ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ ހަރަދު ކުޑަކުރުން: މިފަހަރު ވަޒީރުން ގުރޫޕު ހަދާފައި ގަތަރަށް!

މިވަގުތު ގަތަރުގައި ތިއްބެވި ވަޒީރުންނާއި، ޑެޕިއުޓީ މިނިސްޓަރުން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ ނިސްބަތް އިންތިހާއަށް އިތުރުވެ، އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ޚަރަދު ކުޑަކުރުމަށް ވަޒީރުން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިރުޝާދު ދީފައި ވަނިކޮށް ވަޒީރުންގެ ގުރޫޕެއް ގަތަރުގައި ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

އިގްތިސާދީ ހާލާތު ދަށްވެ، ބޮޑެތި ހަރަދުތައް މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައި ވީ ނަމަވެސް ދައުލަތުގެ އެކި އިދާރާތްތަކަށް ސިޔާސީ ފަރާތްތައް އައްޔަނު ކުރުމާއި ވަޒީރުންނާއި، އެ އިދާރާއެއްގެ އިސް ވެރިން ކުރާ ދަތުރުތަކަށް އެއްވެސް މަޑުޖެހުމެއް ނާދެ އެވެ. އަދި ސިޔާސީ މަގާމުތައް އުފެއްދުމާއި، ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތަކަށް ސަރުކާރާއި ގުޅުން ހުރި މީހުން އައްޔަނު ކުރުން ހިމެނެ އެވެ. އޭގެ އިތުރުން މިދިޔަ ދުވަސްތަކުގައި ސަރުކާރު ހިއްސާވާ ކުންފުންފުންޏަކަށް ވެސް އެމްޑީޕީއާއި ގުޅުން އޮތް މީހަކު އައްޔަނުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.

ބައެއް ވަޒީރުން ފާހަގަ ކުރެވިފައި ވަނީ ރާއްޖޭގައި ހޭދަ ކުރައްވާ ދުވަސްތަކަށް ވުރެ، ރާއްޖެއިން ބޭރުގައި އުޅުއްވާ ދުވަސްތައް ގިނަ ބޭފުޅުންގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ނަހުލާ ފަހަގަ ކުރެވެ އެވެ.

ބޭރަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ގަތަރަށް ވަޒީރުންގެ ޓީމެއް ވަޑައިގަތީ މި ހަފްތާގަ އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި، އެންވައިރޮމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އަދި މި ވުޒާރާތަކުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ގަތަރުގައި އިއްޔެއާއި މިއަދު ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔަ އެވެ. އަދި ގަތަރު ފައުންޑޭޝަނާއި އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، ދެ ފަރާތުގެ މެދުގައި މަސްލަހަތު އޮންނަ ދާއިރާތަކާއި އެއްބާރުލުން ދޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރި އެވެ.

މި ދަތުރުގައި ތިން ވަޒީރުން ވެސް ވަނީ ގަތަރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، މުޙައްމަދު ބިން ޢަލީ އަލް މަންނާއީއާ ބައްދަލު ކުރައްވާފަ އެވެ. ބައްދަލުވުމުގައި ގަތަރުގެ ދޯހާގައި ހުންނަ އުރީދޫ ގްރޫޕްގެ މައި މަރުކަޒުގައި ގަތަރާއެކު އޮންނަ ބައިލެޓަރަލް ގުޅުންތައް ހަރުދަނާކޮށް، ޑިޖިޓަލް ޓްރާންސްފޯމަޝަން ރަނގަޅު ކުރުމަށް މުއައްސަސާތަކާއެކު ބައްދަލުވުންތައް ބޭއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު އައިޝަތު އަލީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަރްމާ ނަސީރު ވަނީ ވަނީ ގަތަރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ސެކަންޑަރީ ސްކޫލް ފޯ ބޯއީސް އަށް ޒިޔާރަތް ކުރައްވައި މަޝްވަތާކެއް ކުރިޔަށް ގެންގޮސްފަ އެވެ.

ޔުމްނާ ވަނީ، ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިނާއި އެކު ގަތަރުގެ މިނިސްޓަރ އޮފް ކަލްޗަރ ޝެއިޚް ޢަބްދުއްރަޙްމާން ބިން ޙަމަދު ބިން ޖާސިމްއާ ބައްދަލުކުރައްވާފަ އެވެ.

ތިން ވަޒީރުން ވެސް، ގަތަރުގައި އެބޭފުޅެއްގެ ދާއިރާގެ މިނިސްޓަރާއި ބައްދަލުކުރުން ފިޔަވައި، އިތުރު މާބޮޑެތި މަސައްކަތްތަކެއް ނުކުރައްވަ އެވެ. އަދި އެއްވެސް އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައި ނުވެ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރު ބޮޑު ކުރުމަށް ނިންމައި އެކަން ސަރުކާރުން އިއުލާނުކޮށް ރައީސް އޮފީހުގައި ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް އަމީރު ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންފްލޭޝަން މައްޗަށް ދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހަރަދުތައް ހަމަޖައްސަން މިހާރު އަޅަން ނިންމި ފިޔަވަޅުތައް ނާޅައިފި ނަމަ، ސިވިލް ސާވެންޓުންގެ މުސާރަ ކުޑަކުރުން ކަހަލަ އާންމުންނަށް ގެއްލުންވާނެ ފިޔަވަޅުތައް އަޅަން ޖެހިދާނެކަމުގެ އިންޒާރު ސަރުކާރުން ދިން ނަމަވެސް ދައުލަތުގެ ތެރޭގައި އަދިވެސް ބޮޑެތި ހަރަދުތައް ހިނގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން  ޖުލައި މަހުގެ ނިޔަލަށް ދަތުރުތަކަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: