ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، މިހާތަނަށް ހިންގާ އެންމެ ބޮޑު ”ޖަރީމާ“އަކީ ހުޅުމާލޭ ބިންތައް ބަކިބަޔަކަށް ހިލޭ ދިނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅުވައި ދިވެހި ރައްޔިތުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، އަލީ ހުސައިންވަނީ، ރައީސް ސާލިހުގެ ސަރުކާރުން ހުޅުމާލޭގެ ބިންތައް ވަކި ބަޔަކަށް ދިނުމަށް ނިންމާފައިވާކަމަށް ފާހަގަކުރައްވާފައެވެ. އަދި އެގޮތަށް ކަންކަން ކުރެއްވުމުގެ އިތުރުން އެ ފަރާތްތަކަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ހިލޭކަމަށް ފާހަގަކުރައްވާ އަލީ ވިދާޅުވީ، އެކަމަކީ، ރައީސް ސާލިހުގެ ސަރުކާރުން މިހާތަނަށް ހަންގާނެ އެންމެ ބޮޑު ޖަރީމާކަމަށެވެ.
ހުޅުމާލޭގެ ބިން ވަކިބަޔަކަށް ހިލޭދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ. މިއީ ދުނިޔޭގެ އެހެންގައުމެއްގައި ކުރާކަމެއްނަމަ އެ ގައުމެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަޔަށް މުޒާހަރާ ކުރީސް.
— Ali Hussain (@AleeVoice) August 2, 2022
ރައީސް ސާލިހުގެ ސަރުކާރުން ހުޅުމާލޭގެ ބިންތައް ވަކި ފަރާތްތަކަކަށް ހިލޭ ދިނުމަށް ނިންމާފައިވުމަކީ، އެ މަނިކުފާނުގެ ސަރުކާރުން ހިންގާނެ އެންމެ ބޮޑު ޖަރީމާކަމަށް ފާހަގަކުރައްވާ، އަލީ ވިދާޅުވީ، އެފަދަ އަމަލެއް އެހެން ގައުމެއްގެ ހިންގައިފި ނަމަަ، އެ ގައުމެއްގެ ރައްޔިތުން އެކަމާއި ދެކޮޅަށް މަގުތައް މައްޗަށް ނުކުންނާނެކަމަށެވެ. އަދި ”ވަރުގަދައަށް“ ސަރުކާރާއި ދެކޮޅަށް މުޒާހަރާތަކެއް ކުރާނެކަމަށްވެސް އަލީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެހެން ފުރުސަތެއްގައި އަލީ ހުސައިންވަނީ، ހުޅުމާލެ އަކީ، ހުރިހާ ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާއިން ހިއްކާފައިވާ ބިމެއްކަމަށްވެސް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ބިމަކީ އެންމެހާ ރައްޔިތުންގެވެސް ހައްގެއްކަމަށާއި، ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުން ހުއްޓާލުމަށްވެސް އެނާވަނީ ގޮވާލާފައެވެ.

