ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމް ވިދާޅުވަނީ ވެންޓިލޭޓަރު ހިޔާނާތް މައްސަލައިގައި އަލިމަގެއް ފެންނާނެކަމަށް!

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު، ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހެލްތް މިނިސްޓްރީގެ ތެރެއިން އަމަލުކޮށްފައި ވާތީ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލައި އަދިވެސް ކޮމިޝަނާއި އެކު މަސައްކަތް ކުރަމުންދާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑު-19 ގައި ފެންމަތިވި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، ވެންޓިލޭޓަރު ވައްކަން އަދިވެސް ތަހުގީގު ނުކުރެވޭ އިރު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި އެވެ. ނަމަވެސް ދައުވާ ފުރިހަމަ ނުވާކަމަށާއި، އެކަށީގެންވާ ހެއްކެއް ނެތްކަމަށް ބުނެ ޕީޖީން ކޮންމެ ފަހަރަކު ވެސް މައްސަލަ އަނބުރާ ފޮނުވާލަ އެވެ. ދުވަސްތަކެއް ވަން ދެން، ޕީޖީގައި މައްސަލަ ބޭއްވުމަށް ފަހު ދައުވާ ކުރެވެން ނެތްކަމަށް ނިންމައި މައްސަލަ ފަސް ފަހަރެއްގެ މަތީން ފޮނުވާލާފައި ވާތީ ދާދި ފަހުން އޭސީސީން ވަނީ ވެންޓިލޭޓަރު ހިޔާނާތް ތަހުގީގު ފައިލްކޮށްފަ އެވެ. ދައުވާކޮށް ދޭން އެދި ހުށަހެޅީ އޭރު ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން ހިމެނޭހެން އިތުރު 11 މީހެއްގެ މައްޗަށެވެ.

މި މައްސަލައިގައި ދައުވާ ނުކުރެވޭ ސަބަބާއި މެދު ސުވާލުކޮށް، މެމްބަރުން ވަނީ މިއީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއްކަން ފާހަގަކޮށްފަ އެވެ. އަދި މިކަމުގައި ޝާމިލުވާ މީހުންނަށް އަަދަބު ދެވޭނެ ގޮތެއް ނެތީ ތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތް މައްސަލައިގައި އޭސީސީ އާއި އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެންމެ ފަހުން ކޮމިޝަނުން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލަން ޖެހުނީ ބައެއް ފަންނީ ކަންކަން އިސްލާހު ކުރުމަށްކަމަށް ޝަމީމް ވިދާޅުވި އެވެ. އެބައިތަ ފުރިހަމަކޮށް އޭސީސީން އަލުން މައްސަލަ ފޮނުވުމުން ދައުވާ ކުރެވޭނެކަމަށް ޝަމީމް ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުންތަކާއި އެކު ޝަމީމް ވިދާޅުވީ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ކުރެވެނެކަމަށް ބެލެވޭ ކަމަށެވެ. އަދި މެމްބަރުންނަށް ޝަމީމް ދެއްވި ޖަވާބަކީ މައްސަލައިގައި “އަލި މަގެއް ފެންނާނެ” ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މީގެ ކުރިން ބޭއްވި ކޮމިޓީއެއްގައި ވެސް އެ މައްސަލައިގައި ދައުވާ ކުރެވެނެ އެބައޮތްކަމަށް ޕީޖީ ވިދާޅުވިކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އޮތްކަމެއްގައި، ކުރިއެރުމެއް ނުލިބޭ ސަބަބަކީ ކޮބައިތޯ މެމްބަރު ސުވާލު ކުރެއްވި އެވެ. ހަސަން ލަތީފް ވިދާޅުވީ ވެންޓިލޭޓަރު ރާއްޖެއަށް ގެނައުމުގައި ހިޔާނާތް ވިކަން އެއީ ސާފުކޮށް ފެންނަން އޮތް މަންޒަރެއް ކަމަށެވެ. އަދި އެ ގެނައުމަށް ބޭރުގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް މިހާތަކަށް އައި އިރު ވެސް ވެންޓިލޭޓަރު ލިބިފައި ނުވާކަން ހަސަން ލަތީފް ފާހަގަ ކުރެއްވި އެވެ.

“އެކަންކަން އިސްލާހުނުކޮށް ގޮސްފިއްޔާ އަޅުގަނޑުމެންނަށް މައްސަލަ ގެއްލުމުގެ ފުރުސަތު އޮންނާނެ. އަނެއްހެން މާ ބޮޑު ނޫން، އެކަމަކު ވެސް ފަންނީ ކަންތައްތަކެއް ހުރީ.. އަޅުގަނޑު ތަފްސީލަކަށް ދާކަށް ނެތީން.. މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އަލިމަގެއް ފެންނާނެ” ޕީޖީ ޝަމީމް

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމަގައި 11 މީހަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި އަމީން މަޖިލީހުގައި ވިދާޅުވީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑަބްލިޔުއެޗްއޯ އިން އެއްވެސް އިރެއްގައި ދުބާއީގެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެއެވެ.

މިވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: