ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުފުލުގައި ޑަބްލިއުޑީސީ ބައި އިލެކްޝަން: ހަރަދުތައް ލައްކައިން، ވޯޓުލާ މީހުންގެ އަދަދު ހާހަކަށް ވެސް ނާރާ!

ރިޔާސީ އިންތިހާބުގެ ވޯޓުގުނުމުގެ މަރުހަލާގެ ތެރެއިން/ ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބަކާއި ދިވެހިން އަބަދުވެސް ކުރިމަތިލަނީ އަންނަ އީދެއްގެ ގޮތުގަ އެވެ. އެއީ ރިޔާސީ އިންތިހާބެއް ވިޔަސް، މަޖިލީހުގެ އިންތިހާބަކަސް އަދި ކައުންސިލް އިންތިހާބެއް ނަމަވެސް އޮންނަ ފޯރިއެކެވެ. އަދި މަދުން ނަމަވެސް ބާއްވަން ޖެހޭ ބައި އިލެކްޝަނެއްގައި އެއަށް ވުރެ ފޯރިއާއި އެކު ކުރިޔަށް ގެންދާއިރު، މުޅި މީޑިއާތަކުގެ ސަމާލުކަން ވެސް ހުއްޓެނީ އެ ވޯޓެއްގެ ނަތީޖާއަށެވެ. ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނަކީ ހަމަ އެފަދަ އިންތިހާބެކެވެ. ރިޔާސީ އިންތިހާބެއްގައި އޮންނަހާ ފޯރިއާއި އެކު ކުރިޔަށް ގެންދިޔަ ކެމްޕެއިނެކެވެ. އެކަމަކު އެ ފޯރި މިހާރު ކައިރި ކައިރީގައި ބާއްވާ ކައުންސިލް ބައި އިލެކްޝަންތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުން ނުފެނެ އެވެ.

އިންތިހާބީ މަގާމެއްގައި ހުރި މީހަކު އިސްތިއުފާ ދީފި ހާލަތެއްގައި ގާނުނު ބުނާ މުއްދަތެއްގެ ތެރޭގައި އިންތިހާބު ބައްވާވައި، އެ މަގާމަށް އެހެން މީހެއް އައްޔަނު ކުރަން ވާނެ އެވެ. ރަށަކަށް ފަހު ރަށެއްގެ ކައުންސުލް މެމްބަރެއް، ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސަައްކަތް ކުރާ ކޮމިޓީގެ މެމްބަރެއް އިސްތިއުފާ ދިނުމުގެ ސަބަބުން، ބައި އިލެކްޝަން ބާއްވަން އޮތީ މަޖުބޫރުވެފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހަރަދުތަކާއި، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ވާ ތާށިތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން ބޭއްވި ތ. ގާދިއްފުށި އަދި މ. ދިއްގަރު ލޯކަލް ކައުންސިލް ބައި އިލެކްޝަނުގެ ތެރެއިން ދިއްގަރުން ވޯޓު ލުމުގެ ހައްގު ލިބިގެންވާ 1034 މީހުންގެ ތެރެއިން ނިކުތީ 712 މީހުންނެވެ. އަދި ގާދިއްފުށީގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 503 މީހެއްގެ ތެރެއިން ނިކުތީ 417 މީހެކެވެ.

ޖުލައި 23، 2022 ގައި ބޭއްވި އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 12،099 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ އެންމެ 1009 މީހުންނެވެ. މާނައަކީ 11،090 މީހުން މި އިންތިހާބުގައި ވޯޓުލާފައި ނުވާކަމެވެ. މިއީ އަދަދުގެ ގޮތުން ކުޑަ އަދަދެއް ނޫނެވެ. މިފަދަ އެތައް ރަށެއްގެ ނަން ފާހަގަ ކުރެވިދާނެ އެވެ. އަދި އީސީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިންތިހާބަށް ބޮޑު ހަރަދުކޮށް ވޯޓު ކަރުދާސް ޗާޕް ކުރަން ޖެހުމެވެ. އަދި އެ ނޫން ވެސް އެތައް ހަރަދު ކުރަން ޖެހެ އެވެ.

ވޯޓު ކަރުދާސް ޗާޕް ކުރުމަށް ބޮޑު ހަރަދެއް ހިނގާ އެންމެ ބޮޑު ސަބަބަކީ، ހާއްސަ ފީޗާސްތަކެއް އެކުލަވާލުމާއި އަދި ވަކި ހާއްސަ ދެއްޔެއް ބޭނުންކޮށްގެން އެ ޕްރިންޓު ކުރުމެވެ. އެހެންވެ ހަރަދުތަކުގެ ބޮޑު އިންސައްތައަށް މިކަމަށް ހޭދަވެ އެވެ.

ސަންގުޓީވީގެ “ނިއުސްރޫމް” އަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީީގު ވިދާޅުވީ ބައި އިލެކްޝަންތަކުގައި ވޯޓު ކަރުދާސް ޗާޕް ކުރުމަށް ހޭދަ ކުރަން ޖެހޭ އަދަދު 100،000 – 150،000 ރުފިޔާއާއި ގާތް ކުރާ ކަމަށެވެ. ފުއާދު ވިދާޅުވީ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދުތައް އިންތިހާއަށް ދަށްވިއަސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ވޯޓު ކަރުދާސްތައް ޗާޕް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ހައްލަށް މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ރަށްތަކުގެ ކައުންސިލްތަކުން އިންތިޒާމުތައް ހަމަޖައްސައިގެން ވެސް ދަށް ކުރެވެނީ ވަރަށް ކުޑަ އަދަދެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފުއާދު ވިދާޅުވީ ގިނަ ފަހަރަށް ބަޖެޓު ހަމަނުޖެހުމުގެ ސަބަބުން، އެކަމުގެ އިންތިޒާމުތައް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސަން ޖެހޭކަމަށެވެ.

ޖުމްލަކޮށް ކުޑަ ދާއިރާއެއްގައި ވޯޓުގެ އިންތިޒާމުތަކަށް ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވާކަން ފުއާދު ފާހަގަ ކުރެއްވިރު މިއީ ކުދި ދާއިރާތަކަށް ކުރަން ޖެހޭ ހޭދަ އެވެ. ކޮންމެ ކަރުދާހަކަށް ކުރަން ޖެހޭ ހޭދަ 39 އަށް އަރާނަމަ އައްޑޫ ސިޓީގެ އިންތިހާބުގެ ވޯޓު ކަރުދާސްތައް ޗާޕް ކުރުމަށް އެކަނި ވެސް 470،000 ރުފިޔާ ހޭދަ ވާނެ އެވެ. ނަމަވެސް މި އިންތިހާބުގައި ވޯޓު ލާން ނިކުތީ 8.34 އިންސައްތަވުމާއި އެކު ކަރުދާހުގެ ބޮޑު ބައެއް އިސްރާފުވީ އެވެ.

ފުއާދު ވިދާޅުވީ ވޯޓު ކަރުދާސްތަކަށް ހޭދަ ކުރަން ޖެހޭ އަދަދު މިހާރު 19 ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށެވެ. ވޯޓުލާ މީހުންގެ އަދަދުތައް އިންތިހާއަށް ދަށްވީ ނަމަވެސް އިންތިހާބުތަކަށް ސިޔާސީ ޕާޓީތަކުން ކުރާ ކެމްޕެއިންތައް ވަރުގަދަކަން ފުއާދު ފާހަގަ ކުރެއްވި އެވެ. އެހެންވެ، ކަރުދާހުގެ ސެކިއުރިޓީ ދަށް ކުރުމަށް ޕާޓީތަކުން އެހާ ބޭނުން ނުވާކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބޭއްވީ 07 ބައި އިލެކްޝަން ނަމަވެސް މި އަހަރުގެ އެ އަދަދުތައް ދެގުނަ މައްޗެވެ. އަދި ކުރި ހަރަދުތައް 03 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އަހަރު ނިމޭއިރު އެ އަދަދު 05 މިލިއަނަށް އަރާނެކަމަށް ކޮމިޝަނުން ލަފާކުރެ އެވެ. މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ބައި އިލެކްޝަންތަކަށް، ހާއްސަކޮށްފައި ވަނީ 1.5 މިލިއަން ރުފިޔާ އެވެ. އެހެންވެ ހައްލެއްގެ ގޮތުގައި، އީސީން އެދުނީ، މެމްބަރުން އިސްތިއުފާދޭ ކޮންމެ ފަހަރަކު ބައި އިލެކްޝަންތައް ބޭވުމުގެ ބަދަލުގައި ގާނޫނަށް އިސްލާހު ގެނެސް އަހަރަކު ގިނަވެގެން ދެ ފަހަރު އިންތިހާބު ބޭއްވޭ ގޮތަށް ބަދަލު ކުރުމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާ ދިނުމާއި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މިދިޔަ މޭއި މަހު މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކައިރިކައިރީގައި އިސްތިއުފާ ދިނުން އިތުރުވާ ސަބަބެއްކަމަށް ބެލެވެނީ މަސްއޫލިއްޔަތުން ބޭރުން މަސައްކަތް ކުރުވުމާއި، ސީދާ މެންޑޭޓު ނޭނގުން ކަމަށެވެ. އޭގެ ތެރޭގައި ރަށްތަކުގެ މުނިސިޕަލް ހިދުމަތްތަަކަކީ އެއީ ސީދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޒިންމާއެއްގެ ގޮތުގައި ހަދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މަޝްވަރާތަކަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަނާއި، ލޯކަލް ގަވަމެންޓު އޮތޯރިޓީ އަދި އެޓާނީ ޖެނެރަލްގެ އޮފީހާއި ބައްދަލުކޮށް ވާހަކަ ދެކެވުނެވެ. އެ ބައްދަލުވުމުގައި ވެސް ފުއާދު ތަކުރާރު ކުރެއްވީ އެއް ވާހަކައެކެވެ. ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން މަހަކު އެއްފަހަރު މަދުވެގެން ތިނެއް ނޫނީ ހަތަރު މެމްބަރުން އިސްތިއުފާ ދޭކަމަށެވެ. އަދި އިންތިހާބުގައި ބޭނުންވާ އަދަދަށް ވުރެ ގިނައިން ކުރިމަތިލުމުން، ވޯޓަކަށް ދާން ޖެހިއްޖެ ނަމަ އިދާރީ ކަންކަން ނުހިމަނައި ހަރަދުތައް ދެ ލައްކައާއި ގާތް ކުރާކަމަށެވެ.

ގިނަ މަޝްވަރާތަކަށް ފަހު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ހިމެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށެވެ. އަދި އިލެކްޝަން ކުރިޔަށް ގެންދިއުމުގެ ބާރު އަތޮޅު ކައުންސިލަށް ދޭން ވަނީ ހިމަނާފަ އެވެ. މަޖިލީހަށް ބިލު ހުށަހަޅުއްވައިދެއްވަމުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޭނާގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް މައިގަނޑު ހަ އިސްލާހެއް ހުށަހަޅުއްވާ ކަމަށެވެ.

އިސްލާހުތަކުގައި ވާގޮތުން، ކޮމިޓީތަކުގެ ކޯރަމް ނުގެއްލޭހާ ހިނދެއްވައި އެ ކޮމިޓީއެއްގެ ބައި އިލެކްޝަން ބާއްވާނީ އަހަރަކު އެއްފަހަރު އެވެ. ރޮޒެއިނާ ހުށަހެޅުއްވި ގޮތަށް އިތުރު ބަދަލުތަކެއް ނައިސް އިސްލާހު ފާސްވެއްޖެ ނަމަ، ކޯރަމް ނުގެއްލޭ ހާލަތެއްގައި ވެސް މިހާރު މި ބާއްވާ ގޮތަށް 60 ދުވަހުގެ ތެރޭގައި އިންތިހޔާބު ބާއްވަން ލާޒިމެއް ނުވާނެ އެވެ.

މީގެ އިތުރުން ރޮޒެއިނާ ވަނީ، އަންހެނުންގެ ތަރައްގީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތު މިހާރަށް ވުރެ ބޮޑަށް މާނަ ކުރެވޭ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އަދި ކޮމިޓީން ކުރިޔަށް އޮންނަ އަހަރަށް ހިންގާނެ ޕްރޮގްރާމްތައް ރާވައި އެކަންކަމަށް ބަޖެޓު އެކުލަވާލައި އެ ކައުންސިލަށް ހުށަހެޅުމުން، ކައުންސިލުގެ ބަޖެޓް އެކުލަވާލާއިރު އެ އަދަދުތައް ހިމަނައިގެން ކުރިޔަށް ދިއުމަށް އިސްލާހު ހުށަހެޅުއްވި އެވެ. މި އިސްލާހުގެ ބޭނުމެއްކަމަށް ބެލެވެނީ، މިހާރު ގާނޫނު އޮތް ގޮތުން މަސްއޫލިއްޔަތުތައް ސާފު ނުވުމާއި އެ ނޫންވެސް ބައެއް ސަބަބުތަކާއި ހެދި އިސްތިއުފާ ދޭން ޖެހެޖޭހުމަށް ހައްލެއް ގެނައުމަށެވެ.

ރޮޒެއިނާ ހުށަހެޅުއްވި އިސްލާހުތައް:

ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، އެކަން 14 ދުވަސް ތެރޭ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އަންގަންވާނެ

މަގާމު ހުސްވުމުން ކޯރަމް ގެއްލޭ ހާލަތެއް މެދުވެރިވާ ނަމަ، އީސީއަށް އެކަން އަންގާތާ 02 މަސް ދުވަސް ތެރޭ އިންތިހާބު ބާއްވަން ޖެހޭ

މަގާމު ހުސްވިއިރު، ކޮމިޓީގެ ފަސް އަހަރުގެ ދައުރުގެ އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އިންތިހާބު ބާއްވަން ނުޖެހޭނެ

މި އިސްލާހުގެ ކުރިން ކޮމިޓީގައި އެފަދަ ހުށަހެޅުމަކަށް ވާހަކަ ދެކެވުމުން، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް އެކަމަށް ތާއީދު ކުރެއްވި އެވެ.

އީސީގެ ރައީސް ފުއާދުގެ އެންމެ ބޮޑު އިލްތިމާސަކީ އެއްވެސް އަމާޒެއް ނެތި ވާދަކުރާ އިންތިހާބަކަށް ހެދުމުގެ ބަދަލުގައި ޝައުގުވެރިކަމާއި އެކު މަސައްކަތައިގެން ކުރިޔަށް ދިއުމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: