އދ. ދަނގެތީގައި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މައްސަލަ ކްރިމިނަލް ކޯޓުން ހައި ކޯޓަށް ފޮނުވައިފި އެވެ.
މަހުމޫދު މަރާލިކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ކިޔައިދީފައިވާ ސާލިމްގެ މައްޗަށް މައްސަލައިގައި ދެ ދައުވާއެއް އުފުލި އެވެ. އެއީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
ދަނގެތީގައި އުމުރުން ދުވަސްވީ މީހެއް ބެލުމުގެ މަަސައްކަތް ކުރަމުން ދިޔަ ސާލިމްއަށް މަހުމޫދުގެ މަރުގެ ތުހުމަތުތަކެއް ކުރެވުނީ، އެ ރަށު މީހަކަށް ޝައްކު ކުރެވޭ ކަންތަކެއް ފެނި އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އޭގެ ކުރިން އެ ރަށު މީހުން މަހުމޫދު މަރާލިކަމުގެ ތުހުމަތު ކުރީ ރަށުގެ ދެ ޒުވާނަކަށެވެ. އަދި އެ ދެ މީހުން ފުލުހުންނާއި ވެސް ހަވާލު ކުރި އެވެ.
ސާލިމް ދިރިއުޅޭ ގޭގެގެ ތެރެއިން މީހަކު ދަމާވަފައި ގެންދިޔަ މަންޒަރެއް ފެނިގެން އެކަން ރިޕޯޓު ކުރުމުން ފުލުހުން އެ ގެ ބަލާ ފާސްކުރުމުން އޭނާއަށް ޝައްކުތަކެއް ކުރެވުނީ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ސާލިމް ބޭނުން ކުރި ހަތިޔާރުތަކާއި، އަދި އޭނާގެ އަންނަނުތައް ހޯދާފަ އެވެ. އަދި މަހުމޫދުގެ ގަޑިއާއި އެ ނޫން ވެސް ބައެއް އެހެން ތަކެތި ހޯދާފައި ވެއެވެ.
މައްސަލައިގައި ދަށު ކޯޓުން ސާލިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާއަށް އިއްވި މަރުގެ ހުކުމް އިއްވެ އެވެ. އަދި ގާނޫނު ލާޒިމް ކުރާ ގޮތުގައި މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރިކަން ޔަގީން ކުރުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދަން ޖެހޭނެ އެވެ.
ސާލިމަށް ކޮށްފައިވާ މަރުގެ ހުކުމް ކަށަވަރު ކުރުމުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ހުށަހެޅީ މުއްދަތުގެ ފަހުންކަމަށް ބުނެ ކޯޓުގެ ރަޖިސްޓްރާގެ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ.