ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މީހާ ވަރުބަލިކޮށް، ފެއްތުމުގައި ބަޔަކު އަވަދިނެތި!

ފޮޓޯ: އަވަސް އޮންލައިން --- ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ 19 ގައި “ހޫނު ގަދަ މެންދުރަކަށް ފަހު، ފިނި ހަވީރަކުން” ނިންމާލި އެމްޑީޕީގެ ކޮންގްރެސްގެ ކަވަރޭޖު ނިންމާލައި ސޯޝަލް ސެންޓަރުގެ ތެރެއިން އެކުވެރިންތަކަކާއި އެކު ނިކުތީ އެއްގޮތަކަށް ވެސް ހައިރާންކަމާއި، މިވީ ގޮތަކާއި މެދު ހިތުގައި އެންމެ ސުވާލެއް ވެސް އުފެދޭ ހާލަތެއްގައި ނޫނެވެ. އެއީ ސިޔާސީ ކަންކަމުގައި، އޭޝިއާގެ މަންޑޭލާގެ ނަމުން މަޝްހޫރުވި ރައީސް މުހައްމަދު ނަޝީދަށް މިހާލަތު ޖެހިދާނެކަން އެނގޭތީ އެވެ. އެއީ އެއްގޮތަކަށް ވެސް އެމަނިކުފާނު ގޯސްވެ، އަމިއްލަ އެދުމުން ފޯވެފައި ހުންނެވުމުން ޖެހުނު ދަތުރެއްކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ. އެމީހަކު ބޭޏުންވާ ސިޔާސަތެއް، ކުރާ އުންމީދެއް އަދި ވިސްނުމަކަށް ދޫދިނުމެއް ނެތި އެކަމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ވެސް ތާއީދު ކުރާ ގޮތަށް ވީތީ އެވެ. އަދި އެއީ އެމީހާ އިނގިރޭސި ފިލްމުތަކުގައި އުޅޭފަދަ، ނުބައި ޑިކްޓޭޓަރުންނަށް ހަދަން ޖެހޭ ސަބަބެއް ވެސް ނޫނެވެ.

ކޮންމެއަކަސް ރައީސް ނަޝީދު މިއަދު އެ ހުންނެވީ، ވެއްޓުނީމައި ތެދުވެ އެއަށް ވުރެ ބާރަށް ދުއްވައިގަންނަން ޖެހޭ ހާލަތެއްގަ އެވެ. ސަބަބަކީ އެމަނިކުފާނު މިއަދު ވެރިކަމުގައި ނެތަތީ، ބަޔަކު ބޭނުންވާހާ އާރާއި ބާރު ނެތަތީ ވަރިހަމަ އުސޫލުން ބާކީކޮށްލާފައި ހުރުމުންނެވެ. ބައެއް ކަންކަމުގައި އަނގަގަދަ ގޮތެއް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި ރައީސް ނަޝީދު ދައްކަވަނީ ރަނގަޅު ވާހަކަތަކެކެވެ.

2012 ގައި ވެރިކަން ބަދަލުވެ، އޭގެ ފަހުން މަގުމަތީގައި އާއި ބަންދެއްގެ ތެރޭގައި އަރުވާލެވިގެން ހޭދަ ކުރަން ޖެހުނު 06 އަހަރުގެ ވާހަކަ ބޭއްވުމަށް ފަހު ފަށަން ބޭނުންވަނީ 2018 ގެ ހިސާބުންނެވެ. އެއީ މިހުރިހާ ކުޅިވަރެއް ފެށުނު ހިސާބަކީ އެއީކަމުންނެވެ. ކަންދިމާ ކުރިގޮތުން 2017 އިން ފެށިގެން މިއަދާއި ހަމައަށް އަޅުގަނޑު ކަވަރު ނުކުރާ ބޮޑު ސިޔާސީ އެއްވެސް ހަރަކާތެއް ނެތެވެ. ހާއްސަކޮށް އެމްޑީޕީ އެވެ. އެހެންކަމުން އެއާއި ބަދަލުތަކާއި، އެމްޑީޕީގެ އެއްވުންތަކާއި، ޖަލްސާތަކާއި، މެމްބަރުންގެ ފަރާތުން ފެނުނު ބަދަލުތައް އަޅާ ކިޔަން ފަސޭހަ އެވެ.

އެތަނެއްގައި ހުރެ ގާތުން ކަވަރު ކުރި މިއީ އެމްޑީޕީގެ ދެވަނަ ކޮންގްރެސް އެވެ. އެދުވަހު ވެސް، މިއަދު ވެސް ފެނުނީ ބަޔަކު މީހުން ރައީސް ނަޝީދު ފެއިލްކޮށްލި މަންޒަރެވެ. ރައީސް ނަޝީދު ސައިވެ، ދޫދެއްވީކަމަށް ބައެއް އެމްޑީޕީގެ ޕާލިމަންޓު މެމްބަރުން ސިފަ ކުރި ނަމަވެސް އެހެންނެއް ނޫނެވެ. “މި މީހާ ވަރުބަލި ނުވާނެކަމަށް” ބުނުމުން ރައީސް ނަޝީދު ވަރުބަލިކޮށްލީ ހަމަ އެމްޑީޕީގެ ތެރެއިންނެވެ. މިއީ ހަގީގަތެވެ.

ވެރިކަން ބަދަލުވުމަށް ފަހު، ރައީސް ނަޝީދު ވެސް ކުރިމަތިލާން ޖެހުނީ ސިޔާސީ ހުކުމަކާއި އެވެ. ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނަވައި ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދެވި އެވެ. އަދި 2018 ގެ އިންތިހާބުގެ މަސައްކަތްތާއި ހިސާބުން ރިޔާސީ ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ބުނެ ކެމްޕެއިންތައް ފެއްޓެވި އެވެ. ނަމަވެސް ހުކުމެއްގައި ހުންނެވުމުގެ ސަބަބުން މީޑިއާތަކަށް އެމަނިކުފާނުގެ އިންޓަވިއުއެއް އޮންއެއާ ކުރުމުގެ ހުއްދައެއް ނެތެވެ. ނަމަވެސް އެމްޑީޕީގެ ހަރުގެގަތަކުގައި އާއި، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދިޔައީ ރައީސް ނަޝީދުގެ މެސެޖުތަކުގެ ވީޑިއޯތައް އާއްމު ކުރަމުންނެވެ.

ބްރިޖު އޯކޭކަމަށާއި، އޯކޭ ނޫނީ ވައްކަންކަމަށް ވިދާޅުވެފައި ވަނީ، މި ދެންނެވި ޖަޒީރާ ރައީސް ކެމްޕެއިނުގެ ތެރެއިންނެވެ. އެންމެ ފަހުވަގުތާއި ޖެހެން ދެން ވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އިންތިހަބުގައި ވާދަ ކުރެވޭނެ މަގެއް ހޯދުމަށް ނަމަވެސް އެ މަގު އެއްކޮށް ބަންދުވީ ހިސާބަކީ ފަހަރުގައި އެމްޑީޕީގެ އެތެރެއިން ރައީސް ނަޝީދަށް ޖެއްސި ހާލަތުކަމަށް ވެދާނެ އެވެ.

ކޮންމެއަކަސް އަޅުގަނޑަކީ 2018 ގެ “އެމްޑީޕީ އާދަޔާ ހިލާފު ކޮންގްރެސް – އއ. އުކުޅަސް” ގެ ބައްދަލުވުން ކަވަރު ކުރުމަށް އެތަނުގެ އެތެރޭގައި ހުރި ނޫސްވެރިއެކެވެ. ޖޫން 30، 2018 ގައި ބޭއްވި ކޮންގްރެސް ފެށުމުގެ ކުރިން ރިޔާސީ ޓިކެޓު އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ޕްރައިމަރީގައި ކާމިޔާބު ހޯދާ ފަރާތަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް އަސާސީ ގަވައިދުގައި ނެތުމުގެ ސަބަބުން އިސްލާހުތަކެއް ގެނެސް އެ ޓިކެޓު ހަވާލު ކުރީ ރައީސް ސޯލިހާއި އެވެ. އެއީ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތް ނަމަ ކެންޑިޑެސީ ހަވާލު ކުރާނެ ފަރާތެއް ހޮވުމުގެ ބާރު ޕާޓީގެ ކޮންގްރެސްއަށް ދިނުމަށެވެ. އިސްލާހުގައި ވަނީ ކޮންގްރެސްއަށް ނަމެއް ހުށަހަޅައި ތާއިދު ލިބިއްޖެ ނަމަ އެމީހަކަށް ޓިކެޓް ހަވާލު ކުރުމަށެވެ.

ރައީސް ސޯލިހު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް ގަރާރު ހުށަހެޅީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ގަރާރުގައި ބުނީ ރައީސް ސޯލިހުގެ ނަން ހުށަހެޅި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ނަންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ނަޝީދަށް އެއްވެސް ފުރުސަތެއް ލިބިއްޖެ ނަމަ ކެނޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ. އެވަގުތު ކޮންމެވެސް ވަރަކަށް ތަނުގައި ބައެއް ކޮންގްރެސްމަނުން އަޑުގަދަ ވެސް ކުރި އެވެ.

މި ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލުމުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ، ފުރުސަތަކަށް އެދޭ ހުރިހާ އެންމެނަށް އެ ފުރުސަތު ނުދޭކަމެވެ. އަދި ބައެއް މަންދޫބުން އެކަމަށް ޝަކުވާ ވެސް ކުރި އެވެ. ބަހުސް މަރުހަލާގައި ވަކިވަކި ބޭފުޅުންގެ ވާހަކަތަކުން، އެބޭފުޅުން އޭރު ސިޔާސީ ގޮތުން ހުރި ވިސްނުން ސާފުވި އެވެ. އެގޮތުން އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މި ސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ ގަރާރަށް އޭނާ ތާއީދު ކުރާކަމަށެވެ. އަދި އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ރައީސް ނަޝީދަށް ކުރިމަތިލެވޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައީސް ސޯލިހަކީ އެވަގުތަށް އެކަށޭނެ ކެނޑިޑޭޓުކަމަށާއި ރައީސް ސޯލިހު ވަނީ އިދިކޮޅު ކޯލިޝަނުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. މިއީ މިއަދުވެސް ރައީސް ސޯލިހާއި އެންމެ އަރިސް އެއް މެމްބަރެވެ.

ކޮންގްރެސްގައި ފާސް ކުރި އެމްޑީޕީގެ މެނިފެސްޓޯގައި ވާގޮތުން އެކުލަވާލާނީ، ދޮޅު އަހަރު ދުވަހުގެ އިންތިގާލީ ވެރިކަމެކެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރާނެކަމަށް ބުނެފައި ވެއެވެ. އެކަމާއި ހުރެ އިންތިހާބުގެ ދުވަސްވަރު ރައީސް ސޯލިހާއި އެންމެ ބޮޑަށް ނޫސްވެރިން އަމާޒު ކުރި ސުވާލަކީ ފަސް އަހަރުގެ ކުރިން އިސްތިއުފާ ދެއްވަފާނަން ތޯ އެވެ. އެ ސުވާލަށް ސާފު ޖަވާބެއް ދެއްވުމަށް އޭރު އެމަނިކުފާނު ދެކޮޅު ހެއްދެވި އެވެ. ތަކުރާރުކޮށް ވިދާޅުވީ، އެކަމުގެ ތަފްސީލުތައް މެނިފެސްޓޯގައި ހުންނާނެ ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު މައްސަލަތަކެއް ވެސް ޖެހި، އެ ކޯޅުންތައް ފެށުނީ ވެރިކަމަށް ދޮޅު އަހަރުވީ ހިސާބުންނެވެ. ބެލެވޭ ގޮތުގައި، ދެބޭފުޅުންގެ ދެމެދުގައި އެއްބަސްވެފައި ހުރި ބައެއް ކަންކަމާއިގެން ކުރިޔަށް ދިއުމަށް ރައީސް ސޯލިހު ދެކޮޅު ހެއްދެވީ އެވެ. އޭގެ ކުރިން ސަރުކާރުގެ އެތެރޭގެ ކަންކަން ވަރަށް ރަނގަޅަށް ކުރިޔަށް ދިޔަ އެވެ. 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބާއި ދިމާކޮށް، ރައީސް ނަޝީދު އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޕާޓީތަކާއި އެކު ހަދާފައި އޮތް ޑީލްއެއްގެ ތެރެއިން ނިކުމެ އެމްޑީޕީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރުމަށެވެ. ބައި އަޅައި، ކޭކު ފޮތި ބެހުމުން އޭގެ ހިތި ނަތީޖާއެއް ފެނިދާނެކަމަށް ރައީސް ނަޝީދު ހުއްޓާ ނުލައި ކުރި މަސައްކަތުން އެންމެ ފަހުން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ޕާޓީން ވާދަކޮށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ލިބުނެވެ. 80 އަށް ވުރެ ގިނަ ގޮނޑީގެ ތެރެއިން 65 ގޮނޑި ލިބުމަކީ އެއީ އާދައިގެ ވާހަކަތަކެއް ނޫނެވެ.

މި 65 މެމްބަރުން ގޮނޑިތަކަށް ހޮވައި، ކާމިޔާބީ އާއި ހަމައަށް ވާސިލު ކުުރުވުމަށްޓަކައި އެއް ކެނޑިޑޭޓުގެ ރަސްމިއްޔާތުގެ ތެރެއިން އަނެއް ކެނޑިޑޭޓުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެވެ. ރާއްޖޭގެ ރަށްތަކުގެ އެކި ދާއިރާތަކަށް ވަޑައިގެން ކެމްޕެއިނު ކުރައްވައި އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިވަޑައިގަތެވެ. މި މެމްބަރުންތައް މަޖިލީހަށް ކެމްޕެއިނު ކުރީ ރައީސް ސޯލިހާއި އެކު ނޫނެވެ. އެބޭފުޅުން ކެމްޕެއިން ޓޫލްއަކަށް ބޭނުން ކުރީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދުގެ ތާއީދު އެބައޮތްކަމަށް ބުނެ، ކެމްޕެއިން ޕޯސްޓަރުތަކުގައި ކިރިޔާ ކުޑައިރު ނޭނގި ނަމަވެސް އެމަނިކުފާނާއި އެކު ނެގިފައި ހުރި ފޮޓޯޓަކަށް ދާންދެން ބޭނުން ކުރި އެވެ. ސޯޝަލް މީޑިއާގެ ހޭންޑަލްތަކުގެ ޕްރޮފައިލް ފޮޓޯތަކާއި، އަމިއްލަ ފޯނުގެ ލޮކް ސްކްރީން ފޮޓޯއަކަށް ވެސް ރައީސް ނަޝީދާއި އެކު ނަގާފައި ހުރި ފޮޓޯތައް ބޭނުން ކުރި އެވެ. ސިޔާސީ ގޮތުން މިއީ ބޮޑުވަރުކަމަށް ބަޔަކަށް ގަބޫލު ކުރެވުނަސް، އޭރު ރައީސް ނަޝީދަށް ތާއީދު ކުރި މީހުން ގެންގުޅުނު ސިޔާސަތަކީ މިއީ އެވެ.

ކޮރަޕްޝަން ހުއްޓުވަން ޖެހޭކަމާއި، މިއީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިން ސަބަބު ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވާން ފެށުމުން އެކަމާއި ދެކޮޅަށް ނިކުމެ ރައީސް ސޯލިހާއި އަރިސް މެމްބަރުން ސިފަ ކުރީ މިއީ ސަރުކާރަށް ކުރާ ޖެއްސުމެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނާއި، ރައީސް ނަޝީދު ކިޔަމުން އުޅުއްވި ބޭފުޅުންނަށް ބޮޑު މުސާރައިގެ ވަޒީފާތައް ހަމަޖެހުމުން އެ ބޭފުޅުންނަށް ވެސް ވައްކަން އޯކޭ އެވެ. ގޯހެއް ހިނގާތަނެއް ނުފެނެ އެވެ.

މަޑުމަޑުން ނިކުމެ، ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސީދާ ގޮތެއްގަ އާއި ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް ފާޑުކިޔައި ސަރުކާރު ނުހިނގާކަމަށް ދެއްކުމަށް އެމަނިކުފާނު މަސައްކަތް ކުރާކަމަށް ވިދާޅުވި އެވެ. އަދި ވައްކަމާއި ދެކޮޅު ވާހަކަތައް ދައްކަވަނީ ހެޑްލައިންތައް ހެދުމުގެ ބޭނުމުގައިކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ހަލާކުކަމަށާއި، އެމްޑީޕީގެ އެތެރޭގައި ބޭނުންހާ ގޮތަކަށް ނޫޅެވޭނެކަމަށް ޕާޓީގެ ލީޑަރަށް ދިޔައީ ގޮވާލަމުންނެވެ.

މަޖިލީހުގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ރައީސް ސޯލިހާއި އަރިސް ބޭފުޅުން އެންމެ ފާޅުކަން ބޮޑުގޮތެއްގައި ބުނާ އެއް ވާހަކައަކީ މެޖޯރިޓީ އޮތީ އެބޭފުޅުންގެ އަތުގައި ކަމަށެވެ. ގައުމީ މަޖިލީހާއި، ޕާލިމަންޓު ގުރޫޕު އަދި ސިޔާސީ މަގާމުތަކުގެ މެޖޯރިޓީ ވެސް އޮތީ އެމަނިކުފާނަށް ކަމަށެވެ. ވަކިކަމަކަށް ރައީސް ނަޝީދު ވަކާލާތު ކުރައްވައި، އެކަން މަޖިލީހުގެ ފްލޯއަށް ހުށަހެޅި ނަމަވެސް ބޭރުކޮށް ވަރަށް ގިނަ ފާޑުކިއުންތައް ވެސް ކިޔާފައި އެބަހުއްޓެވެ.

އެމްޑީޕީ މިހާ ހިސާބަށް ދިޔަ ސަބަބަކީ ކޮބައިތޯ އާއި، ޖެހުނު މައްސަލަ އަކީ ކޮބައިތޯ ބެލުން މުހިންމެވެ. އެ ހުރިހާ ކަމެއް ފެށެނީ ޑީއާރުޕީ ބައިބައިވި ހިސާބުން ޕާޓީއާއި ގުޅުނު ބައެއް މެމްބަރުންނެވެ. ރޮޒެއިނާ އާއި އަބްދުﷲ ޝާހިދާއި، ތަސްމީނު މެން ފަދަ ބޭފުޅުން އޭގެ ތެރޭގައި ހިމެނެ އެވެ. މީގެ ތެރެއިން ރޮޒެއިނާ އަކީ އޭރު ވެސް އަދި މިއަދު ވެސް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދަށް، އެއްވެސް އަހުލާގެއް ވެސް ނެތި ފާޑުވިދާޅުވާ މެމްބަރެކެވެ.

ބިލެއްގެ ބަހުސް މަރުހަލާގައި ވެސް، ރޮޒެއިނާ މެން ފަދަ ބޭފުޅުން އިދިކޮޅަށް ފާޑުކިއުމުގެ ބަދަލުގައި އެ ބަސްތައް ރައްދު ކުރަނީ ރައީސް ނަޝީދާއި އެމަނިކުފާނާއި އަރިސް މެމްބަރުންނަށެވެ.

ބަރުލަމާނީ ގަރާރުގެ ތެރެއިން ވެސް ހަމަ އެފަދަ މަންޒަރުތަކެއް ފެނުނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އަދި އިންތިހާބު ފަސް ކުރުމާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ގައުމީ މަޖިލީހުގައި މެމްބަރުންގެ އުޅުމާއި، މެމްބަރުންގެ އަހުލާގު ހުރިގޮތް ވެސް ފެނުނެވެ.

ޕާޓީގެ އެތެރެއިން މިއަދު ރައީސް ނަޝީދު މަޑުމަޑުން ބާކީވީއިރު، މިއީ ބަޔަކު ގަސްތުގައި އޮޑި ފައްތާލުމުން ހިނގި ކަމެކެވެ. މިއަދު ޕާޓީގައި ގަދައީ އެބޭފުޅުންގެ އަޑެވެ.

ވަރަށް ގަދަ
69%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 10%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

7 Responses

  1. ނަޝީދަކީ ސޯލިހަށްވުރެ ބޮޑު ވަބާއެއް. އޭނާ އަށް މިހާރު އެދައްކަވަނީ ދިވެހިރާއްޖެއަށް އޭނާ ދިން ގެއްލުމުގެ ބަދަލު. ރަސޫލާއަށް ހަޖޫޖަހާ މީހަކު ދެދުނިޔޭގައިވެސް ބާކީވަނެ. އަދި ތާރީޚު އެފަދަ މީހުން ހަނދާންކުރާނީ ހެޔޮކޮށެއްނޫން. އެހެންވީމާ، ނަޝީދާ އިބޫގެތެރެއިން އަދިވެސް ހޮވަންވިއްޔާ ހޮވާނީ އިބޫ. އެމްޑީޕީގެ ތެރެއިން ޑިކްޓޭޓަޝިޕް ހުއްޓުވިކަމަށްޓަކައި އިބޫއަށް ސެލިއުޓް ކުރަން ޖެހޭ. #ޔާމީން2023

  2. މަޖިލީހުގެ ސުޕަސުޕަ މެޖޯރިޓީ ލިބުނީމަ ވެސް ރައްޔިތުންނަށް ވީ ފައިދާ އެއް ނެތް

  3. “ކޮންގްރެސްގައި ފާސް ކުރި އެމްޑީޕީގެ މެނިފެސްޓޯގައި ވާގޮތުން އެކުލަވާލާނީ، ދޮޅު އަހަރު ދުވަހުގެ އިންތިގާލީ ވެރިކަމެކެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރާނެކަމަށް ބުނެފައި ވެއެވެ.” މިކަހަލަ ހަޔާތްކުޑަ ކަންކަން ރާވާތީ ތިހެންވާނީ. ލިއުންތެރިޔާއަށް ނަޝީދު ކަމުދިޔަނަމަވެސް. ސާލިހު ހުވައިކުރީ ފަސް އަހަރު ދުވަހުގެ ވެރިކަމެއް ކުރަން ގާނޫނުގައި ބުނެފައިވާތީ. އިސްތިއުފާ ދިނީމާ ވެރިކަމަށް އަރާނީ ނައިބުރައީސް. ކިތަންމެ ފޮނެއް އަރުވާފައި މިވާހަކަ މޮޅުކުރަން އުޅުނަސް އެކަމެއް ނުވާނެ. ބައި އަޅާ ވެރިކަން ކުރެވޭނީ އެބުނާ ބަރުލަމާނީ ގެނެސްގެން. ބިޑިބުރިއެއްގެ އެއްބައި ބޯލާފަ އަނެއްބައި ގާތް ކުއްޖާ ބޯލާން ދޭން ދައުރުގެ މެދުތެރެއިންވެސް ބަރުލަމާނީ އަކަށް ހިފަނީ ކީއްވެގެންކަން ލިއުންތެރިޔާގެ މިއާޓިކަލުން އެނގުނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: