ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ދާއިމީ ގޮތެއްގައި ބޭސްކާން ޖެހިފައި ތިބި 8،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެ އެެވެ.
ލ ގަމުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ދެވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ އެސްއޯއީ ތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލު ތަކާއި ޑަބްލިއުޑީސީއާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ކައުންސިލް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، ރަށްރަށަށް މެދުނުކެނޑި ބޭސް ފޮނުވުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ބޭސްކާން ޖެހޭ މީހުންގެ އަދަދު ނޭނގުން ކަމަށެވެ. އަދި އެ މައުލޫމާތު ހޯދިފައި ނެތުމުން ރަށްރަށަށް ބޭސް ފޮނުވަނީ އާބާދީއަށް ބަލާފައި ކަމަށާއި ނަމަވެސް އާބާދީ ކުޑަ ރަށްރަށުން ބޭސް ބޭނުން ކުރާ މިންވަރު އިތުރުވެ އަވަހަށް ބޭސް ހުސްވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ އެމައްސަލައަށް ހައްލެއް ހޯދުމަށް އެ މައުލޫމާތު އެއްކުރުމަށް މިހާތަނަށް ބެލި ބެލުމުން ރާއްޖޭގެ އެންމެ ދެކުނުގެ ހަ އަތޮޅުގައި ދާއިމީކޮށް ބޭސްކާންޖެހޭ ޖުމުލަ 8،622 މީހުން ތިބި ކަން ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ތިބީ ގއ. ކޮލަމާފުށީގައި ކަމަށްވެސް އަމްރު ފާހަގަކުރެއްވިއެވެ.
ކުދި ރަށްރަށުގައި ދާއިމަށް ބޭސް ބޭނުން ކުރާ މީހުން ގިނަކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ، ކޮލަމާފުށީގައި އެކަނިވެސް ކޮލެސްޓްރޯލް ބޭސް ކާން ޖެހޭ 106 މީހުންނާއި ލޭމައްޗަށް ދިއުން ހުއްޓުވުމަށް ބޭސްކާން ޖެހޭ 122 މީހުން އެބަތިބި ކަމަށާއި އަދި މި އަދަދުތައް ހޯދިފައިވާތީ ރަށްރަށުން ބޭސް ހުސްވުމުގެ މައްސަލައަށް ހައްލެއް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

