ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިނަށް ވެރިކަން ލިބުނީމަ އެމްޑީޕީ އިސްވެރިން ގައުމުން ފިލާނެ: ޝުޖާއު

ޕީއެންސީގެ ނައިބް ރައީސް ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، މިހާރުގެ ސަރުކާރުގެ އިސްވެރިން ދިވެހިރާއްޖެއިން ފިއްލަވާނެކަމަށް ގަބޫލު ކުރައްވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ރައީސް ޔާމީނާއި މެދު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އަދި އެމްޑީޕީގެ އިސްވެރިން ކަންކަން ކުރައްވަމުންދަނީ ނާއިންސާފުންކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ޕީޕީއެމްއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެކަމަށް ބަލައި އެމްޑީޕީގެ ސަރުކާރުން އިންތިހާއަށް ބިރުގަންނަކަމަށެވެ.

ޝުޖާއު ވިދާޅުވީ، އިސްލާމީ އުސޫލުތަކުގެ މަތިން ހިނގާ ޝަރީއަތެއްގައި ފާސިގުންގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ އޮޑިޓާރ ޖެނަރަލް ހަސަން ޒިޔަތަކީ އެފަދަ ބައެއް ކަމަށް ފާހަގަކުރައްވާ ޝުޖާއުވަނީ ސަރުކާރަށް އިތުރު މަގެއް ނެތުމުން ހެކިބަސް ނަގަމުންދާކަމަށް އިޝާރާތްކުރައްވާފައެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަފާނެތީ، އެމްޑީޕީގެ ސަރުކާރުގެ އިސްވެރިން އިންތިހާއަށް ޖެހިލުންވާކަމަށެވެ. އެހެން ކަމުން ގާނޫނު އަސާސީއާއި ހިލާފަށް އަމަލު ކުރަމުންދާކަމަށް ސިފަކުރައްވާ ޝުޖާއު ވިދާޅުވީ، އެފަދަ އަމަލުތައް ހިންގަމުންދާ މީހުންނަށް އެކަން ސާފުވާކަމަށްވުމުން، ކުރިއަށް އޮތް އިންތިހާބު ރައީސް ޔާމީނަށް ލިބިވަޑައިގެންފިނަމަ، ހުރިހާ އެންމެން ގައުމު ދޫކޮށް ފިއްލަވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ދިވެހިރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ ޝަރީއަތްތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނުފޫޒު ފޯރުވާކަމަށް ފާހަގަކުރައްވާ، އެ އަމަލުތައް ހިންގަމުންދަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެކަމުގައި އިސްކޮށް ހުންނަވައިގެންކަމަށްވެސް ޝުޖާއުވަނީ ތުހުމަތު ކުރައްވާފައެވެ.

ޝުޖާއު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ ޝަރީއަތްތަކުގައި ވަކީލުން ނަގަން ޖެހެނީ ހިސާން ހުސައިންގެ ކުންފުނިންކަމަށެވެ. އަދި އެ ނޫން ތަނަކުން ވަކީލެއް އިންތިޒާމުކޮށްފިނަމަ އިންސާފެއް ނުލިބޭކަމަށާއި މިހާރުގެ އެޓާރނީ ޖެނަރަލް އިބްރާހިމް ރިފްއަތަށް ކަން ހިނގަމުންދާ ގޮތުގެ ހަގީގަތް އިންގިވަޑައިގެންނެވި ނަމަވެސް ނޭނގޭކަމަށް ހައްދަވައިގެން އިންނަވާ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ބޮޑެތި ކުށްތަކަށް އަރައިގަތުން އާންމުވެފައިވާކަމަށް ސިފަކުރައްވާ ޝުޖާއު ވިދާޅުވީ، އެފަދަ ކުށްތައް ހިންގަމުންދާ ފަރާތްތަކާއިމެދު ސަރުކާރުން ފިޔަވަޅެއް ނާޅާ ކަމަށެވެ. އެހެން ނަމަވެސް މާރުކޭޓުން ރިހާކުރު ފުޅިއެއް ވަގަށް ނެގުން ފަދަ އަމަލުތައް ބަލަމުންދާކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުން ސަރުކާރަށް ފާޑުކިޔުންތަކާއި މަލާމާތްތައް އަމާޒު ކުރަމުންދަނީ ސަބަބެއް ނެތި ނޫންކަމަށެވެ. އަދި މިއަދު ސަރުކާރުގެ އިސްވެރިން އުޅުއްވަނީ ރައްޔިތުންނަށް ފިއްލަވައިގެންކަމަށާއި، މަގުތަމަތިން ފެނުމުންވެސް ރައްޔިތުން ޝަކުވާކޮށް ފާޑުކިޔާ ހިސާބަށް ކަންކަން ގޯސްވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ފިލައިގެން ނޫޅެވޭނެކަމަށާއި ބާރު ލިބެނީ ރައްޔިތުންގެ ކިބައިން ކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަކީ ވެރިކަމަށް އައުމުގެ ތެރެއިން ޖޭއެސްސީ އިސްލާހު ކުރުމަށް ވައުދުވެފައިވާ ސަރުކާރެއްކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް އައުމަށް ފަހު، އެކަން ކުރެވިފައިނުވާތީ ދެ ފަހަރެއްގެ މަތިން ޕީޕީއެމްގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށައެޅުމުންވެސް މައްސަލަ ބޭރުކޮށްލި ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، އެ މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އަބަދުވެސް ދައްކަވާ ވާހަކައަކީ ކޮމްޕޮޒިޝަން ބަދަލުވާންޖެހޭ ވާހަކަ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރުމަށް މަދުވަނީ ކޮން ވަސީލަތެއް ތޯ ސުވާލުކުރައްވާ އެނާވަނީ މަޖިލީހުގައި އޮތީ އެމްޑީޕީގެ އަގުލަބިއްޔަތު ކަމަށް އިޝާރާތް ކުރައްވާފައެވެ.

މީގެ އިތުރުން ޝުޖާއުވަނީ ރައީސް ސާލިހުގެ ޕޯޑިއަމްތަކުގައި ވިދާޅުވާ ހުރިހާ ކަމަކީ ވައުދުތައް ނޫންކަމަށާއި، ވައުދެއް ނަމަ މެނިފެސްޓޯގައި ހިމެނިފައިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތްކުރައްވާ ގައުމުގެ ހާލަތު ގޯސްވެފައިވަނީ ގިނަ ވާހަކަތަކެއް ދެއްކުމަށްފަހު އަމަލީ މަސައްކަތެއް ނުކުރުމުންކަމަށް ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 64%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: