ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްރާޝިމް މަރާލުމަށް ހުމާމަށް ހިތްވަރު ދީ އެކަން ކުރުވި ބައެއް ހޯދިފައި ނެތް؛ ތަހުގީގު ފުރިހަމައެއް ނޫން!

ރައީސް ޔާމީން އަބްދުލްގައްޔޫމް، އަފްރާޝިމް އަލީ އަދި އެ މައްސަލައިގައި މަރުގެ ހުކުމެއް އިއްވާފައިވާ ހުމާމް./ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހ. ލޮބީ، ހުސެން ހުމާމް އެ އަމަލު ހިންގީ ކޮން ސަބަބަކާއި ހުރެކަން މިހާތަނަށް ތަހުގީގަށް ހޯދިފައި ނުވާކަމަށާއި އެ މައްސަލައިގެ ތަހުގީގު ފުރިހަމަވެފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އޮކްޓޫބަރު، 2012 ގައި އަފްރާޝީމަށް ހަމަލާދީ މަރާލި މައްސަލާގައި ހުމާމް މެރުމަށް ކުރި ހުކުމް އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާއިން ވަނީ ދަމަހައްޓާފަ އެވެ. މައްސަލައިގެ ތަހުގީގުގައި އޭރު ފުލުހުން ބުނީ އެކަމުގެ އަޑީގައި ތިބި ބައެއް ހޯދިފައި ނުވީ ނަމަވެސް އެ ގަތުލު ހިންގާފައި ވަނީ ފައިސާގެ ބޭނުމުގައި ކަމަށެވެ. އެ ފަންޑު ހޯދީ ކޮން ބައެއްކަމާއި، ގަތުލު ރޭވީ ކޮން ބައެއްކަން މިހާތަނަށް ހޯދިފައި ނުވާއިރު މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނީ އަފްރާޝީމް މަރާލުމަށް ފަހު ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް އެ ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވި މީހުން އޭގެ ޖެހިގެން އައި ދުވަހުގެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިޔައީ ގަތަރު މެދުވެރިކޮށް ސީރިއާ އަދި ސޫދާނަށް ކަމަށެވެ. ސިއްރު ކުރި ނަމަވެސް އާއްމުވި އެ ރިޕޯޓުގެ ބައެއް ބައިތަކުން އެނގޭ ގޮތުގައި ކޮމިޝަނުން ނިންމީ އަފްރާޝީމް މަރާލުމުގެ އަޑީގައި ތިބީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހައްދުފަހަނައެޅި ގްރޫޕަކުން ކަމަށެވެ.

ގިސޯސް ހިފުމަށް އެފަދަ އެއްވެސް، ހުކުމެއް އެމަނިކުފާނާއި ހަމައަށް އައިސްފައި ނުވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވާތީ ހުމާމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ފާހަގަ ކުރުމުން ރައީސް ޔާމީން ވިދާޅުވީ އެ ހުކުމް އެގޮތަށް އައިސްފައިވާކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ތަންފީޒީ މަރުހަލާ ހިސާބަށް ދާން ޖެހޭނީ، ވަރަށް ގިނަ ބައިތަކެއް ފުރިހަމަ ކުރުމަށް ފަހުކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް މި މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވި، ނިމިފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ފައިސާ އަށް ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އަޑީގައި ތިބީ ކޮން ބައެއް ކަން މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެކަމަކު އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ. އެ ހުކުމާ ގުޅިގެން، ސަރުކާރުން ދަނީ ހުމާމްގެ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ތައްޔާރީތައް ވަމުންނެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އެކްސްކްލޫސިވްއެއްގައި ރައީސް ޔާމީން ވިދާޅުވީ އަފްރާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގު އެއްކޮށް ނިމިފައިވާކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވުނު އިތުރު މީހުންގެ މައްސަލަތައް ވެސް ރަނގަޅު ގޮތެއްގައި ކުރިޔަށް ގެންދެވުނުކަމަށް ގަބޫލު ނުކުރެވޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަ ތަންފީޒީ މަރުހަލާ އާއި ހަމައިން އެމަނިކުފާނަށް އެ ލަފާ ލިބުނީސް ކަމަށެވެ. އޭރުގެ ބަންޑާރަ ނައިބު އިސްކޮށް ހުންނަވައި ގަވައިދެއް އެކުލަވާލިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އަމުރު ތަންފީޒު ކުރުމަށް ރައީސާއި ހަމައަށް އަންނާނީ ވަރަށް ގިނަ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ބަންޑާރަ ނައިބާއި، ހޯމް މިނިސްޓަރު ތިއްބަވައިގެން ގާނޫނީ ނިޒާމު ފުރިހަމަވެފައި ވޭތޯ ބަލައި ވާރިސުންނަށް ދޭން ޖެހޭ ކައުންސެލިން ދީ، ގިސޯސް ހިފުމަށް ބޭނުންވޭތޯ ބަލާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އެހެންވީމަ މިކަހަލަ އެތައްކަމެއް ބަލާފައި، ރައީސާއި ހަމައަށް އަންނާނީ… މިހިރަ ހުރިހާކަމެއް މިހިރީ ފުރިހަމަވެފައޭ.. މިހާރު މިއޮތީ މީނަގެ މައްޗަށް ހުކުމް ތަންފީޒު ކުރަންވެފައޭ.. އެކަންކަން ފުރިހަމަވެގެން އަޅުގަނޑާއި ހަމައަށް ނާދޭ” ރައީސް ޔާމީން

މި މައްސަލައިގައި ހުމާމްގެ މައްޗަށް ހުކުމެއް ނެތްކަމަށް ދައްކަން މަސައްކަތް ނުކުރައްވާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ، އޭނާ އަފްރާޝީމާއި މެދު އެފަދަ އަމަލެއް ހިންގަން ވީ ސަބަބާއި އެއީ ކޮންބައެއްގެ ނުފޫޒުގައި ޖެހި ކޮން ކަމަކާއި ގުޅިގެން ބަޔަކު ދިން ހިތްވަރެއްތޯ އެނގެން ޖެހޭ ކަމަށެވެ. ހާއްސަކޮށް އަފްރާޝީމާއި ދޭތެރޭ ހުމާމް ޒާތީ ރުޅިވެރިކަމެއް އޮތީތޯ ތަހުގީގުތަކަށް ހޯދިފައި ނެތްކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގުތައް އެއްކޮށް ނިމި، އޭގެ ހަގީގަތް ހޯދިފައިވާކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ހާއްސަކޮށް ހުމާމް އެ އަމަލު ހިންގީ ކޮން ބައެއްގެ ހިތްވަރާއި އެކު ތޯ އާއި، އެކަމުގެ ފަހަތުގައި ވަނީ ކޮން ބައެއްކަން މިހާތަނަށް ތަހުގީގުތަކަށް ހޯދިފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އަފްރާޝިމް މަރުގަ ހުމާމް އެކަން ކުރީ ކޮން ބައެއްގެ ނުފޫޒުގައި ޖެހިގެން ތޯ، ކީއްވެގެން ތޯ އޭނާ އެކަން ކުރީ ކޮން ބައެއްތޯ އޭނާއަށް ހިތްވަރު ދިނީ އެކަން ކުރަން ނޫނީ އަފްރާޝިމާއި ދޭތެރޭ ކޮން ރުޅިވެރިކަމެއް ކޮން ޒާތީކަމެއް ކަމެއް އޮވެގެން ތޯ މިކަން ކުރީ.. މިހިރަ ކަންތައްތައް ތަހުގީގަށް ހޯދިފައި އަދި ނެތް.. އެއްގޮތަކަށް ވެސް މި ތަހުގީގުތައް ނެތް ނިމިފައެއް” ރައީސް ޔާމީން

ހުމާމަށް ކުރި ހުކުމް ބަލައިގަތުމަށް، އަފްރާޝިމްގެ އާއިލާއިން ވެސް ދެކޮޅު ހަދާއިރު އޭގެ އެންމެ ބޮޑު ސަބަބަކީ މި މައްސަލަ އަދި އެއްކޮށް ނިމިފައިވާކަމަށް ގަބޫލު ނުކުރާތީ އެވެ. އެހެންވެ، އާއިލާގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ސިޓީއެއް ފޮނުވައި މަރުގެ އަދަބު ދިނުމަށް އިންކާރު ކުރާކަމަށް ބުނި އެވެ. އާއިލާއިން ބުނެފައި ވަނީ ގަތުލުގެ ހަގީގަތާ ހަމައަށް ވާސިލު ވުމުގެ ކުރިން ހުމާމް މެރުމަށް ބޭނުން ނުވާ ކަމަށާއި އަފްރާޝީމް މަރާލުމުގައި ހިމެނެނީ އޭނާ އެކަނި ނޫން ކަމަށެވެ.

އަފްރާޝިމް އަވަހާރަކޮށްލުމާ ގުޅިފައިވާ ބައެއް މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު، އެ މީހުން ފުރައިގެން ދިޔަ ތާރީހުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން ނިންމި ނަމަވެސް އޭގެ ފަހުން މާބޮޑެތި މަސައްކަތްތަކެއް ނުކުރެވެ އެވެ. މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ވަނީ ހުމާމާއި އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް މައްސަލައިގައި ބައިވެރިވެފައިވާ ކަމަށެވެ. ޝާން އާއި ހުމާމްގެ އިތުރުން އޭރު އުމުރުން 18 ނުފުރޭ ކުއްޖަކަށް ވެސް ދައުވާކުރި އެވެ. އޭގެ އިތުރުން އެ ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފް ކަމަށާއި އޭނާއާއި އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާއި ހިޔާލު ތަފާތުވާ ބަޔަކުކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަފްރާޝީމަށް ހަމަލާ ދިން ރޭ، ހ. ފުންވިލުގޭ ކައިރީ ސައިކަލެއްގައި އިންނަ މީހެއްގެ ވީޑިއޯ އާއްމުވީ އިރު އެ މީހަކީ އަޒްލިފް ކަމަށާއި އޭނާ ގެންދިޔައީ އަފްރާޝީމަށް ހަމަލާ ދޭނެ ގޮތްތައް ރާވައި އެކަމުގައި ބައިވެރިކުރި މީހުންނަށް އިރުޝާދުތައް ދެމުންކަމަށް ތަހުގީގުތަކަށް އެނގިފައި ވެއެވެ. ނަމަވެސް ތަހުގީގުތއް ކުރިޔަށް ދަނިކޮށް 2015 ގައި ރައްޖެއިން ބޭރަށް އޭނާ ފުރައިގެން ދިޔަ އެވެ. އޭގެ ފަހުން އަޑުތައް ފެތުރުނު ގޮތުގައި އޭނާ ވަނީ ސީރިއާ ހަނގުރާމާގައި މަރުވެފަ އެވެ.

މި މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ނުދާތީ އާއި، ހުމާމްގެ އިތުރުން ބައިވެރިވި މީހުން ތަހުގީގަށް ހޯދުމަށް އާއިލާއިން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: