ގެއްލި މަގުބޫލުކަން ދަށަށް ދެއެވެ.

ވެރިންގެ ނުވަތަ ވެރިކަމުގައި ހުންނަ މީހެއްގެ މަގުބޫލުކަން ގެއްލުމުގައި ދިމާވާ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ހުރިހާ ކަމެއް ކޮންޓްރޯލް ކޮށް ޑިކްޓޭޓަރޝިޕް އާއްމު ކޮށް ވެރިކަމުގެ ބާރުތައް މުށުތެރައަށްލައި އަނިޔާވެރިކަން އިސްކުރުން ހިމެނެއެވެ.  އެފަދަ މީހުންނަކީ އެހެން މީހުންގެ އަޑު ނާހާ މަޝްވަރާ ނުކޮށް އަމިއްލަ އަށް ކަންކަން ނިންމާ މީހުންނެވެ. ރައްޔިތުންގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރާ މީހުންނެވެ.

އެފަދަ މީހުން ހަގީގަތުގައި ބޭނުންވާނީ އެމީހުންގެ މޮޅުކަން ހުރިހާ ކަމެއްގައި ދައްކައިގެން ކަންކަން ނިންމުމަށެވެ. އެހެން ވުމުގެ ސަބަބުން އެމީހުންނަށް އޮންނަ ތާއީދު ކުޑަ ނަމަވެސް ވެރިމީހާ ކަމުގައި ވީތީ އެމީހަކަށް އިހްތިރާމް ކޮށް  އެމީހަކު ބުނާ ކަމެއް ކުރެއެވެ.

ވެރިމީހާ އާއި ހިޔާލުތަފާތުވާ މީހުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ނުވަތަ އެފަދަ މީހުން ދުރަށްލައި އެމީހުން ހިފައި ހައްޔަރު ކުރުމަކީ ވެސް ވެރިކަމުގައި ތިބޭ މީހުން ކޮށްއުޅޭ ކަމެކެވެ. އެކަމުގެ ސަބަބުންވެސް އެމީހަކަށް ކުރިމަތިލާން ޖެހެނީ އަނެކުންގެ ނުރުހުމެވެ.

ވެރިކަމަށް އައުމަށްފަހު ކައިރިއަށް އިސްކުރެވޭ މީހުންގެ މައްސަލަ ޖެހި އެމީހުން ރުހޭ ގޮތަކަށް ހެދުމަށް ކަންތައްތައް ކުރުމުގެ ސަބަބުން ވެސް ކަންކަން ގޯހުން ގޯހަށް ދާ ފަހަރު މަދެެއް ނޫނެވެ. ކެބިނެޓްގައި އެކުލެވޭ ވަޒީރު ބޭކަލުންގެ މަސްލަހަތު ގިނަ ކަންކަމުގައި ހިމަނައިގެން އެފަދަ ކަންކަން ކޮށް އެމީހުންނާއި މަތި ކުރެވިފައިވާ ޒިންމާ އަދާ ނުކޮށް ބޭނުންހާ ގޮތަކަށް އުޅެމުން މަހު މުސާރަ ނަގަން ތިބުމަކީ އެމަގާމަށް ކުފޫ ހަމަވާ އެހެން މީހުންނަށް ކުރެވޭ ބޮޑު ބޭއިންސާފެކެވެ.

އަހަރަކު އެތައް ސަތޭކަ ކުދިންނެއް މަތީ ވަނަތަކާއި ފާސްތައް ހާސިލްކޮށްގެން ބޭރުންނާއި އެތެރެއިން ގައުމަށް ހިދުމަތް ކުރުމަށް ނިކުންނައިރު ކަމަށް ގާބިލު ނޫން މީހާ އިސްކުރުމުގެ ސަބަބުން ދިމާވެދަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. ނިންމާ ނިންމުންތަކުގެ ނަތީޖާ ހިއްޗެވެ. ހަމަ އެގޮތަށް އާއިލީ ވެރިކަން ނުވަތަ އާއިލާގެ މީހުން ވެރިކަމުގައި ތިބޭ ވާހަކަ އަކީ ޒަމާނުއްސުރެން އަޑުއަހާ ވާހަކައެކެވެ. އެކަމުން ކުރާ ނޭދެވޭ އަސަރަކީ ވަކި އާއިލާ އަކަށް ހުރިހާ ބާރެއް ލިބުމުން އަޅުވެތިކަން އިތުރުވެގޮސް އިންސާފު ނެތިދާ ކަމެވެ.

އެ އާއިލާ އެއްގައި ހިމެނޭ ބަޔަކަށް ގައުމުގެ ހުރިހާ މުއައްސަސާ ތަކެއް ދީ އާރާއި ބާރުލިބުމުން އެ ބަޔަކު ބޭނުންވާ ގޮތަކަށް ގައުމުގެ ކަންކަން ކުރުމުގެ ނަތީޖާ އަކަށް ވެގެންދަނީ ގައުމުގައި ފިތުނަފަސާދަ އުފެދި އިންސާފު ގާއިމް ކުރުމަށް ހުރަސްތައް ކުރިމަތިވުމެވެ. ވެރިކަމުގައި އޮންނަ އާއިލާ އަށް ނިސްބަތްވާ މީހެއްގެ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމެއް ތަހުގީގު ކުރުމުގެ ބަދަލުގައި އެކަން ފޮރުވައި އޮއްބާލުމަށް ތަފާތު އެކި މަސައްކަތްތައް ކުރާ ކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

ދައުލަތުގެ ހަޒާނާ އިން ރައްޔިތުންނަށް ކުރަންޖެހޭ ހަގީގީ ފައިދާ ނުކޮށް ވެރިކަމުގައި ތިބި ބަޔަކު ހިތްހަމަޖައްސައި އެމީހުން ހިތްއުފާ ކޮށް ޗުއްޓީ ހެދުމަށް ބޭނުން ކުރާ ކަމީ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭ އިންސާފެކެވެ. އަނިޔާއެކެވެ.

ރިޝްވަތު ނެގުމާއި ރިޝްވަތު ހިފުމަކީ ކަނޑައެޅިގެން ހަރާމް ކެމެއް ކަން އެނގޭ ނަމަވެސް އެކަން ހިނގުމަށް މަގުފަހިވަނީ އެކަމުގައި ވަގުތީ ފައިދާތަކެއް އެކުލެވޭތީއެވެ. ރިޝްވަތު ދޭ މީހާގެ ބޭނުން ވަގުތުން ހާސިލްވާއިރު އެ ލިބިގަންނަ މީހާއަށް ލިބޭ ތަނަވަސްކަމުގެ ސަބަބުން އެކަމަށް އިޖާބަ ދެވެނީ އެވެ. އެކަމުގެ ސަބަބުން ފަހުން ވާނެ ގެއްލުމަކަށް ބެލުމެއް ނޯވެއެވެ. ރިޝްވަތުގެ ސަބަބުން ހައްގުތައް ގެއްލޭ މީހުން އެ ހޯދަން ދާނެ ތަނެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގިނަފަހަރު އެކަން ސާބިތު ވާނެ ގޮތެއް ނޯވެއެވެ. އެފަދަ މައްސަލަތައް ނުވެސް ބެލެއެވެ. ނޫންނަމަ އެކަން ސާބިތުވާވަރަށް ހެކިވެސް ނުލިބެނީއެވެ. މަގާމާއި ނުބައްދަލު މުއްސަނދިކަން ލިބިގެންދަނީ ރިޝްވަތާއި ކޮރަޕްޝަންގެ ސަބަބުންނެވެ.

ކޮރަޕްޝަނަކީ ރިޝްވަތުގެ ސަބަބުން ވުޖޫދުވެފައިވާ އެއްޗެކޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ރިޝްވަތު ހިފެނީ ކޮރަޕްޓް ވެގެންނެވެ. ކޮރަޕްޝަނާއި ދެކޮޅަށް އެކި މަސައްކަތް ކުރެވުނު ނަމަވެސް އެކަން މުޅިން ފިލުވާލުމަށް މުޅި ދުނިޔެ ވަނީ ނުކުޅެދިފައެވެ. އޭގެ މައިގަނޑު ސަބަބަކީ އިހްލާސްތެރިކަން ނެތުމެވެ. ނަފްސަށް ތެދުވެރި ވަފާތެރިން މަދުވީމައެވެ.

ރައްޔިތުންނަށް ދަތިވާ ތަފާތު ގިނަ ކަންތައްތައް ހިމެނޭ އިރު އެފަދަ އެއްވެސް ކަމަކަށް ބެލުމެއްނެތި ސަރުކާރުގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އަގުބޮޑު މޮޅެތި ކަންކަން ކުރުމުގައި އަވަދިނެތި އުޅޭތަން ފެނުމުން އެކަމާއި ދެރަވެ ރުޅި އައިސް އެކަމާއި ދެކޮޅަށް ވާހަކަ ނުދައްކަން ތިބޭ މީހުން ހިތަށް ކުރާ އަސަރުން އެޝުއޫރުތައް ފާޅުކުރެއެވެ. އެވާހަކަ ދެއްކުމުން އޭގެ ރައްދުގައި އެއީ ރަސްމީ ކަންކަން ކަމަށް ބުނެ އެވާހަކަތައް ދިފާއު ކޮށް އެކަން ހިނގި ގޮތުގެ ތަފްސީލު ދޭން އެކިވަރުގެ ވަޒީރުން މަސައްކަތް ކުރެއެވެ.

ޒަމާން ބަދަލުވި ނަމަވެސް ވެރިކަމުގައި ހުރި ނުރަނގަޅު ކަންތައްތައް ބަދަލު ނުވެ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވެއެވެ. ތަފާތަކީ މިއަދު ޒަމާނަށް އައި ތަރައްގީއެވެ. އެ ތަރައްގީ އާއި އެކު ބަދަލުނުވަނީ ރައްޔިތުންނާއި މެދު ސަރުކާރުން ކުރާ ނޭދެވޭ އަމަލުތަކެވެ. އެފަދަ ކަންތައްތަކުގެ ސަބަބުން ވެރިންނާއި މެދު ކުރެވޭ އިތުބާރު މިވަނީ ފަނޑުވެފައެވެ. ވެރިކަމަށް އައުމަށް ދައްކާ ގިނަ ހުވެފެންތައް ވަނީ ބިލާހަކަށެވެ. ކީހާ ޅެން ފަރިއްސައްވެ ދެއްކި ވާހަކަ ނުދައްކާ ވާހަކައަށް ބަދަލުވެގެން ދިއުމުން އެކަމުގެ ހިތި އަސަރުގައި ހިތްދަތިކަމާއެކު ދުވަސްތައް ގުނާލަ ގުނާލާ ތިބެން ޖެހެނީ އިންތިހާބެއްގެ އިންތިޒާރުގައެވެ.

އިންތިހާބު ކައިރިވާ ދުވަސްކައިރިވާ ވަރަކަށް ރައްޔިތުންގެ ބޭނުން ބޮޑުވެއެވެ. ރައްޔިތުންނަކީ ނިކަމެތި ބަޔަކަށްވެ އެމީހުންނަށް އިހާނެތިކޮށް ހިތާ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ކަރުން އަޑުނަގާ އިއްޒަތްތެރި މެމްބަރުން ދައްކަން ފަށައެވެ. ހުއްޓިފައި ހުރި މަޝްރޫއު ތައް ކުރިއަށް ގެންދަން ފަށަނީ އިންތިހާބު ކާމިޔާބު ކުރުމުގެ އަޒުމުގައެވެ. އެހިސާބުން ރައްޔިތުންގެ ހައްގުގައި ޖާނުން ފިދާވެ ކޮންމެ ފަދަ ގުރުބާނީ އެއް ވުމަށް ވެސް ތައްޔާރުވެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ލޮލުގެ ހިމަކޮޅުންވެސް ރައްޔިތުންނާއި ދިމާލަށް ބަލައިނުލި ތަނުގައި ރައްޔިތަކަށް ހެޔޮހިތުން ކަމެއް ކޮށްނުދިން މީހުން ކުއްލިއަކަށް އޯގާތެރިވާ މަންޒަރު ސިފަވެގެންދަނީ ޖޯކެއްގެ ގޮތުގައެވެ.

އިންތިހާބުގެ ދުވަސްވަރު ކައިރިވުމުން ވަޒީފާ ތަކުން ނުހައްގުން މީހުން ވަކިކުރާ ވާހަކަތަކާއި ވަޒީފާގައި އިހުމާލުވާ ވާހަކައާއި ކޮރަޕްޝަންގެ އަމަލުތައް ނުބަލައި ދޫކޮށްލާ ވާހަކަތަކާއި އަދުލު އިންސާފު ހަމަހަމަކަމާއި އެކު ނުލިބޭ ކޮޅުންނުލާ ވާހަކަތައް ގޮވަން ފަށައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނުގެނެވި ހުސްވާހަކަތަކެއްގެ ގޮތުގައި އެކަންވެ ނިމިދެއެވެ.

މިހުރިހާ ކަމަކުން އިބްރަތް ހާސިލްކުރުމަކީ މުހިއްމު ކަމެކެވެ. ސިޔާސީ ވެރިންނަކީ ދޮގުހަދާ ބައެކެވެ. ސިޔާސީ ގިނަ މީހުންނަކީ މަކަރުވެރިބައެކެވެ. އަމިއްލަ އެދުން ބޮޑު ބައެކެވެ. ތިމާ މެންނަށް ގެއްލުން ވާނެ އެއްވެސް ކަމެއް ތަންފޫޒެއް ނުކުރާނެއެވެ.

ގާނޫނުތައް ހެދިފައިވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމުގައި ވީ ނަމަވެސް ގާނޫނު ފުރިހަމައަށް ތަންފީޒު ނުކުރެވޭ ނަމަ އޭގެ ބޭނުމެއް ނޯންނާނެއެވެ. މިވީހާތަނަށް ގާނޫނުގެ ބޭނުން އެންމެ ފުރިހަމައަށް ހިފި އޭގެއިން ފައިދާ އެއް ކޮށްފައިވަނީ މަދު ބަޔަކަށެވެ. އެހެން ދިމާވަނީ އެންމެނަށް ހަމަހަމަކަމާއި އެކު އިންސާފު ގާއިމްކޮށްނުދެވޭތީއެވެ. އެކަން އެހެން ނުވަނީ ގާނޫނު ތަންފީޒު ކުރަން ތިބޭ ބަޔެއްގެ ކިބައިގައި އިހުލާސްތެރިކަން ނެތީމަ ކަމުގައި ވެސް ވެދާނެއެވެ. ކޮންމެވެސް ހިސާބަކުން ގާނޫނު އަސާސީގެ ބާރު ކެނޑޭތީކަމުގައި ވުމަކީ އިންސާފު ލިބުމަށް އެޅޭ ހުރަހެއް ކަމުގައިވެސް ވެދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: