ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ލިބޭ، މިހާރު ޖެހެނީ ބޭސް ގުޅަ ހޯދަން ދުވަން!

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރުން ފެށިގެން ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓުމަކަށް ގެނެވިފައިވާކަމަށް ބުނެއެވެ. މިއީ ހަގީގަތެއް ކަމަށްވެސް ބުނެވެން ފުރުސަތު އެބައޮތެވެ. އާސަންދައިގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ޑޮކްޓަރަކަށް ދައްކާލައި، ބޭސް ސިޓީއެއް ހޯދުމުގެ ފުރުސަތު މިއަދު ފަހިވެފައިވެއެވެ.

ހުވަފެނެއް ފަދަ މި ނިޒާމުގެ ދަށުން ރައްޔިތުން ދިރިއުޅެމުން ދިއުމަށް ފަހު، މިއަދު ހޭވެރިކަން އަންނަން ފަށައިފިއެވެ. އިންސާނާގެ ލޮލަކީ އެންމެ މުހިންމު އެއް ހިއްސުގެ ވެރި ގުނަވަންކަމަށްވާއިރު، މައްސަލައެއް ހުރިކަމަށް ބަޔާންކޮށް، ބޭނުންވާ ފަރުވާގެ ވާހަކަ ޖަހާފައިވާ ސިޓީއެއް ހޯދުމުގެ ފުރުސަތު ފަހިކަމަކީ ހަމަ ހަގީގަތެކެވެ. އެހެން ނަމަވެސް ސިޓީގައި ލޮލަށް ބޭނުންވާ އައިނުގެ ބިއްލޫރިކޮޅުގެ ނަންބަރު ޖަހާފައި އޮތަސް ނުނިމެއެވެ.

ސަރުކާރަށް އޮޅުމެއް އަރާފައި އޮތީކަމެއް ސާފެއް ނޫނެވެ. ޑޮކްޓެރެއް އަތުން ސިޓީއެއް ހޯދައިގެން ގޮސް އެ ފައިލުކޮށްފައި ބާއްވަނީކަމަށް ނުވަތަ އެ ފްރޭމް ކުރަނީކަމަށް ހީވެފައިވާކަމަށް ސިފަވެއެވެ. އައިނެއް އަޅަންޖެހޭ މީހަކަށް އާސަންދައިގެ ދަށުން ދެނީ 1000$ އެވެ. ބާކީ ދައްކަން ޖެހެނީ އަމިއްލަ އަތުނެވެ. މިފަދަ ގޮތަކަށް މިކަން އޮތުމުން ސަލާން ޖެހުން ހުއްޓުމަކަށް ގެނެވިފައިވާކަމާއި މެދު އަދިވެސް ސުވާލު އުފެއްދުމަށް ޖާގަތަކެއް އޮވެއެވެ.

ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓުމަކަށް ގެނެވިފައިވާކަން ގަބޫލު ކުރިނަމަވެސް ބޭހަށް ސަލާންޖެހުން ހުއްޓުމަކަށް ގެނެވިފައިވާކަން ގަބޫލު ކުރެވޭކަށް ނެތެވެ. ވެރިކަން ކުރާ ރަށް މާލޭގެ ރައްޔިތުން ފިޔަވާ އެހެނިހެން ރަށްތަކަށް ނިސްބަތްވާ ދިވެހި ރައްޔިތުން އަދިވެސް ބޭސް ހޯދަމުންދަނީ އެކި ދަތިތަކާއި ކުރަމިތިލުމަށްފަހުއެވެ. ރަށް ރަށުގައިވެސް ޑިސްޕެންސަރީ ނުވަތަ ބޭސް ފިހާރަތައް ތިބެއެވެ. އަދި ސިއްހީ މަރުކަޒުތައްވެސް ތިބެއެވެ. އެހެންނަމަވެސް ލިބެމުންދާ ހިދުމަތްތަކުގެ ފުރިހަމަކަން މިހާރު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކަ ކަމަށްވާ ބޯހިޔާވަހިކަމުގެ ވާހަކައިގެ ތެރެއިން ފާހަގަކުރެވެއެވެ.

އެހެނިހެން ރަށްތަކުގެ ރަށްވެހިން މާލެ އަންނަން ޖެހިފައިވާ މައިގަނޑު އެއް ސަބަބަކީ ބޭސް ފަރުވާގެ ބޭނުމުގައެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އެއް އަތޮޅުކަމަށްވާ އައްޑޫގައި ތިބި ރަށްވެހިންވެސް މި ބޭނުމުގައި ކެނޑިނޭޅި ވަޒަންވެރި ރަށާއި ރާއްޖޭގެ ވެރިރަށް މާލެއާއި ދެމެދު ދަތުރު ކުރަންޖެހިފައިވެއެވެ.

އެ ވިދާޅުވަމުންދާ ނިޒާމުތައް ފުރިހަަމަނަމަ، މިއަދު މިވާހަކަތައް ނުދެެއްކޭނެ ކަމަކީ ޝައްކެއްވެސް ނެތް ކަމެކެވެ. މިހެން ބުނުމުންވެސް ދެންވެސް ވެރިކަން ކުރާ ފަރާތްތަކުން ދޮގު ކުރާނެއެކެ. ސިއްހީ ނިޒާމު ފުރިހަމަކަމަށް ބުނާނެއެވެ.

އެ ވިދާޅުވާ ފުރިހަމަކަން ގެނެވިފައިވާނަމަ، ކިޑްނީ ޕޭޝަންޓުންފަދަ މީހުން އަމިއްލަ ވަޒަންވެރި ރަށުގެ އަރާމުތައް ދޫކޮށް، ނުބައްދަލު އަދި ދަތި މާހައުލަކަށް އައުމަށް އަދި އެ މާހައުލުގައި ތިބުމަށް އެތައް ފައިސާއެއް އަތުން ހަރަދުކުރާކަށް ނުޖެހޭނެއެވެ.

ސިޓީ ލިބި، ޑޮކްޓަރުން ތިބޭ ކަމަށް ބުނުމުގެ ފުރުސަތު އޮތް ނަމަވެސް، މިއަދު ފާހަގަކުރެވޭ އެންމެ ބޮޑު އެއް ދައްޗަކީ ބޭސް ހޯދުމަށް ދުވަންޖެހޭ ދުވުމެވެ. ޑޮކްޓަރެއް ދޭ ސިޓީގައި ވަކި ބްރޭންޑެއްގެ ބޭހެއް ޖަހަނީ އެ ބްރޭންޑަކީ އިތުބާރު ހިފޭ ބްރޭންޑަކަށްވުމުންނެވެ. އަދި އެއް ބޭހެއް ނަމަވަސް އެކި ބްރޭންޑުތަކުގައި މާއްދާތައް އެކުލެވިފައިވަނީ ތަފާތު މިންގަނޑުތަކަށް ކަމަށްވުމުންނެވެ.

އެހެންނަމަވެސް ވަކި ބްރޭންޑެއް ޖަހައިފިނަމަ، އަނބުރާ ބޭސް ސިޓީ ބަދަލު ކުރަން ޑޮކްޓަރުގެ ގާތަށް ދާންޖެހޭ ފަހަރުތައް މަދެއް ނޫނެވެ. މިއީ އާންމު ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ފާހަގަކުރެވިފައިވާނެކަމެކެވެ.

ހާއްސަ ބަލިތަކަށް ފަރުވާ ހޯދާ ނުވަތަ ދާއިމަށް ބޭސް ފަރުވާ ކުރާ މީހުންނަށް ބޭނުންކުރަމުންދާ ބްރޭންޑު ބަދަލު ނުކުރުމަށްވެސް ޑޮކްޓަރުން އިރުޝާދު ދީފައި ހުންނާނެއެވެ. މިފަދަ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ، އެއް ޑިސްޕެންސަރީއިން އަނެއް ޑިސްޕެންސަރީއަށް ދުވަންޖެހުމެވެ.

ބޭސް ފޯރުވައިދިނުމުގެ ހިދުމަތެއް އޮތްނަމަވެސް އެ ހިދުމަތަކީ އެންމެ އަވަސް ހިދުމަތްކަމަށް ނުވާތީ، އަތޮޅު ތެރޭގެ ރަށްވެހިން ބޭސް ހޯދަންޖެހެނީ އަމިއްލައަށް ވެރިރަށް މާލެ އައިސްގެން ނުވަތަ މާލޭގައި ތިބި ރައްޓެހިންނާއި އާއިލީ މީހުންގެ އެހީގައެވެ. އެ ނޫން ގޮތަކަށް ކުރާ ނަމަ، މަދު ފަހަރަކު ނޫނީ، ކޮންމެހެން ކާންޖެހޭ ބޭސްވެސް ނުލިބި އެތައް ދުހެއްވެސް ގޮސްދާނެއެވެ.

އަދަކީ ތަހުޒީބު ޒަމާނަކަށްވެ، އެތައް ކުރިއެރުންތަކެއް އައިސްފައިވާއިރު، މިއަދުވެސް ދިވެހި ރައްޔިތުން ބޭސް ހޯދުމަށް އުޅެންޖެހޭ ހާލަތު ފެނުމުން ހަމަ ހައިރާންވެއެވެ. ޑިސްޕެންސަރީ ހުންނަ ސަރަހައްދުތަކުގައި ހުއްޓިލުމުން ފެނިގެންދަނީ އެއް މީހަކު އެއް ސިޓީއެއް ހިފައިގެން ގޮސް ފަހަރަކު ބޭސް ފިހާރައަކަށް ވަންނަމުންދާ މަންޒަރެވެ. ވަންނަން ޖެހެނީ އެއް ތަނަކުން ބޭސް ލިބެން ނެތުމުންނެވެ. އެންމެ ރަނގަޅު ބްރޭންޑުކަމަށް ބޭސް ފަރުވާ ދިން ޑޮކްޓަރު ބުނެފައިވާ ބްރޭންޑު ލިބެން ނެތުމުންނެވެ. ހާއްސަ ބައްޔަކަށް ބޭނުންވާ ބޭސްތަކެއް ހޯދާ މީހަކު ނަމަ ގިނަ އަދަދެއްގެ ފިހާރަތަކަށް ވަދެން ނޫނީ ބޭސް ހޯދޭ ފަހަރު މަދުން ނޫނީ ނާދެއެވެ.

އެއް ޑިސްޕެންސަރީއިން އަނެއް ޑިސްޕެންސަރީއަށް ދުވުމަށްފަހުވެސް ބޭސް ނުލިބި ދެއެވެ. އެހެންކަމުން ޖެހެނީ ބޭރު ގައުމަކުން އޯޑަރު ކުރާށެވެ. ރާއްޖޭގެއް ރައްޔިތުންނަށް ބޭސްތައް ބޭނުންވާކަން އިނގޭއިރު، ބޭނުންވާ ބޭސްތައް އެ މިންވަރަށް ނުހުންނަންވީ ސަބަބެއް ނެތެވެ. ކޮންމެ ސިޓީއަކީ އާސަންދައިގެ ދަށުން ދޫކުރާ އެއްޗަކަށްވާއިރު، ބަލާ ބަޔަކު ތިބޭ ނަމަ، އެކި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދުތައް ސާފުކޮށް ފެންނަން ހުންނާއެވެ. އެހެންކަމުން މަދު ނުވާނެވަރަށް ގެނެވެންވާނެއެވެ.

މީގެ އިތުރުންވެސް ނިޒާމުގެ ފުރިހަމަކަން އިނގެން އޮތް އިތުރު މަގެއް އޮވެއެވެ ރާއްޖެއިން ފަރުވާ ނުލިބިގެން ނުވަތަ ރާއްޖެއިން ކުރާ ފަރުވާއަށް އިތުބާރު ކުރެވޭލެއް ބޮޑުކަމުން ގައުމުން ބޭރަށް ފުރައިގެންދާ މީހުންގެ ނިސްބަތަށް ބަލައިލުމުން ނިޒާމު ފައްކާވެ ފުރިހަމަވެފައިވާ މިންވަރު އިނގިގެންދާނެއެވެ.

ހިދުމަތްތައް ފުރިހަމަ ނަމަ، ކަނޑައެޅިގެން ރާއްޖެއިން ލިބޭ ހިދުމަތެއް ހޯދުމަށް، އަހަރު ތެރޭ އެއްކުރިހާ ފައިސާތަކެއް ހޭދަކޮށް ގޮސް ބާކީ ހުރިހާ ފައިސާއެއް ބޭރު ގައުމެއްގެ ހޮސްޕިޓަލަކަށް ހަރަދުކުރަން އެކަކުވެސް ބޭނުން ނުވާނެއެވެ. މި ދެކެވެނީ އަރާމު ވީކެންޑެއްގެ ވާހަކައެއް ނޫނެވެ. ފަރުވާ ހޯދުމަށް ހަދަންޖެހޭ އޮޕަރޭޝަނެއްގެ ސަބަބުން އެތައް ހާލެއްގައިވެސް އުޅެންޖެހިދާނެއެވެ. އެފަދަ ހާލެއްގައި ޖެހުމުން ވެގެންވާނަމަ އެންމެންވެސް ތިބެން ބޭނުންވާނީ ގާތް ތިމާގެ މީހުންނަށް އައިސް ވަދެ އެހީ ފޯރުވައިދެވޭ ހިސާބުގައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: