ގަލޮޅު ދަނޑުގައި ޔޯގާ ޑޭގެ ހަރަކާތްތައް ކުރިޔަށް ގެންދަނިކޮށް، ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލައި ތަނުުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލައިފި އެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ރާއްޖޭގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމީ، އެކަމާއި ދެކޮޅަށް ދީނީ އިލްމުވެރިންނާއި ބައެއް އާއްމުން ގޮވާލާފައިވަނިކޮށެވެ. ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވި އެވެ.
މިދިޔަ ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް އެކި ފަހަރު މަތީން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބައެއް ފަރާތްތައް ބަންދުން ވަނީ ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި އިދިކޮޅުގެ ހަރަކާތު ކޮމިޓީގެ ޗެއާރ އަދި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ޝެއިހް ނިޝާން، އަދި ޝެއިހް ފަޒްލޫން ހިމެނެ އެވެ.
މައްސަލައިގައި ފުލުހުން ބުނީ ޔޯގާ ހަމަނުޖެހުން މައްސަލައިގެ ހައްޔަރުގައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށެވެ.
އެ ދުވަހުގެ ހަމަނުޖެހުންތައް ހިނގުމުގެ ކުރިން ޔޯގާ ހަރަކާތް ކުރިޔަށް ނުގެންދެވޭނެކަމަށް އެ ސަރަހައްދުގައި ބައެއް އާއްމުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެއްވުމުގެ ބައިވެރިން ދަނޑުގެ ތެރެއަށް ވަނުމަށް މަސައްކަތްކޮށް، ކުއްލި ގޮތަކަށް ފުލުހުންގެ ސަފުތައް ފޫ އަޅުވާލި ގޮތާއި މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުން، އެދުވަހު އެ މީހުންނަށް ދަނޑުގެ ތެރެއަށް ވަދެވުނީ ފުލުހުން އެ ފުރުސަތު ދިނުމުންނެވެ. އަދި އޭގެ ސަބަބުން ދަނޑުގެ ތެރެއަށް ވަތް މީހުން ހަމަނުޖެހުން އުފައްދައި، އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިނެވެ.