ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ހިޔާލު: ދެރައީ ގައުމު ހިންގަން ނޭނގޭކަން ވެސް ނޭނގޭތީއެވެ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ސިޔާސީ މައިދާނަށް އުފަންވެގެން އައި މޯލްޑިވިއަން ޑިމޮކްރަޓެކް ޕާޓީއަކީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅަށް ނުވަތަ އަނިޔާވެރި 30 އަހަރަކާއި ދެކޮޅަށް ނިކުތް މަދު ބައެކެވެ.

ފެށުނީއްސުރެ ޕާލިމެންޓްރީ ސިސްޓަމަކަށް ތާއީދު ކުރި އެމްޑީޕީ މިއަދާއި ހަމައަށް ވެސް ވަކާލާތު އެ ކުރަނީ ހަމަ އެ ސިޔާސަތު ރާއްޖެއަށް ގެނައުމަށެވެ. 13 އަހަރުވެފައިވާ ގާނޫނު އަސާސީ ރަނގަޅަށް ތަންފީޒު ނުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ މަސްހުނި ގަނޑެއްހެން އޮތް މި ނިޒާމުކަމަށް އެ ބޭފުޅުން ގަބޫލު ކުރެއެވެ. ސަރުކާރުގެ މައި ޕާޓީ އޮތީ އިތުރު އެއްވެސް ޝައްކެއް ނުއުދޭ މިންވަރަށް ސާފުކޮށް ފެންނަހެން ދެބައިވެފަ އެވެ. މި ވާހަކަތައް މީޑިއާތަކުން ނެގުމާއި އެކު، ނޫސްވެރިންނަށް އަމާޒުކޮށް ބުނީ ފިތުނަ އުފެއްދުމަށް މަސައްކަތް ނުކުރުމަށެވެ. ސަރުކާރު ހިންގަމުން ދަނީ ރަނގަޅަށް ކަމަށާއި، ޑިމޮކްރަސީ އަކީ ޕާޓީގެ އެތެރޭގެ ކަންކަމަށް ވެސް މަޝްވަރާކޮށް ބަހުސް ކުރުން ކަމަށް ބުނެ ރައްދު ދިނެވެ.

މުޅި ގައުމު ރީނދޫކޮށްލައި، ގެނައި ވެރިކަމެއްގެ މަގުބޫލުކަން ދުވަހުން ދުވަހަށް ދަށްވެގެން ދިއުމަކީ ސަރުކާރަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ. ހެޔޮވެރިކަމެއްގެ އުންމީދުގައި ގެނައި ސަރުކާރުގެ ދައުރު ހަމަވާން ވާކީ 14 މަސް އޮތްއިރު، ޕްރެސް ކޮންފަރެންސްއެއްގައި ސުވާލުތައް ފަށަން ޖެހެނީ ސަރުކާރުގެ ނާކާމިޔާބީ އާއި ވައުދުތައް ނުފުއްދޭ ވާހަކައިންނެވެ. އެޖެންޑާ-19 ވީ ހިސާބަކާއި ހަމައިންނެވެ. އިތުރު ދައުރަކަށް ވެރިކަމަށް އައުމުގެ އުންމީދުގައި އެމްޑީޕީ އޮތް ނަމަވެސް، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެކަމަށް ބުނި ގިނަ ވައުދުތަކުގައި އަދިވެސް ހެޔޮ ފާހަގައެއް ޖަހާލެވޭ ވަރެއް ނުވެ އެވެ.

ސަރުކާރުގެ އެތެރޭގައި އޮތް ކޮރަޕްޝަނާއި، ވައްކަމުގެ ވާހަކަތައް އިދިކޮޅުން ގޮވާގޮވުންތަކަށް ވުރެ މާ ބަރަށް، އަދި އެއަށް ވުރެ ހުތުރުކޮށް ދައްކަނީ އެމްޑީޕީގެ މެމްބަރުންނެވެ. މަޖިލީހުގައި އިއްޒަތާއި އެކު ތިއްބެވި މެމްބަރުންނާއި، ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނެވެ.

ރާއްޖޭގެ ރިޒާވް ދަށްވެ، ބަނގުރޫޓުވެދާނެ ހާލަތަށް ގޮސްދާނެކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން ސަރުކާރުން އެކަން ދޮގު ކުރި އެވެ. އަދި ޓެކްސް ބޮޑު ކުރުމަށް ނިންމައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި އެކު، އެ ވާހަކަތަކަށް ދެކޮޅު ހެއްދެވީ ފުރަތަމަ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގެ ރިޒާވާއި މެދު ސުވާލު އުފައްދައި، އެ އަދަދު ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އޭގެ ފަހުން ޓެކްސް ބޮޑު ކުރުން ގޮތެއް ނެތްކަމަށް ރައްޔިތުންނަށް ބުނެދޭން މަސައްކަތް ކުރީ ވެސް ހަމަ ރައީސް ނަޝީދެވެ. ދައުލަތުގެ ހަރަދު ބޮޑުވެ، އަންނަ އަހަރު ދައްކަން ޖެހޭ ލޯނުތައް ނުދެއްކިދާނެތީ ޓެކްސް ނަގަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޑޮލަރުގެ ރޭޓު 17 ގައި ހުރުން މައްސަލައެއް ނޫންކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަ ދެއްކެވި އެވެ.

ރައީސް ނަޝީދުގެ އެންމެ ބޮޑު މައްސަލައަކީ، ހުންނެވީ ސަރުކާރާއި އެކު ތޯ ނުވަތަ ނޫން ތޯ ވެސް ރަނގަޅަށް ނުނިންމޭތީ އެވެ. އެމަނިކުފާނު ހާސިލު ކުރަން ބޭނުންވާ ކަމެއްގެ ނާކާމިޔާބީގެ ކޮޅުމަތި ފެންނަ ހިސާބުން ރާގު ބަދަލުވެ އެވެ. އެކަމެއް ކާމިޔާބު ކުރެވޭނެކަމަށް ހިތައި، ފަށާ މަސައްކަތެއްގައި ދައްކަވާ ވާހަކަތަކުން އިދިކޮޅު ލީޑަރަކީ ރައީސް ނަޝީދޭ ހިތަށް އަރާ ފަހަރުތައް ވެސް މަދެއް ނޫނެވެ. އެންމެ ފަހުން ބޭއްވި ޕާޓީގެ އެތެރޭގެ އިންތިހާބާއި، ޕާޓީގެ ކޮންގްރެސް އާއި ދިމާކޮށް ފެއްޓެވި ބަރުލަމާނީ ނިޒާމުގެ ގަރާރު ކެމްޕެއިނަކީ އޭގެ އެއް ހެއްކެވެ.

2020 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑު-19 އަކީ ސަރުކާރު ހުރިހާ ކަމަކުން ރެކެން ދައްކާ އެންމެ ބޮޑު ބަހަނާ އެވެ. ރަށެއްގެ ބަނދަރެއް ވިޔަސް، އެއާޕޯޓެއް ވިޔަސް، ނުވަތަ ދޭން ޖެހޭ ހިދުމަތަކާއި އަސާސީ ހިދުމަތެއް ހުއްޓުނީ ކީއްވެގެން ތޯ ކުރާ ސުވާލުގެ ޖަވާބަކީ ކޮވިޑެވެ.

ކޮވިޑުގެ ބަހަނާއާއި އެކު ގައުމުގައި ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިނގައިދިޔަ އިރު ސަރުކާރަށް އެކަން ތަހުގީގު ކުރުން މުހިންމެއް ނުވި އެވެ. އެއް ބަޔަކު ސަރުކާރަށް ގާ އުކުމުގައި ވެންޓިލޭޓަރެއްގެ ނަން ބޭނުންކުރާ އިރު އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕްލަޔަންސް އޮޑިޓުން އެ ނޫން ވެސް އެތައް މައްސަލައެއް ފެންމަތި ކުރި އެވެ.

ރައްޔިތުންގާއި ވީހާވެސް ގާތުން މަސައްކަތްކޮށް، މައުލޫމާތު ދިނުމަށް އުފެއްދި ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު ދަރުބާރުގޭގައި ހިންގައި ހުރިހާ ވަގުތެއްގެ ކައުމަށް ހަތަރު މަސް ދުވަހުގެ ތެރޭގައި 04 މިލިއަން ރުފިޔާ އަރާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖުމަންޓުގެ ހިސާބުތަކުން ދައްކަ އެވެ. ދަރުބާރުގޭގައި ހިންގި އެންއީއޯސީގައި މަސައްކަތް ކުރި ކުދިންނަށް ފޯރުކޮށް ދިން ކެއުމަކީ އެބުނާ މިންވަރަށް ފައިސާ ހަރަދުވާނެ ފެންވަރުގައި ހުރި ކެއުމެއް ނޫނެވެ. އަދި އެ ކުދިންނަށް ދޭން ޖެހޭ މުސާރަ އާއި، އިނާޔަތްތައް މިއަދާއި ހަމައަށް ވެސް އެއްކޮށް ނުދެވެ އެވެ.

މާލިއްޔަތު ގާނޫނާއި ހިލާފަށް އެންޑީއެމްއޭއިން ބޮޑެތި ހަރަދުތައް ކުރި އެވެ. ރާއްޖެއަށް ބޭރުން ލިބުނު ބޭރު އެހީތަކުގެ ސްޓޮކްތަކުގެ ރިކޯޑެއް ނެތުމާއި ބޭކާރު އެތައް ހަރަދެއް ރިޕޯޓުން ފެންމަތިވި އެވެ.

ފެސިލިޓީތަކުގެ ކެއުންތަކަށް 17 މިލިއަން ރުފިޔާ ހަރަދުކުރި އިރު އެކަމުގެ ތަފްސީލެއް ވެސް ފެންނަން ނެތެވެ. މީގެ އިތުރުން މުވައްޒަފުން ތިބި ގެސްޓު ހައުސްތަކުގެ ބޭނުން ނުކުރާ ކޮޓަރިތަކަށް ބިލު ކުރުން ފާހަގަ ކުރެވެ އެވެ. ކުރުކޮށް ބުނާނަމަ މިއީ، ހަކުރު ކިލޯއެއް 16 ރުފިޔާއަށް ވުރެ ބޮޑުކޮށް ބިލު ކުރި ބައެއްގެ ވާހަކަ އެވެ. ހަނޑޫ، ހަކުރު ފުށް ފިޔާ، ވަޅޯ މަސް ގަނެފައި ވަނީ އަސްލު އަގަށް ވުރެ 23،457 ރުފިޔާ ބޮޑުކޮށެވެ.

ދެން އޮތީ ޓޫރިޒަމް މިނިސްޓްރީގެ ވާހަކަ އެވެ. ތާމަލް ކެމެރާތަކާއި، ފެސިލިޓީތަކަށް ކުރި ހަރަދުތައް އޮޑިޓުން ފެންނާން އޮންނާނެ އެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުން އަޑަށް ބާރުލައި ވެންޓިލޭޓަރަށް ގޮވާ މިންވަރަށް މި މައްސަލަތަކުގެ ވާހަކަތައް ދައްކަން ޖެހޭތީ އެވެ. މިފަދަ ކިތަންމެ ވާހަކައެއް ވެސް ދެއްކިދާނެ އެވެ.

މިއީ ބަލިމަޑުކަމެއްގެ ތެރެއިން ހިނގި ހިޔާނަތްތަކެވެ. އަދި އެ ނޫން ކަންކަމުގައި މުވައްސަސާތަކާއި، ކުންފުނިތަކުގައި މިއަށް ވުރެ ބޮޑެތި ކަންކަން ހިނގާނެ އެވެ. އެ މައްސަލަތައް ބަލާނެކަމަށް ވީ ވައުދުގައި ވިދާޅުވީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” އެވެ. އެމްއެމްޕީއާރުސީގެ ހިޔަނާތުގައި މިހާތަނަށް ލިބުނު ކުރިއެރުމެއް ފެންނަން ނެތް އިރު، މި މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ހިނގާ ވަޒީރެއް ހުންނެވީ ކެބިނެޓުގަ އެވެ. އެހެން ކަމުން ކޮރަޕްޝަންގެ މައްސަލަތަކަށް ސަރުކާރުން ދޭ ސަމާލުކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ.

މިދިޔަ ދައުރުގައި ޖުޑިޝަރީ ދާއިރާ އޮތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގޮށްމުށުގެ ތެރޭގައިކަމަށް ވިދާޅުވި ބޭފުޅުންނަކީ ސުޕްރީމް ކޯޓުގެ ހުކުމްތައް ބަލައިގަތުމަށް ދެކޮޅު ހަދައި އެ މައްސަލަ ރިވިއު ކުރުމަށް އަންގާ ބޭފުޅުންނެވެ. މަޖިލީހަށް އެ މައްސަލައެއް ވައްދައި، ކޮމިޓީ މަރުހަލާގެ ތެރެއިން ނިންމުންތައް ނިންމާއިރު އެކަމަށް ދޭން ވީ ނަމެއްވެސް ނޭނގެ އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކުރަން މިހާތަނަށް ކުރެވުނު މަސައްކަތެއް ނެތެވެ.

ސިޔާސީ މަގާމުތައް ގިނަކޮށް، ދަރީންނާއި ދަރީންގެ ދަރިންނަށް ރައީސް މައުމޫން މަގާމުތައް ބަހަމުންދިޔަކަމަށް ވިދާޅުވި ބޭފުޅުންގެ ރައްޓެއްސެއް ނަމަ އެބޭފުޅެއް ވެސް ހުންނެވީ ރާއްޖެއިން ބޭރުގެ އެމްބަސީގެ ވަޒީފާގަ އެވެ. މެމްބަރުންގެ ދަރީން ތިއްބެވީ އަހަރަކު ލައްކައިން މުސާރަ ލިބޭ މަގާމުތަކުގަ އެވެ. މުޒާހަރާގެ އެންމެ ކުރީގައި ހުރެ، ޓުވީޓުތައް ކުރި މީހާ ހުރީ މާސްޓަސް އާއި، ބެޗްލާސް ޑިގްރީ ނިންމި ކުއްޖާގެ މައްޗަށް އަމުރު ކުރުމަށް ބޮޑު މުސާރައާއި އެކު ޑިރެކްޓަރުކަމުގަ އެވެ.

އެއް ގޭގެ ބަދިގޭއިން އަނެއްގޭގެ ސިޓިން ރޫމަށް ވެރިން ވަދެ، ކާ މޭޒުގައި އިށީނދެލައި ކެއުމުން އެއީ ވެރިންގެ ހެޔޮފުޅުކަންކަމަށް ދިވެހިން ގަބޫލު ކުރި ޒަމާން ގޮއްސި އެވެ. ބޭނުން ވަނީ އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، ހެޔޮ ދިރުއުޅުމެކެވެ. ތިމާމެން މީ، އާއްމު ރައްޔިތުންނާއި އެއް ގޮތަކަށް އުޅޭބައެއްކަމަށް ދައްކަން އެއް ދުވަހު މިނީ ބަހުން ދަތުރުކޮށް، އަނެއް ދުވަހު އިސްކޫރު ފެން ބުއިމަކުން އަދި ރައްޔިތުންގެ ހާލަތު ނޭނގޭނެ އެވެ. އާއްމު މީހާ އެއަށް ވުރެ ނިކަމެއްޗެވެ. ދިވެހި ޒުވާނުން ވަޒީފާއަށް ސަލާން ޖެހުމުގައި ތިބިކަން ސަރުކާރަށް ނޭނގެ އެވެ. ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ބޮއްސުންލާފައިކަން ސަރުކާރަށް ނޭނގެ އެވެ. ކޮރަޕްޝަނަށް މިތިބެވެނީ ވަރިހަމަވެ، އޭގައިން ބައި ނަގައިގެންކަން ސަރުކާރަށް ނޭނގެ އެވެ. ރައްޔިތުން މިވެރިން ދެކެ ފޫހިވީކަން ސަރުކާރަށް ނޭނގެ އެވެ.

ރަށްޓެއްސަކު ބުނެ އުޅޭހެން، ދެރައީ ގައުމު ހިންގަން ނޭނގޭކަން ވެސް ނޭނގޭތީ އެވެ.

ވަރަށް ގަދަ
49%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 1%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ދެރައީ މިގައުމުގަ ވާނުވާވެސް މީނައަށް ނޭނގޭކަން ނޭނގުނީމައެވެ މިވެސް ނޫސްވެރިންނޯލައެވެ

  2. ބުނެލަން އޮތީ ވެރިކަމަކީ ކޮންމެ ، ކޮންމެ މީހަކަށް ކުރެވޭނޭ ކަމެއް ނޫންކަމެވެ. ޢެކަން ހެޔޮ ހިތުން ގަބޫލް ކުރާ މީހުން އަހަރުމެން ބަލައި ގަންނާނަމެވެ.

  3. އަސްލު ވަރަށް ރިލަ ދިވެހިބަިން ތިކިޔައިދިނީ ރަން30 އަހަރުގެ ބާނީއާޢި ކުރިމަތިލީ ހަނގުރާ ކާމިޔާބުވީ އެތައްބައެއްގެ ބައިވެރިވުމާއި އެކު ކަންހނދާން ނެތެއް ކަމަކު އެހިސާބުން ފެށިގެން އައިސް މިއަދާ ހަމަޔަށް އެއްބަޔަކާއެކު އިތުރަށް މިބޭކަލުންގެ ހަތުރާވެސްއެކު މުޅިޤައުމުގެ ހުރި ބާރުތައް ގޮށްމުށް ތެރަށް ލައިގެން ވެސް ވެރިކަން ކުރާކަށް ނޭގުނު. އާކުލައެއް ނުދެއްކުނުތާ އަމިއްލަފުޅަށް އެކަކު އަނެކާއަށް ވަގަށް ގޮވާ އަމިއްލަޔަށް ރައްޔިތުންނަށް އަމިއްލަ ދުލުން ކިޔައިދެނީ ކުރުގޮތަކަށް ޤައުމުއޮތީ އިނދަޖެހިފައޭ. ކަންމަތީ ފިހާރަޔަށް ރައްޔިތުން ދަރަނިވެރިވެއްޖެ. ބްރިޖް ވެއްޓިއްޖެ. 40ބުރީގެ މީދާހޮރުވެސް ވިއްކާލައިފި. ހަށިއްވިއްކުން ޢާްމުވީ. ބަލާކަށް ނިކުންނާނެ ބައެއްވެސް ނެތް. އެއްޖިންސުން ގުޅުންހިނގުން މައްސަލައެއް ނޫން. ޤައުމުގެ ޙާލަތު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: