މަސްވެރިންނަށް ސަރުކާރުން ވީ ވައުތައް ނުފުއްދޭކަމަށާއި، ވެރިކަން ބަދަލު ކުރުމަށް އެންމެން އެކީ ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިން ބާނާ މަސް ނުކިރި މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފައިވާތީ ހުށައެޅުނު ކުއްލި މައްސަލައަށް ބަހުސް މަރުހަލާގައި އާދަމް ޝަރީފް ވިދާޅުވީ 2019 ވަނަ އަހަރު މަޖިލިސް ފެށުނު އިރު އޮފްޝޯރ ޕްލެޓްފޯމާއި ކަންނެލި ޖަގަހަ އާއި ގޭދޮށު މަސްފެކްޓްރީގެ ވާހަކަ ފޯރިއާއެކު ގަރާރުތައް ހުށައަޅައިގެން ދެކެވުނު ކަމަށެވެ.
މަސްވެރިންނަށް ރަނގަޅު ގޮތެއް، މަސްވެރިންނަށް ރަނގަޅު ގޮތެއް ދެންއޮތީ މިވެރިކަން ބަދަލުކޮށްގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި މަސްވެރިންނަށް ވެފައިވާ ވައުދުތައް ވުޖޫދަށް އައިސްފިނަމަ މަސްވެރިންނަށް ކޮންމެވެސްވަރެއްގެ އުއްމީދެއް އޮތް ކަމަށް ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ އޭނާ އަކީ ރިޔަލުދޯނިފަހަރުގައި މަހަށް ގޮސް އުޅުނު މީހެއް ކަމުން މިއަދުވެސް އެކަމުގެ ޝައުގުވެރިކަން ހުރުމާއެކު އޮފްޝޯރ ޕްލެޓްފޯމްގައި މަސްވެރިކަން ކުރުމުގެ ތަޖުރިބާ ކޮށްލަން ލިބިގެން ދާނެކަމުގެ އުއްމީދު ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ނައިފަރު ދޮހޮއްކޮބޭގެ ލަވައިގައި ކިޔާގޮތަށް އެހުރިހާ ކަމެއްވެސް ނަނާ ހުވަފެންދުށީމޭ ކިޔާފައި އެ ފަރިހި ނިންމާލަން ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މަސްވެރިންނަށް ކޮށްދޭން ބުނި އެއްކަމެއް ވެސް މިވެރިކަމުގައި ވެގެން ގޮސްފައިނުވާ ކަމަށާއި މަސްވެރިކަމުގެ ވަޒީރު މަޖިލީހަށް ހާޒިރުކުރައްވައި އެމްޑީޕީ އާއި ޕީޕީއެމް އިން ވެސް ދެއްކީ އެއްވާހަކަ އެއް ކަމަށާއި އެއީ ސަރުކާރުން މަސްވެރިންނަށް އަޅާނުލާ ނުވަތަ މަސްވެރިކަން އެއްވެސް ވަރަކަށް ސަރުކާރަށް ނޭނގޭ ވާހަކައެވެ.
މަސްވެރިން މިއަދު ދައްކަމުންގެންދާ ވާހަކައަކީ ރާއްޖޭގެ މަސްކަނޑުތަކަށް ބޭރުގެ ބޯޓްފަހަރު ވަދެމަސްބާނާ ވާހަކަ ކަމަށާއި އެކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއެންޑީއެފް އަކީ ރާއްޖެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ މަސްބޯޓުތައް އަތުލައިގަތުމުގައި ހުޝިޔާރު ބައެއް ކަމަށާއި އެމްއެންޑީއެފުން ބޭރުގެ އެހެން އަސްކަރީ ފަރާތްތަކާއި ގުޅިގެން ވެސް ރާއްޖޭގެ މަސްކަނޑުތައް ހުރީ މިހާތަނަށް މީގެ ކުރިންވެސް ވަރަށް ރަނގަޅަށް ބަލަހައްޓާފައި ކަަމަށެވެ.
މިއަދުގެ ސަރުކާރުން ރާއްޖޭގެ މަސްކަނޑުތައް ބަލަހައްޓާކަމުގެ ޔަގީންކަން މަސްވެރިންނަށް ނުދެވުނު ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކައަށް ސަރުކާރަށް ޖަވާބުދާރީ ނުވެވޭ ކަމަށާއި ފެންނަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވަމުން އަދި ފެއިލް ވަމުން ދާތަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަސްވެރިންނަށް ރަނގަޅު ގޮތެއް ދެންއޮތީ މިވެރިކަން ބަދަލުކޮށްގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

